26 ފެބުރުއަރީ 2017
ހަކުރު ބަލި ޖެހިފައިވާ ޕެންކްރިއާސް، "ފާސްޓިން ޑައެޓް"ގެ ސަބަބުން "މަރާމާތު" ކުރެވި ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެފި އެވެ.
ހަކުރު ބަލި ޖެހިފައިވާ ޕެންކްރިއާސް، "ފާސްޓިން ޑައެޓް"ގެ ސަބަބުން "މަރާމާތު" ކުރެވި ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެފި އެވެ.
ޕެންކްރިއާސްގެ މަސައްކަތް އަލުން ބަރާބަރަށް ކުރަން ފެށުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރެވޭނެ ކަމެކެވެ. ޖަނަވާރުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި، ފާސްޓިން ޑައެޓުން ޕެންކްރިއަސް މަރާމާތުވެ ބަރާބަރަށް މަސައްކަތް ކުރަން ފަށަ އެވެ. މިހެން ވެއްޖެ ނަމަ ނަތީޖާއަަކަށް ވާނީ ހަކުރުބަލި ހުންނަ މީހުންގެ ބަލި ފަސޭހަވުމެވެ.
ސެލް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުން ޑައެޓަކީ ހަށިގަނޑުގެ މަސައްކަތް އާ ފެށުމަކުން ފަށާ ކަމެކެވެ.
ތަޖުރިބާކާރުން ވިދާޅުވަނީ މި ފަހަރުގެ މި ހޯދުމަކީ ހަކުރު ބައްޔަށް މުޅިން އާ ފަރުވާއަކަށް ވެދާނެކަމަށާއި، ވަރަށް ހިތްހަމަޖެހޭ ރަނގަޅު ކަމަކަށް ވެދާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުންގެ އިރުޝާދާ ނުލައި މި ފަރުވާގެ އަޖުމަ ނުބަލަން ސައިންސްވެރިން ވަނީ އިރުޝާދު ދީފަ އެވެ.
ހަކުރުބަލީގެ މީހަކު އިންސުލީން އިންޖެކްޝަން ޖަހަނީ
މި ފަހަރުގެ ތަހުލީލުގައި މީދާތަކަކަށް "ފާސްޓިން-މިމިކިން-ޑައެޓް" ކިޔާ ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ކެއުންތަކެއް ދިނެވެ.
މި ފާސްޓިން ޑައެޓް އިންސާނުންނަށް ބޭނުންކުރާ ގޮތަކީ ފުރަތަމަ ފަސް ދުވަހު އަން-ސެޗުރޭޓެޑް ކާނާ ގިނަކޮށް ކެލޮރީ ވަރަށް މަދުން ލިބޭ ޕްރޮޓީން އާއި ކާބޯހައިޑްރޭޓްސް ވެސް މަދުން ހުންނަ ކެއުންތަކެއް ކެއުމެވެ. މި ޑައެޓް ބޮޑަށް ވައްތަރުވާނީ ނަޓްސް އާއި ސޫޕް އެކުލެވޭ ވެޖެޓޭރިއަނުންގެ ކެއުމާ އެވެ. ނަމަވެސް މީގެ ކެއުމަކުން ދުވާލަކު ހަށިގަނޑަށް އެތެރެވާނީ 800 އާއި 1،100 ކެލޮރީޒް އާ މެދުގެ މިންވަރެކެވެ.
އަނެއް 25 ދުވަހު އެމީހަކު ބޭނުން އެއްޗެއް ކަނީ އެވެ. އެހެންކަމުން ޖުމްލަގޮތެއްގައި މި ކެއުންތަކުން ހަށިގަނޑަށް ކާނާ ނުލިބޭ ދުވަސްތަކަކާއި ލިބޭ ދުވަސްތަކެއްގެ ގޮތް ދައްކަ އެވެ.
ތަންކޮޅެއް ކުރިން ހަދާފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި މި ޑައެޓުން އިންސާނުން މުސްކުޅިވާލެއް ލަސްވެ އެވެ.
ޓެސްޓްކުރަން މީހަކުގެ ގައިން ލޭ ނަގަނީ
ޖަނަވާރުންގެ ދިރާސާއިން ދައްކާފައިވާ ގޮތުގައި މި ޑައެޓް ދިނުމުން ޕެންކްރިއަސް ގައި ބީޓާ ސެލް އަލުން އުފެދެން ފަށަ އެވެ. މި ޚާއްސަ ސެލްތަކަކީ ލޭގައި ހުންނަ ހަކުރުގެ ބައި ދެނެގަނެ، ހަކުރު މަތިވާ ނަމަ އިންސިއުލިން ހޯމޯން ރިލީޒްކުރުމުގެ ޒިންމާ އުފުލާ ސެލްތަކެވެ.
ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާގެ ޑރ. ވޯލްޓާ ލޮންގޯ ވިދާޅުވީ އެ ބޭފުޅުންގެ ދިރާސާގެ ނިންމުންތައް ބިނާކުރީ މީދާ ހާންތިވާ ވަރަށް ބަނޑުހައިކޮށްލުމަށް ފަހު އަލުން އަނބުރާ އަސްލު ހާލަތަށް ބަދަލުކޮށްގެން ކުރި ތަހުލީލަކަށް ކަމަށެވެ. މިއީ މީދާ ބަނޑުހައިކޮށްފައި އަނެއްކާ ކާންދީގެން ކުރި ދިރާސާ އެކެވެ. މިގޮތަށް ކަންތައް ކުރުމުން ޕެންކްރިއަސްގައި ހުންނަ ސެލްތައް ކޮންމެވެސް ގޮތަކަށް އަލުން ޕްރޮގްރާމްކުރެވި އުފެދެން ފަށައި ކުރިން ހަލާކުވެ މަސައްކަތް ހުއްޓިފައިވާ ޕެންކްރިއަސްގެ ބައިތައް އަލުން މަރާމާތުވެ އެވެ.
މީދަލުގެ ތަހުލީލު ދައްކާ ގޮތުން މިކަމުން ޓައިޕް 1 ޑައިބެޓީސް އާއި ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނަށް ވެސް ފައިދާކުރެ އެވެ.
ޓައިޕް 1 ޑައިބެޓީސް ޖެހެނީ ދިފާއީ ނިޒާމުން ބީޓާ ސެލްސްތައް ހަލާކުކޮށްލާތީ އެވެ. ޓައިޕް 2 ޑައިބެޓީސް އާއްމުކޮށް ޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހަށިގަނޑުން އިންސިއުލިން އުފެއްދުން ހުއްޓާލުމުންނެވެ.
ޓައިޕް 1 ޑައިބެޓީސް ޖެހިފައިވާ މީހުންގެ ޓިޝޫ ސާމްޕަލްތައް އިތުރަށް ޓެސްޓްކުރުމުން ވެސް ދެއްކީ ހަމަ މި ނަތީޖާ އެވެ.
ޑރ ލޮންގޯ ވިދާޅުވީ މެޑިކަލް އުސޫލުން ބަލާއިރު މި ހޯދުންތަކުގައި ވަރަށް މުހިއްމު ކަންތައްތަކެއް ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ. ސަބަބަކީ މިފަހަރުގެ ތަހުލީލަކީ ހަމައެކަނި މީދަލުގެ މޮޑެލްތަކެއް ބޭނުންކޮށްގެން ކުރި ތަހުލީލަކަށް ވިޔަސް ޑައެޓްކޮށްގެން ހަކުރުބަލި މުޅިން ބަދަލުކޮށްލެވިދާނެކަން މި ތަހުލީލުން ދައްކާތީ އެވެ.
"ސައިންޓިފިކް ގޮތުން ބަލާއިރު މިހޯދުން އަދި މާ މުހިއްމު. ސަބަބަކީ އެއްވެސް ޖެނެޓިކް ބަދަލުތަކެއް ނުގެނެސް، ވަކި ވައްތަރެއްގެ ކެއުންތަކެއް ދީގެން ޑައެޓް ކުރުވައިގެން ސެލްތައް އަލުން ޕްރޮގްރާމް ކުރެވިދާނެކަން މި ހޯދުންތަކުން އެނގިފައިވާތީ،" ޑޮކްޓަރު ވިދާޅުވި އެވެ.
މީހަކު ހަކުރު ބައްޔަށް ޓެސްޓްކުރަނީ
ބީބީސީ ރިޕޯޓަރު ޕީޓާ ބޯވެސް ވަނީ ޑރ. ވޯލްޓާ ލޮންގޯ އާއެކު މިފަދަ އެހެން ޓްރަޔަލް އެއްގައި ބައިވެރިވެފަ އެވެ.
އޭނާ ބުނި ގޮތުގައި ކެއުން މަދުކޮށް ފާސްޓިންގައި ތިބެންޖެހޭ ފަސް ދުވަހު އޭނާ ކެއީ އާއްމުކޮށް މީހަކު ކައި އުޅޭ ކެއުމުގެ ހަތަރުބައިކުޅަ އެއްބައިހާ އެއްޗިއްސެވެ. އެ މުއްދަތުގައި އޭނާގެ ހަށިގަނޑުން ދެ ކިލޯ އާއި ހަތަރު ކިލޯ އާ ދެމެދުގެ މިންވަރެއް ލުއިވި ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް ބާކީ އޮތް 25 ދުވަހު އާދައިގެ ކެއުން ކާން ފެށުމުން އެ 25 ދުވަސް ހަމަވީއިރު އޭނާގެ ހަށިގަނޑު ކުރިން ހުރި ބަރުދަނަށް ރުޖޫއަވި އެވެ.
"ނަމަވެސް މި ޑައެޓުން ނެރެވުނު ހުރިހާ ނަތީޖާތަކެއް ފޭދިގެނެއް ނުދޭ،" އޭނާ ބުންޏެވެ.
ކުރިއާ ބަލާއިރު އޭނާގެ ލޭގެ ޕްރެޝަރު ދަށެވެ. އަދި ކެންސަރު ޖެހުމުގައި މުހިއްމު ރޯލެއް ކުޅޭ އައިޖީއެފް-1 ކިޔާ ހޯމޯނެއް ހުރި މިންވަރު ވެސް މަދެވެ.
"ޑައެޓްގައި ހުރި ފަސް ދުވަހު އަހަންނަށް ދީފައިވާ ކެއުމަކީ މާ ކާހިތްވާ ކަހަލަ ކެއުމަކަށް ނުވިޔަސް އެވަރުގެ އެތިފުކެއް ވެސް ލިބޭތީ ހިތްހަމަޖެހުނު،" އޭނާ ބުންޏެވެ.
ނަމަވެސް އަވަސް އަރުވާލައިގެން މީހުން މިގޮތަށް ޑައެޓްކުރަން ނުފަށަން ޑރ. ލޮންގޯ އިރުޝާދު ދެއްވި އެވެ. އޭނާ ބީބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި ޑޮކްޓަރެއްގެ އިރުޝާދަކާ ނުލައި ގޭގައި މިގޮތަށް މި ޑައެޓް ނެގުން ރަނގަޅެއް ނޫނެވެ. މިއީ މީހުންނަށް ޚިޔާލަށް ވެސް ނުގެނެވޭ ކަހަލަ އިލްމީ ކަންތައްތަކެއް އެކުލެވޭ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
އެހެންކަމުން ޑޮކްޓަރުންގެ އިރުޝާދާ ނުލައި މިކަން ކުރަން އުޅެފިނަމަ ސިއްހީ ބޮޑު މައްސަލައެއް ދިމާވެދާނެކަމަށް އޭނާ އިންޒާރު ކުރެއްވި އެވެ.
ޑައިބެޓީސް ޔޫކޭގެ ރިސާޗް ކޮމިއުނިކޭޝަންސް މެނޭޖާ ޑރ. އެމިލީ ބާންސް ވިދާޅުވީ މި ހޯދުމަކީ ވަރަށް އުފާވެރި އަދި ވަރަށް ފައިދާހުރި އެއްޗަކަށް ވެދާނެ ކަމަށެވެ. ނަމަވެސް އިންސާނުންނަށް ވެސް ހަމަ މިނަތީޖާ ނުކުމޭތޯ ބަލަންޖެހޭ ކަމަށާއި އެއަށް ފަހު ނޫނީ ހަކުރުބަލީގެ މީހުންނަށް މިކަމުން ވާނެ ފައިދާ ދެނެ ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން
ލޭގައި ހަކުރު ހުންނަ މިންވަރު އަންގައިދޭ ސެންސާއެއް
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް