Roadha Mihaaru
ސިޔާމްގެ ލޯބި އޮތީ އަޅުގަނޑަށް: ގާސިމް

ރައީސް އަރިހުގައި ހުންނެވިޔަސް ސިޔާމްގެ ލޯބި އޮތީ އަޅުގަނޑަށް: ގާސިމް

24 އޯގަސްޓް 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓުނަރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމްގެ ހިތުގައި އަދިވެސް އެންމެ ބޮޑު ލޯތްބެއް އޮތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓުނަރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމްގެ ހިތުގައި އަދިވެސް އެންމެ ބޮޑު ލޯތްބެއް އޮތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ ކެމްޕެއިނަށް ނ. ޅޮހީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސިޔާމަކީ ވަރަށް ވިސްނުން ތޫނު ބޭފުޅެއް ކަމަށެވެ. އެ ދެ ބޭފުޅުންގެ މެދުގައި އަބަދުވެސް އޮންނަ ގާތް އެކުވެރި ގުޅުމުގެ ސަބަބުން، އަންނަ ރިޔާސީ އިންތިހާބުގައި ސިޔާމުގެ ސަޕޯޓަރުން ވޯޓުލާނީ ގާސިމަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ކަށަވަރު މިހާރު އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ހުއްޓަސް، އެމަނިކުފާނު [ސިޔާމް]ގެ ހިތްޕުޅުގެ އެންމެ އަޑީގައި ލޯތްބާއި އިހުތިރާމު އޮންނާނީ އަޅުގަނޑަށް ކަން،" ގާސިމް ވިދާޅުވި އެވެ.

"އެމަނިކުފާނަށް ތައީދުކުރައްވާ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވޯޓުލާނެކަން. ކޮންމެވެސް ސިއްރު ކޯޑަކުން މެސެޖު ދެއްވާނެކަން، އަޅުގަނޑު ވަރަށް ޔަގީންކުރާ ކަމެއް މިއީ."

ގާސިމް ވިދާޅުވި ގޮތުގައި، ސިޔާމަކީ އަބަދުވެސް އޭރަކު ވެރިކަމުގައި އޮންނަ ސަރުކާރަކާ އެކީގައި ހުންނަވާ ބޭފުޅެކެވެ. ކޮންމެ ފަހަރަކު ވެސް އިންތިހާބު ނިމުމުން، ކާމިޔާބުވާ ކޮޅަކަށް އަރުއްވާ ކަމަށާއި ނަމަވެސް، އޭނާ އަކީ ސިޔާމާ ހިލާފަށް އޭރަކު އޮންނަ ސަރުކާރަކުން ގޯސްކޮށް ކަމެއް ކުރާ ނަމަ، އެކަމާ ދެކޮޅަށް ހުންނަވާ މީހެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ ޖަލްސާގައި ގާސިމް ވިދާޅުވީ ސިޔާމްގެ ވިޔަފާރި ފެއްޓެވިއިރު، އެ ވިޔަފާރިގެ ހިއްސާދާރަކަށް އޭނާ ހުންނެވިޔަސް، ހިއްސާ ދޫކޮށްލެއްވީ ދެ ބޭފުޅުންގެ މެދުގައި އޮންނަ ގާތް ގުޅުމަށް އަސަރެއް ކޮށްފާނެ ކަމުގެ ބިރަށް ކަމަށެވެ.

ނަމަވެސް، ސިޔާމްގެ ހިތުގައި އޭނާއާ މެދު އެއްވެސް ކަހަލަ ޝައްކެއް ނޯންނާނެކަން ގާސިމް ކަށަވަރުކޮށްދެއްވި އެވެ. ގާސިމަކީ އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެ އަދި ޒާތީ ގޮތުން އެއްވެސް ހަސަދައެއް ނުބާލާނެ ބޭފުޅެއް ކަން ސިޔާމްއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖޭޕީގެ ކެމްޕެއިން ޖަލްސާތަކުގައި ގާސިމް ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު އިސްވެ އޮވެ، އުފެއްދި ޑިމޮކްރެޓްސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ގާސިމް ވިދާޅުވާ ގޮތުގައި، އެ ހުރިހާ ބޭފުޅުން ވަނީ އޭނާއަށް އެކި ގޮތްގޮތުން ބޭވަފާތެރިވެފަ އެވެ.