Roadha Mihaaru
އުސޫލު ބަދަލުކުރީ ބޯޑުގެ ބައިވެރިވުން އިތުރުކުރަން

ތިން މިލިއަނުން މަތީގެ މުއާމަލާތުތަކަށް ބޯޑުން ހުއްދަ ދޭ ގޮތަށް ހެދީ ބައިވެރިވުން އިތުކުރަން: މުއާޒު

25 އޯގަސްޓް 2024

ފަސް މިލިއަން ރުފިޔާގެ ބަދަލުގައި ތިން މިލިއަން ރުފިޔާ އިން މަތީގެ މުއާމަލާތްތަކަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދޭ ގޮތަށް ނިންމީ އެ ބޯޑުގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފަސް މިލިއަން ރުފިޔާގެ ބަދަލުގައި ތިން މިލިއަން ރުފިޔާ އިން މަތީގެ މުއާމަލާތްތަކަށް ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދޭ ގޮތަށް ނިންމީ އެ ބޯޑުގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ އެހެން ވިދާޅުވީ 250،000ރ. އަށް ވުރެ މަތީގެ މުއާމަލާތެއް ނަމަ ޑިރެކްޓަރުންގެ ބޯޑުގެ ހޯދަންޖެހޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވެމުންދާ ވާހަކަތަކަށް ދެއްވި ރައްދެއްގަ އެެވެ.

މުއާޒު ވިދާޅުވި ގޮތުގައި ކުރިން އޮންނަ ގޮތުން ނަމަ ބޯޑުން ހުއްދަ ދޭނީ ފަސް މިލިއަން ރުފިޔާ އަށް ވުރެ މަތީގެ ފައިސާގެ މުއާމަލާތުތަކަށެވެ. އެކަމަކު، އޭގެ ބަދަލުގައި ތިން މިލިއަން ރުފިޔާ އިން ފެށިގެން މަތީގެ މުއާމަލާތުތަކަށް ވެސް ބޯޑުން ހުއްދަ ދޭން ޖެހޭ ގޮތަށް މިހާރުގެ މެނޭޖުމަންޓުން ކަނޑައެޅީ އެ ބޯޑުގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަދަލާ އެކު، މުދަލާއި ހިދުމަތުގެ އަގު ތިން މިލިއަނަށް ވުރެ މަތިވާ ނަމަ އެ ހިދުމަތެއް ނުވަތަ މުދަލެއް ހޯދޭނީ، ފެނަކައިގެ ބޯޑަށް ހުށަހަޅައި ފާސްކޮށްގެން ކަމަށް މުއާޒު ވިދާޅުވި އެވެ.

އެގޮތަށް އެކަން ކަނޑައެޅި ނަމަވެސް ޕްރޮކިއުމަންޓް ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މެނޭޖްމަންޓުން މި ހުށަހެޅީ ޕޭޕަރެއް ފަސް މިލިއަނުން ތިން މިލިއަން ރުފިޔާ އަށް ކުޑަކުރަން. މިއީ ބޯޑުގެ އިންވޯލްމަންޓް އިތުރު ކުރުމަށް ގެނައި ބަދަލެއް. ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އެ ދަނީ ކުންފުނީގެ އަގު ވައްޓާލުމަށް،" މުއާޒު ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ، ކުރީގެ މެނޭޖްމަންޓުން ބޯޑުގެ ހުއްދަ ހޯދުމަކާއި ނުލައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މުއާމަލާތުތަކުގެ ސަބަބުން ފެނަކަ އަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ، އެކަން ބަދަލުކޮށް، ޒިންމާދާރުކަމާ އެކު އެ ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތުތައް ކުރިއަށް ގެންދިއުމަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ފެނަކައިން ނެރުނު އިންޓާނަލް މެމޯއެއްގައިވާ ގޮތުން 100،000ރ-250،000ރ. އާ ދެމެދުގެ ތްރެޝްހޯލްޑްތަކަށް ހުއްދަ ދޭނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެންމެ އިސް ފަރާތަކުންނެވެ. އަދި 100،000ރ-250،000ރ. އާ ދެމެދުގެ މުއާލަމާތުތަކަށް ހުއްދަ ދޭނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އޯވަސީ ކުރައްވާ ޗީފް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ނުވަތަ ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅެކެވެ.

އެ މެމޯގައި ބުނީ 100،000ރ-250،000ރ. ގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އިތުރުން މެނޭޖިން ޑިރެކްޓަރު ނުވަތަ ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ ކަމަށެވެ. އެ އަދަދުން ފެށިގެން ތިން މިލިއަން ރުފިޔާގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ މެނޭޖިން ޑިރެކްޓަރު ނުވަތަ ކުންފުނި ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅާ އެވެ.