Roadha Mihaaru
ގްރީންވުޑްގެ ސޮޔާއެކު މާސޭގައި ނުތަނަވަސްކަން

ގްރީންވުޑްގެ ސޮޔާއެކު އެކު މާސޭގައި ނުތަނަވަސްކަން

21 ޖުލައި 2024

މާސޭ (ޖުލައި 21) - އިނގިރޭސި ފޯވާޑް މޭސަން ގްރީންވުޑް، 22، މިދިޔަ ސީޒަނުގައި ސްޕެއިންގެ ގެޓަފޭގައި ސާބިތުކޮށްދިނީ އޭނާ އަދިވެސް ހުރީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކަމެވެ. ނަމަވެސް، ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުކުރެވުނު ކުޅުންތެރިޔާ ފްރާންސްގެ އޮލިމްޕިކް މާސޭއަށް ސޮއި ކުރުމާ އެކު އެ ކުލަބުގެ ސަޕޯޓަރުން މިވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.

މާސޭ (ޖުލައި 21) - އިނގިރޭސި ފޯވާޑް މޭސަން ގްރީންވުޑް، 22، މިދިޔަ ސީޒަނުގައި ސްޕެއިންގެ ގެޓަފޭގައި ސާބިތުކޮށްދިނީ އޭނާ އަދިވެސް ހުރީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކަމެވެ. ނަމަވެސް، ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުކުރެވުނު ކުޅުންތެރިޔާ ފްރާންސްގެ އޮލިމްޕިކް މާސޭއަށް ސޮއި ކުރުމާ އެކު އެ ކުލަބުގެ ސަޕޯޓަރުން މިވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.

މާސޭ އިން ގްރީންވުޑް ގެންދަން މަސައްކަތްކުރާކަން މިދިޔަ މަހު ސޯޝަލްމީޑީއާ އަށް ތިލަވުމާ އެކު ވެސް އެ ކުލަބުގެ ގިނަ ސަޕޯޓަރުންނެއް ވަނީ އޭނާ ކުލަބަށް ގެނައުމާ ދެކޮޅަށް ޝުއޫރު ފާޅު ކޮށްފަ އެވެ.

ލޯބިވެރިޔާ އަށް ގެވެށި އަނިޔާކުރުމާއި ރޭޕް ކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިނގިރޭސި ވިލާތުގެ ފުލުހުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ގްރީންވުޑް ހައްޔަރުކުރި އެވެ.

ގްރީންވުޑް އެ ތުހުމަތުތައް ދޮގުކުރެ އެވެ. ނަމަވެސް އެ ތުހުމަތުތައް ކޮށްފައި ވަނީ އޭނާގެ ފަރާތުން ގޯސްކޮށް ކަންކަން ކުރެވިގެން ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާ އަށް ކުރި ދައުވާ ބާތިލު ކުރުމުން މިނިވަންވި ނަމަވެސް ފުޓްބޯޅަ ސަޕޯޓަރުންނަށް އެކަން ހަނދާނުން ފޮހެނުލެވެ އެވެ.

ހައްޔަރު ކުރުމާ އެކު މެންޗެސްޓާ ޔުނައިޓެޑުން އޭނާ ސަސްޕެންޑް ކުރި އެވެ. މިނިވަން ވުމާ އެކު އޭނާ އަލުން ޔުނައިޓެޑުގެ ސްކޮޑުގައި ބައިވެރިކުރުމުގެ ގޮތުން އެ ކުލަބުން ވަނީ އަންހެން ޓީމުގެ ކުޅުންތެރިންނާ އެކު ވެސް މަޝްވަރާ ކޮށްފަ އެވެ. އަދި ހައެއްކަ މަސްދުވަހުގެ މަޝްވަރާ ތަކަށް ފަހު އެ ކްލަބުން ވަނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ގްރީންވުޑް، ގެޓަފޭއަށް ދޫކޮށްފަ އެވެ.

ގެޓަފޭ އަށް ބަދަލުވި އިރު ވެސް އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އޭނާ ވަނީ ސީޒަނުގައި ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.

މިދިޔަ ސީޒަންގައި ގެޓަފޭއަށް ކުޅުނު 36 މެޗުން ގްރީންވުޑް ވަނީ 10 ގޯލު ޖަހައި ހަ ގޯލު އެސިސްޓް ކޮށްފަ އެވެ. މިއާ އެކު ގްރީންވުޑަށް ކުލަބުތަކުގެ ކަޅި އަމާޒު ވުމުން ޔުނައިޓެޑުން ނިންމީ އޭނާ ވީ އެންމެ އަވަހަކަށް ވިއްކާލާށެވެ. ބާސެލޯނާ އާއި ޔުވެންޓަސް އަދި އެތުލެޓިކޯ މެޑްރިޑުން ވެސް ގްރީންވުޑް ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ކުރީ މާސޭ އެވެ.

ގްރީންވުޑް މާސޭ އަށް ސޮއި ކޮށްފައި ވަނީ 35 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. މާސޭގެ މަދު ސަޕޯޓަރުންނެއް ބުރާސްފަތި ދުވަހު ގްރީންވުޑްގެ އިސްތިގުބާލަށް އެއާޕޯޓް ދޮށަށް ދިޔަ ނަމަވެސް ލިބުނީ ފިނި ތަރުހީބެކެވެ.

ކްލަބުގެ ސަޕޯޓަރުން ހިންގާ ފޯރަމަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކްލަބުން ގަބޫލުކުރާ އުސޫލުތަކަށް ބަލާއިރު މި ގްރީންވުޑް ސޮއިކުރުވަން ނިންމީ ކީއްވެ ކަން ކުލަބުގެ މެނޭޖްމަންޓުން ސާފު ކޮށްދޭންޖެހޭ ކަމަށެވެ.

ހަމަ އެއާ އެކު އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލާ ކުލަބަކުން ގްރީންވުޑް ފަދަ ކުޅުންތެރިއަކަށް ޖާގަ ދީގެން ނުވާނެ ކަމަށް އެ ކްލަބަށް ނިސްބަތްވާ ފެމިނިސްޓު ގުރޫޕަކުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މާސޭގެ މޭޔަރު ބްރޫޔޯން ޕޭޔާން ވެސް ވަނީ މި ޓްރާންސްފާ ހުއްޓުވަން ކުލަބުގެ ރައީސްއާ ވާހަކަ ދައްކާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ބައެއް ސަޕޯޓަރުން ވަނީ އޭނާގެ މާޒީގައި ވެފައި ހުރި ކަންކަމަށް އޭނާއަށް ތާއަބަދަށް އަދަބު ލިބިގެން ނުވާނެ ކަމަށް ބުނެ ހިޔާލު ފާޅުކޮށްފަ އެވެ.

މާސޭގެ މެނޭޖްމަންޓާއި ކުލަބުގެ އާ ކޯޗު ރޮބާޓޯ ޑި ޒާބީ ވެސް ވަނީ ގްރީންވުޑްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. "އަމިއްލަ ދަރިއެއް" ފަދައިން އޭނާގެ ދިފާއުގައި އަބަދުވެސް ހުންނާނެ ކަމަށް ޑި ޒާބީ ވަނީ ބުނެފަ އެވެ.

"އަހަރެންނަށް ބުނެވޭނެހާނެސް އެއްޗަކީ، ކުޅުންތެރިއަކު އަހަރެން މަސައްކަތްކުރާ ޓީމަށް ސޮއިކުރާ ހިސާބުން އަހަރެން ދެކޭނީ އެއީ އަމިއްލަ ދަރިއެއް ގޮތުގައި،" ޑި ޒާބީ ބުންޏެވެ.

ސަޕޯޓަރުންގެ ނުރުހުންތަކާ އެކު ގްރީންވުޑް ވަނީ އޭނާގެ ޝުއޫރު ވެސް ހިއްސާކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް 129 މެޗުން 35 ގޯލު ޖަހައިދިން ފޯވާޑް ބުނީ މިކަމުގައި އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި ފޯކަސް ހުރީ ކްލަބަށް ކަމަށެވެ.