Roadha Mihaaru

ސޯބިރު އަވަހާރަވުމާ ގުޅިގެން ތިން ދުވަހަށް ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަ ވުމުން، މާދަމާ އިން ފެށިގެން ތިން ދުވަހަށް ގައުމީ ދިދަ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސޯބިރު އަވަހާރަވުމުން 3 ދުވަހަށް ދިދަ ތިރިކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

28 ޖުލައި 2025

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަ ވުމުން، މާދަމާ އިން ފެށިގެން ތިން ދުވަހަށް ގައުމީ ދިދަ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސޯބިރަކީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ހިދުމަތުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ވަނީ އަރުވައިފަ އެވެ.

އުމުރުން 73 އަހަރުގައި ސޯބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ އާލާސްކަންފުޅުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ސިއްހީ ހާލަތު ތަން ނުދެއްވާތީ، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސޯބިރަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.

ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް ހަސަން ސޯބިރުގެ ދަރިކަނބަލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފުގެ މެޑަލް ހަސަން ސޯބިރުގެ ދަރިކަނބަލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސޯބިރުގެ ޖަނާޒާ ބޭއްވެވުމަށް ނިންމާފައި ވަނީ ރަސްމީ އިއްޒަތުގަ އެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސޯބިރަކީ އިގުތިސާދީ ދާއިރާއިން ދިގު މުއްދަތެއް ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެ އެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމާއި ޚާރިޖީ ދާއިރާގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ނޭޝަނަލް ޕްލޭނިން އޭޖެންސީ 1982 ވަނަ އަހަރު އުވާލައި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީ އުފެއްދުމުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ވެސް ސޯބިރު އަދާކުރެއްވި އެވެ. އަދި އޭގެ ފަހުން އެ މިނިސްޓްރީގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވި އެވެ. އަދި މައުމޫންގެ ވެރިކަމުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުކަމާއި 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާކުރުމަށް ބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް"އަކީ ސޯބިރުގެ މިނިސްޓަރު ކަމުގައި އުފަންކުރުވި މޮޓޯއެކެވެ.

ދައުލަތުގެ ފެން ކުންފުނި، މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔޫއެސްސީ) އުފައްދައި، އެ ކުންފުނީގެ ޗެއާމަނަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ވެސް ސޯބިރެވެ.

އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން 2004 ވަނަ އަހަރު ސާބިރު އަދާކުރެއްވި އެވެ. އަދި އެ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯއްދެވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ސޯބިރު ވަނީ ސިންގަޕޫރާއި ޔޫރަޕިއަން ޔުނިއަން އަދި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.