Roadha Mihaaru
ފޮތިނެޕީ ޖަހަން ބާރުއަޅައި މަގޫދޫގައި ބޮޑު ކެމްޕެެއިނެއް

ފޮތި ނެޕީ ޖަހަން ބާރު އަޅައި، މަގޫދޫގައި ބޮޑު ކެމްޕެއިނެއް ފަށައިފި

30 ޖުލައި 2024

ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދުކުރުމަށްޓަކައި، އެ ރަށުގެ ތުއްތު ކުދިން ބޭނުންކުރާ ޕްލާސްޓިކް ނެޕީގެ ބަދަލުގައި ފޮތި ނެޕީ ޖެހުމަށް ބާރު އަޅައި، ކެމްޕެއިނެއް ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދުކުރުމަށްޓަކައި، އެ ރަށުގެ ތުއްތު ކުދިން ބޭނުންކުރާ ޕްލާސްޓިކް ނެޕީގެ ބަދަލުގައި ފޮތި ނެޕީ ޖެހުމަށް ބާރު އަޅައި، ކެމްޕެއިނެއް ފަށައިފި އެވެ.

އެއީ މަގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށު ކައުންސިލާއި ސިއްހީ މަރުކަޒުން އިސްނަގައިގެން ސޮނެވާގެ އެހީގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ އިދާރާތައް ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފެދޭ ނެޕީ ކުނި މަދުކުރުމާއި ރަށަށް އެތެރެކުރާ ޑިސްޕޯޒަބަލް ނުވަތަ އެއްފަހަރާ ބޭނުންކޮށްފައި އެއްލައިލާ ނެޕީ މަދުކުރުމުގެ އިތުރުން މުޖުތަމައުގައި ރިޔޫސަބަލް ނެޕީ ބޭނުންކުރުމުގެ ސަގާފަތެއް އާލާކުރުން ކަމަށެވެ.

މަގޫދޫގައި މިހާރު އުޅޭ ނެޕީ ޖަހާ ކުދިންގެ އާއިލާތަކުން ތިން މަސް ދުވަހުގެ އެ ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް ބަޔާނުގައި ވެ އެވެ. އެއީ 32 އާއިލާއެކެވެ.

ފޮތި ނެޕީ ކެމްޕެއިނުގައި ބައިވެރިވި ބެލެނިވެރިއަކަށް ނެޕީ ހަވާލުކުރަނީ.

ފޮތި ނެޕީ ކެމްޕެއިނުގައި ބައިވެރިވި ބެލެނިވެރިއަކަށް ނެޕީ ހަވާލުކުރަނީ.

އެ ޕްރޮގްރާމު އިފުތިތާހު ކުރުމަށް ބޭއްވި ހަރަކާތުގައި ވަނީ ރަށުގެ ނެޕީ ޖަހާ ކުދިން އުޅޭ އާއިލާތަކަށް ރިޔޫސަބަލް ނެޕީ ކިޓެއް ހަވާލުކޮށް، އެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

"ދަރިންނަށް ރައްކާތެރި ސިއްހަތާއި ވެށްޓެއް ކަށަވަރު ކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރު އަޅާ އާދަތައް އިސްކުރުމަށް އެއްބަސްވެ ޕްލެޖެއްގައި ޕްރޮގްރާމުގެ ބައިވެރިން ސޮއިކުރި އެވެ،" ބަޔާނުގައި ވެ އެވެ.

މި ކަމުގައި އަމަލީ ގޮތުން ބައިވެރިވާ އިދާރާތަކުން ބުނީ ރިޔޫސަބަލް ނެޕީ ޓްރައިލްއަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ބައިވެރިވާ މެމްބަރުން ހިމެނޭ ސަޕޯޓް ގްރޫޕެއް ވެސް އިފްތިތާހުކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ އާއިލާތަކުގެ ތަޖުރިބާ އެހެން ބައިވެރިންނާ ހިއްސާކޮށް، އެކަކު އަނެކަކުގެ ކިބައިން ދަސްކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.

އެ ޕްރޮގްރާމުގެ ތެރެއިން ވަނީ މަގޫދޫގެ ރީޓެއިލް ފިހާރަތަކަށް ރިޔޫސް ކުރެވޭ ނެޕީއާ ބެހޭ މައުލޫމާތު ފޯރުކޮށްދީފަ އެވެ. ރިޔޫސް ކުރާ ނެޕީ ސަޕްލައި ކުރާ ފަރާތެއް ކަމަށްވާ ޒީރޯ ވޭސްޓް މޯލްޑިވްސް ތައާރަފު ކުރާނެ ކަމަށް ވެ އެވެ. އޭގެ ސަބަބުން މަގޫދޫގައި ރިޔޫސަބަލް ނެޕީ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ އެވެ.

މަގޫދޫގައި ޕްލާސްޓިކް މަދުކުރުމަށް ފެށި ނެޕީ ކެމްޕެއިނުގެ ތެރެއިން.

މަގޫދޫގައި ޕްލާސްޓިކް މަދުކުރުމަށް ފެށި ނެޕީ ކެމްޕެއިނުގެ ތެރެއިން.

މަގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މާޖިދާ ހަަސަން ވިދާޅުވީ، ކުނި މެނޭޖު ކުރުމަކީ އެ ރަށަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށާއި ނެޕީ ކުންޏަކީ ސިއްހީ ގޮތުން ބެލިޔަސް ނުރައްކަލަކަށް ވާތީ މި ޕްރޮގްރާމަކީ އުއްމީދެއް ކަމަށެވެ.

ސޮނެވާ ނަމޫނާގެ ރެޑިއުސް މެނޭޖަރު ހަދީޖާ ހާމިދު ވިދާޅުވި ގޮތުގައި، ތިން މަހުގެ ޓްރައިލްގެ ދަށުން ކުރިއަށް މަސައްކަތްތައް ރާވާލާނެ ގޮތުގެ ޑޭޓާ ލިބޭނެ އެވެ.

"ބޮޑު ފޮތި ޕްރޮގްރާމުގައި ބައިވެރިވުމުން އަޅުގަނޑުމެންނަށް ލިބުނު ޔަގީން ކަމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު މަދުކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައިގެން ވެސް އަޅުގަނޑުމެންގެ ތުއްތު ކުދިން އެންމެ ރައްކާތެރި ކަމާ އެކު ބަލާ ބޮޑު ކުރެވޭނެކަން. މި މަސައްކަތައިގެން ކުރިއަށް ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޕްރޮގްރާމުގެ ބައިވެރިއަކު ބުންޏެވެ.

އެ ޕްރޮގްރާމް ފެށުމަށް މަގޫދޫގައި ވަނީ އެއްފަހަރާ ބޭނުންކޮށްފައި އެއްލާލާ ނެޕީއާ ގުޅޭ ސާވޭއެއް ވެސް ހަދައިފަ އެވެ. ތުއްތު ކުއްޖަކު ގެންގުޅޭ އާއިލާއަކުން ނެޕީ ގަތުމަށް މަހެއްގެ މައްޗަށް 831 ރުފިޔާ ހޭދަކުރެ އެވެ. އަދި އެ ރަށުގައި އެވްރެޖްކޮށް ކުއްޖަކު ދުވާލެއްގެ މައްޗަށް ހަތަރު ފަހަރެއްގެ މައްޗަށް ނެޕީ ބަދަލުކުރެ އެވެ. އެއީ ތިން އަހަރުގެ ތެރޭގައި ކުނީގެ ގޮތުގައި އުކާލެވޭ 4،320 ނެޕީ އެވެ. މިއީ ގާތްގަނޑަކަށް ހަ ވޮލީ ކޯޓުގެ ސަރަހައްދެއް ފޮރުވައިލެވޭނެ ވަރުގެ ކުންޏެވެ.