Roadha Mihaaru
އިނާމު ލިބުނު ބޭފުޅުންނަށް ރަތްދޫލައިގެ މަރުހަބާއެއް

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއް

28 ޖުލައި 2024

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ 16 މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއް އެ ކުންފުނިން މިއަދު ކިޔައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ 16 މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއް އެ ކުންފުނިން މިއަދު ކިޔައިފި އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުންނަށް މި އިނާމު ދެއްވައިފަ އެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އެ ބޭފުޅުންގެ އަގުވަޒަންކޮށް، މަރުހަބާ ކިޔުމަށް ސްޓެލްކޯގެ މެނޭޖުމަންޓާއި މުވައްޒަފުން އިސްނަގައިގެން މިއަދު ވަނީ ހާއްސަ އިވެންޓެއް ވެސް ބާއްވައިފަ އެވެ. އެ އިވެންޓުގައި އެ މުވައްޒަފުންނަށް ވަނީ ރަތްދޫލަ އާއި ބޮޑުބެރުން މަރުހަބާއެއް ކިޔައިފަ އެވެ.

އިނާމު ލިބުނު މުވައްޒަފުންގެ ތެރޭގައި ސްޓެލްކޯގައި މިހާރު ވެސް މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާއި ރިޓަޔާ ކުރައްވާފައިވާ ބޭފުޅުން ވެސް ހިމެނެ އެވެ.

އެ އިވެންޓުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަށް ހިދުމަތްކުރުމަކީ ދައުލަތަށް ހިދުމަތްކުރުން ކަމަށް ވާތީ އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ތިބެން ޖެހޭނީ ފިސާރި ކެރިގެން ކަމަށެވެ.

"އެކަމުގައި [ދައުލަތަށް ހިދުމަތްކުރުމުގައި] ހީނަރުކަމެއް އައިސްގެން ނުވާނެ. ގައުމުގެ އިގުތިސާދީ މިނިވަންކަން ޔަގީންކުރުމަށް މިއަށް ވުރެ މުހިންމު ހިދުމަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބުނު ސްޓެލްކޯގެ މުވައްޒަފުންނަކީ؛

• ހަސަން ފައުޒީ

• ހަސަން ހުސައިން

• މުހައްމަދު މަނިކު

• ހަސަން އާމިރު

• އަހުމަދު މަނިކު

• އަލީ ނާޒިމް

• މުހައްމަދު ރަޝީދު

• ހައްވާ ޒާހިރާ

• އަހުމަދު މައުރޫފު

• މުހައްމަދު ޒިޔާދު

• އަހުމަދު ރަޝީދު

• މުހައްމަދު ޝާހިދު

• އިބްރާހިމް އުސްމާން

• މުހައްމަދު އަގީލް ގާސިމް

• ހަސަން ރަޝީދު

• އަލީ މަނާފް އާދަމް

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.