Roadha Mihaaru
ދުވަސްނުފުރާ ވިހެއުމާއި ޕްލާސްޓިކް ކެމިކަލްއާ ގުޅުންހުރޭ

ދުވަސްނުފުރާ ވިހެއުމާ ޕްލާސްޓިކް ކެމިކަލްއާ ހުރި ގުޅުން ދިރާސާއަކުން ފެނިއްޖެ

08 ފެބުރުއަރީ 2024

އެމެރިކާގައި، ދުވަސްނުފުރާ އުފަންވާ ކޮންމެ 10 ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު އެގޮތަށް އުފަންވާން މެދުވެރިވަނީ ވަރަށް އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކްގައި ހުންނަ ކެމިކަލްގެ މާއްދާއެއްގެ ސަބަބުން ކަމަށް، އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެމެރިކާގައި، ދުވަސްނުފުރާ އުފަންވާ ކޮންމެ 10 ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު އެގޮތަށް އުފަންވާން މެދުވެރިވަނީ ވަރަށް އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކްގައި ހުންނަ ކެމިކަލްގެ މާއްދާއެއްގެ ސަބަބުން ކަމަށް، އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

"ތާލޭޓް" ކިޔާ މި މާއްދާ އަކީ ޕްލާސްޓިކް މަޑުކޮށް ބެހެއްޓުމަށް ބޭނުންކުރާ އަދި ކޮންޓެއިނާތަކާއި ރެޕްކުރާ ޕްލާސްޓިކް ހެދުމާއި ރީތިވާ ސާމާނު އަދި ކުޅޭ ތަކެތި ހެދުމުގައި ވެސް ބޭނުންކުރާ އެއްޗެކެވެ.

ތާލޭޓް އަކީ އިންސާނުންގެ އެންޑޮކްރައިން ސިސްޓަމަށް ނޭދެވޭ އަސަރުކޮށް ހޯމޯންތައް އޮޅުންބޮޅުންކޮށްލާ މާއްދާއެއްގެ ގޮތުގައި މީގެ ކުރިން ވެސް ދެނެގަނެވިފައިވެ އެވެ. އަދި މިއީ އާދަޔާ ހިލާފަށް ފަލަވުމާއި ހިތުގެ ބަލިތަކާއި ބައެއް ބާވަތްތަކުގެ ކެންސަރަށް މަގު ފަހިކުރުވާ އަދި ދަރިމައިވުމުގެ ނިޒާމަށް ވެސް ގެއްލުން ހުރި މާއްދާއެކެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، ނިއު ޔޯކް ޔުނިވަސިޓީގެ ލެންގޯން ހެލްތު ސެންޓަރުގެ ތަޖުރިބާކާރު ލިއެނާޑޯ ޓްރަސާންޑް ވިދާޅުވީ މި ކެމިކަލަކީ ހޯމޯނަށް އަަސަރުކުރުވާ އެއްޗަކަށް ވާތީ އެކަމުގެ ސަބަބުން، ދުވަސް ނުފުރާ ވިހެއުމަށް ވެސް މެދުވެރިކުރުވާ ކަމަށެވެ.

މި ދިރާސާގައި، އެމެރިކާ މާބަނޑު 5،000 މީހެއްގެ މައުލޫމާތު އެއްކޮށް، ކެމިކަލަށް ހުށަހެޅުމުގެ ސަބަބުން ދުވަސްނުފުރާ ވިހެއުމަށް މެދުވެރިވަނީ ކިހާ ވަރަކަށްތޯ ބެލި އެވެ.

ދިރާސާއިން އެނގުނު ގޮތުގައި، އެންމެ ބޮޑަށް ތާލޭޓް ކެމިކަލަށް ހުށަހެޅިފައި ތިބި 10 ޕަސެންޓް މައިންނަކީ ބަނޑަށް 37 ހަފްތާ ފުރުމުގެ ކުރިން ވިހެއުމުގެ ޗާންސް 50 ޕަސެންޓަށް އިތުރުވި މީހުންނެވެ. ދަ ލާންސިޓް ޕްލެނެޓަރީ ހެލްތުގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުން މި ކެމިކަލަށް އެންމެ ކުޑަކޮށް ހުށަހެޅިފައި ތިބި މީހުންނަކީ ދުވަހުގެ ކުރިން ވިހެއުމުގެ ޗާންސް އެންމެ ކުޑަ މީހުންނެވެ.

މި ދިރާސާއިން އެނގުނު ކަންކަމަށް ބިނާކޮށް ބުނެފައިވަނީ އެމެރިކާގައި 2018 ވަނަ އަހަރު ދުވަސްނުފުރާ އުފަންވި 56،600 ކުއްޖަކީ ތާލޭޓް ކެމިކަލްގެ ސަބަބުން، މާ އަވަހަށް އުފަންވި ކުދިން ކަމަށް ބެލެވޭ ކަމަށެވެ. މިއީ އެ އަހަރު އެމެރިކާގައި ދުވަސް ނުފުރާ އުފަންވި ކުދިންގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ.

މި ދިރާސާގެ ރިޕޯޓްގައި، ޕްލާސްޓިކްގެ ކެމިކަލަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން، ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ކާނާ ކެއުން މަދުކުރުމަށް ލަފާ ދީފައިވެ އެވެ. -- އޭއެފްޕީ