Roadha Mihaaru
މައުލޫމާތު ނުދޭތީ އައިކޮމުން ޕީޖީ އަށް!

ރައީސް އޮފީހާ ދެކޮޅަށް އައިކޮމުން ޕީޖީ އަށް މައްސަލައެއް ހުށަހަޅައިފި

22 ޖުލައި 2024

އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ނިންމުމަކަށް އަމަލު ނުކުރުމުން ރައީސް އޮފީހުގެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ނިންމުމަކަށް އަމަލު ނުކުރުމުން ރައީސް އޮފީހުގެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "މިހާރު" އަށް މިއަދު ވިދާޅުވީ، އައިކޮމުން އެ އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ހިންގަން ފުލުހުންގެ އިދާރާ އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތު (އާރުޓީއައި) ހޯދަން ހުށަހަޅާ ވަރު އިތުރުވެފައިވާއިރު، އެންމެ ގިނައިން މައުލޫމާތު ހޯދަން މީހުން ހުށަހަޅާ އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހުން މައުލޫމާތު ނުދިނުމާއި ހުށަހަޅާ ހުށަހެޅުންތަކާ މެދު އެއްވެސް އެއްޗެއް ނާންގާ މުއްދަތު ހަމަވެގެންދާ މައްސަލަތައް ވެސް ގިނަ ކަމުގެ ޝަކުވާ ބޮޑެވެ.

އެ މައްސަލަތައް އިންފޮމޭޝަން ކޮމިޝަނަށް ވެސް ހުށަހަޅަމުންދާއިރު ރައީސް އޮފީހުން ކޮމިޝަނުން ބާއްވާ ގިނަ އަޑުއެހުންތަކަށް ހާޒިރެއް ނުވެ އެވެ. އަޑުއެހުންތައް ފަސްކުރަން ވެސް ރައީސް އޮފީހުން ވަރަށް ގިނަ ފަހަރަށް އެދިފައިވެ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ރައީސް އޮފީހުން އެ ކޮމިޝަނަށް ތަބާނުވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ރަސްމީކޮށް ބަލަން ނިންމާފައިވާ ކަން ވެސް ހާމަކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް އޮފީހުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކޮށް ފެތުރުން ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.