Roadha Mihaaru
ކެޕްޓަންކަންދޭން މާކްސް ބަދަލުކުރި ޓީޗަރަކު ސަސްޕެންޑު

ނިލަންދޫ ސްކޫލްގެ ކެޕްޓަންކަން ވަކި ކުއްޖަކަށް ދޭން އުޅުނު މައްސަލައެއް ހޫނުވެ، ޓީޗަރަކަށް ސަސްޕެންޝަން!

01 އޯގަސްޓް 2024

ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަންކަން ވަކި ކުއްޖަކަށް ދިނުމަށް މާކްސް ބަދަލުކުރި ލީޑީން ޓީޗަރު ޔާސިރު އަބްދުއްނާސިރު ސަސްޕެންޑްކޮށް، މައްސަލަ އެޑިއުކޭޝަން މިިނިސްޓްރީން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަންކަން ވަކި ކުއްޖަކަށް ދިނުމަށް މާކްސް ބަދަލުކުރި ލީޑީން ޓީޗަރު ޔާސިރު އަބްދުއްނާސިރު ސަސްޕެންޑްކޮށް، މައްސަލަ އެޑިއުކޭޝަން މިިނިސްޓްރީން ބަލަން ފަށައިފި އެވެ.

ފ. ތައުލީމީ މަރުކަޒު ސްކޫލުގެ ކެޕްޓަން ހޮވުމަށް ގްރޭޑް 11 ގައި ކިޔަވާ ދެ ދަރިވަރުންގެ މެދުގައި ވޯޓެއް ނެގީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ބެލެނިވެރިއަކު މިނިސްޓްރީ އަށް މައްސަލަ ހުށަހެޅީ މާކްސް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "މިހާރު" އަށް ރޭ ވިދާޅުވީ، ފ އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަން ހޮވުމުގައި މައްސަލަތަކެއް އުޅޭ ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބުނު ކަމަށެވެ. އެ މައްސަލަ ބެލިއިރު ފާހަގަވީ ލީޑީން ޓީޗަރަކު، ކުއްޖެއްގެ މާކްސް ބަދަލުކޮށްފައިވާކަން ކަމަށާއި އެ މައްސަލާގައި އެ ޓީޗަރު ސަސްޕެންޑު ވެސް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ސިވިލް ސާވީސް ކޮމިޝަނުން އެ ޓީޗަރުގެ ސަސްޕެންޝަން އުވައިލުމުން މިނިސްޓްރީން މިހާރު ވާނީ އަލުން އިވެލުއޭޝަން ހެދުމަށް ސްކޫލަށް އަންގާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ނިލަންދޫ ސްކޫލު

ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ނިލަންދޫ ސްކޫލު

ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން، ލިޔެކިޔުމަށް ބަދަލު ގެނައުމަކީ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ވަގުތުން އެ މީހަކަށް ސަސްޕެންޝަން އަންނާނެ އެވެ. އޭގައިވާ ގޮތުން ތިން ވަނަ ދަރަޖައިގެ ކުށެއް ކުރުމަށް ފަހު، އެނބުރި ވަޒީފާ އަށް ނުކުންނައިރު ކުރިން ހުރި ލެވެލަށް ވުރެ މަގާމު ދަށްވާނެ އެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަން ކަމަށް ކުރިމަތިލައި، ނުހޮވުނު ކުއްޖާގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ ލީޑީން ޓީޗަރު ޔާސިރު ސަސްޕެންޑު ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭގެ ފަސް ދުވަސް ފަހުން އަލުން ވަޒީފާ އަށް ނުކުތީ އެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު އެވެ.

"[ލީޑިން ޓީޗަރު ޔާސިރު] ސަސްޕެންޑު ކޮށްފައި، ޖެހިގެން އައި ދުވަހު ސްކޫލު ގްރޫޕަށް މި ލީ، އެ ދުވަހު ނެގި ވޯޓު ބާތިލް ކޮށްފައިވާ ކަމާއި އަލުން އުސޫލުތަކެއް ހަދާފައި އިއުލާނު ކުރާނެ ކަމަށް. އަޅުގަނޑުމެންނަށް މެސެޖެއް އައި ސްކޫލުގެ ލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭތީ ރަނގަޅު ކޮށްފައި ކުރިއަށް ގެންދަން މިނިސްޓްރީން އަންގާފައިވާ ކަމަށް،" އެ ބެލެނިވެރިޔާ ބުންޏެވެ.

ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ނިލަންދޫ ސްކޫލު

ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ނިލަންދޫ ސްކޫލު

އެ ކަންތައްތަކަަށް ފަހު އެ ކުއްޖާ އަލުން ކެޕްޓަން ކަމަށް ކުރިމަތިލާކަށް ވެސް ބޭނުމެއް ނުވި އެވެ. އެއީ ވަކި ކުއްޖަކަށް އެ މަގާމު ދޭން ވަކި ޓީޗަރެއްގެ ނުފޫޒުން މާކްސްތަކާ ކުޅެ، ބޮޑު ކަންތައްގަނޑެއް ހިންގާފައި ވާތީ އެވެ. އެކަމަކު، އެ ކުއްޖާގެ ބެލެނިވެރިން ސާބިތުކޮށްދޭން ބޭނުންވީ އަބަދު އެ ކުއްޖާ އާއި ބެލެނިވެރިން ގޯސް ނުވާނެކަން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބެލެނިވެރިޔާ ބުންޏެވެ.

އަޅުގަނޑު އަދިވެސް އާދޭހާ އެކު މި އެދެނީ ޓީޗަރުންނާއި ބެލެނިވެރިންނަށް މި ކަމުގެ ހަގީގަަތްތައް ސާފުކޮށް ކިޔައިދޭން. ގޮތް ދޫކޮށް، ކަންކަން ނުފޮރުވައި، ނަތީޖާ ޝީޓުތައް ހާމަކަން ބޮޑުކޮށް އިސްލާހު ކުރުމަށް. ކޮންމެ ކުއްޖަކު ހޮވުނަސް އެއީ ރަނގަޅު ގޮތް،"--- ބެލެނިވެރިއެއް

ފ. ތައުލީމީ މަރުކަޒުގެ ކެޕްޓަން ހޮވުމަށް ނެގި އިމްތިހާނުގެ ނަތީޖާއާ ގުޅޭ ގޮތުން ކަނބޮޑުވުން ފާޅުކުރި ބެލެނިވެރިންނާ، ޕްރިންސިޕަލް އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ލީޑީން ޓީޗަރު ޔާސިރު މާސްކްސް ބަދަލުކޮށްފައިވާ ކަމަށާއި އެކަން މިނިސްޓްރީ އަށް ވެސް އެނގޭ ކަމަށް ޕްރިންސިޕަލް ވިދާޅުވި ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

"އެކަން ބެލެނިވެރިންނާ ހިއްސާ ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޕްރިންސިޕަލް ވިދާޅުވީ ޓީޗަރަކު ބަދުނާމު ކުރަން ބޭނުން ނުވާތީ ކަމަށް. ހަމަ މިހެން [ޕްރިންސިޕަލް] ވިދާޅުވީ "ޓީޗަރަކު އޮރިޔާން ކުރަން" ބޭނުން ނުވާތީ އެ ވާހަކަތައް އެހާ ތިލަކޮށް އަދި ކިޔާ ނުދެވޭނެ ކަމަށް ވިދާޅުވި،" އެ ބައްދަލުވުމަށް ދިޔަ މީހަކު ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންގާފައިވާ ގޮތަށް، ހުވާކުރުން ކުރިއަށް ނުގެންދަނީ ކީއްވެތޯ އެ ބައްދަލުވުމުގައި ބެލެނިވެރިއަކު ސުވާލު ކުރުމުން ޕްރިންސިޕަލް ވިދާޅުވީ، އެންމެ ފުރަތަމަ ސްކޫލުން ވެސް ގެންގޮސްފައިވާ ގޮތަށް އިންތިހާބު ކުރިއަށް ގެންދާ ނަމަ ޔާސިރު ހޮވަން ބޭނުންވާ ކުއްޖާ ނުހޮވޭނެ ކަމަށެވެ.

ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިލަންދޫ ސްކޫލު

ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިލަންދޫ ސްކޫލު

އެކަން އެގޮތަށް ވެއްޖެ ނަމަ މުޅި ސީނިއާ މެނޭޖްމެންޓް ޓީމް (އެސްއެމްޓީ) އިސްތިއުފާ ދޭނެ ކަމަށާއި އެހެންވެ މި ވަގުތު އިތުރު ގޮތެއް ހޯދުމަށް ޕްރިންސިޕަލް މަސައްކަތް ކުރައްވާ ކަަމަށް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ވެސް އެ ބެލެނިވެރިޔާ ބުންޏެވެ.

ސައްހަ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ވަކި ޓީޗަރަކު އިސްވެ ހުރެ މަގާމުން ކަޓުވާލަން ބޭނުންވި ކުއްޖާ އަށް ސްކޫލްގެ ކެޕްޓަންކަން ލިބޭ ކަމަށް އެ ބައްދަލުވުމުގައި ޕްރިންސިޕަލް ވިދާޅުވި ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

"އަޅުގަނޑު އަދިވެސް އާދޭހާ އެކު މި އެދެނީ ޓީޗަރުންނާއި ބެލެނިވެރިންނަށް މި ކަމުގެ ހަގީގަަތްތައް ސާފުކޮށް ކިޔައިދޭން. ގޮތް ދޫކޮށް، ކަންކަން ނުފޮރުވައި، ނަތީޖާ ޝީޓުތައް ހާމަކަން ބޮޑުކޮށް އިސްލާހު ކުރުމަށް. ކޮންމެ ކުއްޖަކު ހޮވުނަސް އެއީ ރަނގަޅު ގޮތް،" ބެލެނިވެރިއަކު ބުންޏެވެ.

"ސްކޫލާ މެދު ގެއްލިފައިވާ އިތުބާރު ލިބޭނީ ވެސް ރަނގަޅަށް ކަންކަން ކޮށްގެން."

ފ. ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރަކަށް ޔާސިރު ހަމަޖެއްސީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ އެ ސްކޫލްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެ ސްކޫލްގެ އޯ ލެވެލް އާއި އޭ ލެވެލްގެ އެންމެ ރަނގަޅު ކުދިން ހޮވުމުގައި ގޯސްތަކެއް ހެދި މައްސަލަ ވެސް ކުރިން ފެންމަތިވި ކަމަށް ބެލެނިވެރިއަކު ބުންޏެވެ. އެކަމަކު، އެކަން ފަހުން ރަނގަޅު ކުރި ކަމަށް ވެ އެވެ.

މި މައްސަލަތަކާ ގުޅޭ ގޮތުން، ފ. ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދުގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް އޭނާ ވާހަކަ ދައްކަވަން ބޭނުމެއް ނުވި އެވެ.