Roadha Mihaaru
ފެނަކައިގެ ކުރީގެ ލިޔުންތައް ވަނީ ގެއްލުވާލާފައި:މުއާޒު

މައުލޫމާތެއް ނުހިފައްޓަން، ފެނަކައިގެ ކުރީގެ ލިޔެކިޔުންތަކެއް ވަނީ ގެއްލުވާލާފައި: މުއާޒު

15 ޖުލައި 2024

ފެނަކައިގެ ކުރީގެ ލިޔުންތަކެއް ގެއްލުވާލާފައިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފެނަކައިގެ ކުރީގެ ލިޔުންތަކެއް ގެއްލުވާލާފައިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، މުއާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއްވެސް އިދާރާއަކަށް ބޭނުންވާ މައުލޫމާތެއް ނުހިފައްޓާނެ ކަމަށެވެ. ކުރީގެ ލިޔެކިޔުންތައް ހޯދުމުގައި ލަސްވަނީ އޭގެ ބައެއް ލިޔުންތައް ގެއްލުވާލާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން މުއާޒު "މިހާރު" އަށް ވިދާޅުވީ ގެއްލިފައިވަނީ މާލީ މުއާމަލާތްތައް ހިމެނޭ ލިޔުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި؛

- އެމް ސްކެއާ ސޮލިއުޝަނާ ގުޅޭ ޕޭމަންޓް ވައުޗާތައް

- ލ. މާމެންދޫ އައިސްޕްލާންޓާ ގުޅޭ ޕޭމަންޓު ވައުޗާތައް

- އެމްޑީގެ 2022 އަދި 2023ގެ ދަތުރުތަކުގެ ޕެޓީ ކޭޝާ ގުޅޭ މައުލޫމާތު

- ޕްރޮޖެކްޓްސް ޑިޕާޓްމަންޓަށް 2022 އަދި 2023ގައި ދޫކޮށްފައި ހުރި ޕެޓީ ކޭޝްގެ މައުލޫމާތު

މުއާޒު ވިދާޅުވީ އެ ލިޔުންތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ކޭސްތަކާ ގުޅޭ އެހެން ހުރިހާ ލިޔުންތަކެއް އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކަ ކުންފުނީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން މާ ބޮޑު މައްސަލައެއް ފާހަގަވާން ނެތް ކަމަށެވެ.

އެކަމަކު، މިދިޔަ ދުވަސްތަކުގައި އެ ކުންފުނި ހަތަރު ބިލިއަން ރުފިޔާ އިން ދަރާފައިވާ ކަމަށާއި އެކަންކަން ހިނގާފައި ވަނީ މިހާރުގެ އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީގެ ދައުރުގެ ތެރޭގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވަމުން ނިޔާޒީ ވިދާޅުވީ މީގެ ކުރިން ހަދާފައިވާ ފައިނޭންޝަލް އޮޑިޓްތަކުގައި ފެނަކަ އަދި ވެމްކޯ ފަދަ ކުންފުނިތަކުގެ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ފާހަގަ ކޮށްފައިވާ ކަމަށެވެ.

ފެނަކަ ކުންފުނީގެ އޮޑިޓް ހަދަން ބަލާއިރު މިދިޔަ ދެ އަހަރު ވެސް އެ ކުންފުނިން މާލީ ބަޔާންތައް ތައްޔާރުކޮށް، ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސިސްޓެންޓް އޮޑިޓާ ޖެނަރަލް އިބްރާހިމް ފަޒީލް ވިދާޅުވި ގޮތުގައި އެ އޮފީހުން އޮޑިޓްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކްސްޓާނަލް އޮޑިޓަރުން ރިޕޯޓު ހުށަހެޅުމުންނެވެ.

ނަމަވެސް ފެނަކައިގެ މާލީ ބަޔާންތައް އެކްސްޓާނަލް އޮޑިޓަރުން އަތަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް މި އުޅެނީ 2021 ގެ މާލީ ބަޔާންތައް ނުލިބިގެން. އެކްސްޓާނަލް އޮޑިޓަރު އަތަށް ވެސް އޭތި ނުލިބިގެން. އެ މަސައްކަތް ކުރެވުނީމާ އެ ރިވިއު ކުރިޔަށް ގެންދާ ގޮތަށް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.