Roadha Mihaaru
ހަނިމާދޫ އެއާޕޯޓުގެ 67.5 ޕަސެންޓު ނިމިއްޖެ

ހަނިމާދޫ އެއާޕޯޓުގެ 67.5 ޕަސެންޓު ނިމިއްޖެ، އަންނަ މާޗަށް އެއްކޮށް ނިންމާލަނީ

17 ޖުލައި 2024

އިންޑިއާއިން ދީފައިވާ 800 މިލިއަންގެ ކްރެޑިޓް ލައިން އިން ތަރައްގީކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ 67.5 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިންޑިއާއިން ދީފައިވާ 800 މިލިއަންގެ ކްރެޑިޓް ލައިން އިން ތަރައްގީކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ 67.5 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރު މިއަދު ވަނީ ހަނިމާދޫއަށް ވަޑައިގެންފަ އެވެ.

ހަނިމާދޫ އެއާޕޯޓު މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ - ފޮޓޯ: މިނިސްޓްރީ

ހަނިމާދޫ އެއާޕޯޓު މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ - ފޮޓޯ: މިނިސްޓްރީ

އިންޑިއާގެ ކަޕްޕަތުރު ޕްރޮޖެކްޓްސް އިން ކުރިއަށް ގެންދާ މަޝްރޫގެ މިހާތަނަށް 67.5 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ޕްރޮޖެކްޓް އިންޑިއާގެ ޖީއެމްސީ އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު ގަ އެވެ.

އެއާޕޯޓުގެ އާ ޕްރޮޖެކްޓާ އެކު 2.7 ކިލޯ މީޓަރުގެ ރަންވޭ އަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއް ވެސް ގާއިމް ކުރާނެ އެވެ.

މިނިސްޓްރީން ބުނީ އެ އެއާޕޯޓުގައި ގާއިމް ކުރަމުން އަންނަ 2400 މީޓަރުގެ ރަންވޭއާއި އޭޕްރަންގެ 97 ޕަސެންޓު ނިމިފައިވާ ކަމަށާއި އަންނަ ނޮވެމްބަރަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ރަންވޭގެ ނިމުނު ބައި ބޭނުން ކުރަން މިހާރު ވަނީ ފަށައިފަ އެވެ.

ހަނިމާދޫ އެއާޕޯޓު މަސައްކަތްކުރިއަށްދަނީ: އަންނަ މާޗު މަހަށް އެއްކޮށް މަސައްކަތް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައި-- ފޮޓޯ: މިނިސްޓްރީ

ހަނިމާދޫ އެއާޕޯޓު މަސައްކަތްކުރިއަށްދަނީ: އަންނަ މާޗު މަހަށް އެއްކޮށް މަސައްކަތް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައި-- ފޮޓޯ: މިނިސްޓްރީ

އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ 75 ޕަސެންޓު މަސައްކަތް ނިމިފައިވާއިރު، ޕަސެންޖާ ޓާމިނަލްގެ 51.4 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ފިއުލް ފާމް އަދި ފިއުލް ޖެޓީގެ 44.5 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޓޭންކުތައް ރޭވުމުގެ މަސައްކަތް ކަމަށެވެ.

އެއާޕޯޓަށް ބޭނުންވާ މަގުތަކުގެ 50 ޕަސެންޓު އަދި އެމްއެންޑީއެފް މަރުކަޒުގެ 55 ޕަސެންޓު ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްރޮޖެކްޓްގެ މުހިއްމު މައުލޫމާތުތައް

- ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކުރާނެ. - އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ. - އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ.