Roadha Mihaaru
ޓީޓީގެ ރައީސަކަށް އައްޔަ، ނައިބު ރައީސަކަށް ޝިއުރީ

މިފަހަރުވެސް ޓީޓީގެ ރައީސަކަށް އައްޔަ، ނައިބު ރައީސަކަށް ޝިއުރީ

10 ޖުލައި 2024

ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމަށް، ތިންވަނަ ދައުރަކަށް އަލީ ރަޝީދު އިންތިހާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމަށް، ތިންވަނަ ދައުރަކަށް އަލީ ރަޝީދު އިންތިހާބުކޮށްފި އެވެ.

އެގްޒެކެޓިވް ކޮމިޓީގެ ކޮންމެ މަގާމަކަށް ވެސް އެއްބޭފުޅަކު ކުރިމަތިލާފައިވުމުން، ކުރިއަށްގެންދިޔައީ ފެންނަ ނުފެންނަށް ސިއްރު ވޯޓެކެވެ. މިއަދު ހަވީރު ތިނަކުން ހައެއް ޖެހުމާ ހަމައަށް މާލޭގެ ޓިޓީ ހޯލްގައި ވޯޓްލުން ކުރިއަށް ގެންދިޔަ އެވެ.

ޓީޓީއޭއެމްގެ ނައިބުރައީސްކަން ވެސް ކުރިން ކުރެއްވި އަލީ، އެ އެސޯސިއޭޝަނުގެ ރައީސް އެންމެ ފުރަތަމަ އިންތިހާބު ކުރީ 2016 ގަ އެވެ. އޭނާގެ ލީޑާޝިޕްގައި މިދިޔަ އަށް އަހަރު ޓީޓީން ވަނީ ރާއްޖޭގެ ކުޅިވަރުގައި ހާއްސަ މަގާމެއް ހޯދާފަ އެވެ.

އެ ކުޅިވަރުން ގިނަ މެޑަލްތަކެއް ރާއްޖެ އަށް ގެނެސް ދިނެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ދޭ އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަންގެ މަގާމު ވެސް އެންމެ ފުރަތަމަ ހޯދީ ޓީޓީއެމުންނެވެ.

ޓީޓީއޭއެމްގެ ރައީސްކަމަށް އިންތިހާބު ކުރި އަލީ ރަޝީދު މިއަދު ބޭއްވި އިންތިހާބުގައި ވޯޓް ދެނީ: އެ އެސޯސިއޭޝަނުގެ ރައީސްކަމަށް އޭނާ މި އިންތިހާބު ކުރީ ތިންވަނަ ދައުރަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޓީއޭއެމްގެ ރައީސްކަމަށް އިންތިހާބު ކުރި އަލީ ރަޝީދު މިއަދު ބޭއްވި އިންތިހާބުގައި ވޯޓް ދެނީ: އެ އެސޯސިއޭޝަނުގެ ރައީސްކަމަށް އޭނާ މި އިންތިހާބު ކުރީ ތިންވަނަ ދައުރަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަލީ ކުރިން ވިދާޅުވީ އޭނާގެ ތިންވަނަ ދައުރުގައި އިސްކަން ދޭނީ ޓީޓީގެ ކާމިޔާބު ދެމެހެއްޓުމަށް ކަމަށެވެ. އަދި އަތޮޅުތަކުގައި ޓީޓީގެ އިތުރު ސެންޓަރުތައް ގާއިމު ކުރުމަށް މި ދައުރުގައި މަސައްކަތް ކުރައްވާނެ ކަމަށް، ކުރިއަށް އޮތް އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޗެފް ޑެ މިޝަނަރުގެ މަގާމު ވެސް އަދާކުރައްވާ އަލީ ވިދާޅުވި އެވެ.

އެސޯސިއެޝަންގެ ނައިބުރައީސް ކަމަށް އިންތިހާބު ކުރީ މިހާރު ހިނގަމުންދާ ދައުރުގައި ވެސް ނައިބުރައީސް އިބްރާހިމް ޝިއުރީ އެވެ. ނައިބުރައީސްގެ މަގާމުގައި ހުންނަވައިގެން ޝިއުރީ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާ ޝިއުރީ އަށް ސަރުކާރުން ހަވާލުކޮށްފައިވާ އެ ޒިންމާއާ އެކު ކުރިއަށް އޮތް ދައުރުގައި ޓީޓީގެ މަސައްކަތްތަކުގައި އޭނާގެ ދައުރު ކުޑަވާނެ ކަމަށް ބެލެވެ އެވެ.

އެސޯސިއޭޝަންގެ ހަޒާންދާރުކަމަށް މިފަހަރު ވެސް އިންތިހާބު ކުރީ އަހްމަދު ޝާޒިލެވެ.

ކުރީގެ ކުޅުންތެރިޔާ އާއިޝަތު ފަދުވާ ރަޝީދު ވެސް ވަނީ އެކްސްކޯގެ މެންބަރުކަމަށް އިންތިހާބު ކޮށްފަ އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދުގެ އަންހެނުން ފަދުވާ އެކްސްކޯގައި އަދާކުރާނީ އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ ތެރެއިން އަންހެން މެންބަރުން ތަމްސީލުކުރާ މަންދޫބުގެ މަގާމެވެ.

ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީގެ މަންމަ ފާތިމަތު ވަހީދާ މިއަދުގެ ބޭއްވި ޓީޓީއޭއެމްގެ އިންތިހާބުގައި ވޯޓް ދެނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީގެ މަންމަ ފާތިމަތު ވަހީދާ މިއަދުގެ ބޭއްވި ޓީޓީއޭއެމްގެ އިންތިހާބުގައި ވޯޓް ދެނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޓީގެ ތަޖުރިބާކާރު ޓެކްނިކަލް އޮފިޝަލް އައްޒާމް އިބްރާހިމް ވެސް ވަނީ އެސޯސިއޭޝަންގެ ފިރިހެން މެންބަރުން ތަމްސީލުކުރާ މަންދޫބުގެ ގޮތުގައި އެކްސްކޯ އަށް އިންތިހާބުކޮށްފަ އެވެ.

ކްލަބްތަކުގެ ފަރާތުން އެކްސްކޯގައި ތަމްސީލު ކުރާ މަންދޫބަކީ ޖާދުއްﷲ ހަސަނެވެ. އެސޯސިއޭޝަންގެ އެސޯސިއޭޓް މެންބަރުން ތަމްސީލުރާ މަންދޫބުގެ ގޮތުގައި އެކްސްކޯ އަށް އިންތިހާބު ކުރީ އިސްމާއީލް ސުޖާއު އެވެ.

ޓީޓީގެ އިންތިހާބު މީގެ ކުރިން ބޭއްވީ 2020 ގަ އެވެ. އޭރު އިންތިހާބާ ގުޅޭ މައްސަލަތަކެއް ފާހަގަ ކުރުމަށް ފަހު ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އަލިބެ އެދުނީ އެ މައްސަލަތަކަށް ވަކި ގޮތެއް ނިމެންދެން އިންތިހާބު މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެކަމަކު ކޯޓުން ނިންމީ އިންތިހާބު މަޑުޖައްސާލަން އަންގަން ޖެހޭ މަގްބޫލު ސަބަބެއް ނެތް ކަމަށެވެ.

އިންތިހާބީ މައްސަލަ ކޯޓަށް ހުށަހެޅުމުން، ދުނިޔޭގެ ޓީޓީ ފެޑެރޭޝަން އައިޓީޓީއެފުން ރާއްޖެ އަށް އިންޒާރު ވެސް ދިނެވެ. އައިޓީޓީއެފުން އެންގީ ކަނަޑައެޅިފައިވާ ތާރީހްގައި އިންތިހާބު ނުބާއްވައިފިނަމަ ޓީޓީގެ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށެވެ.

އެފަހަރުގެ އިންތިހާބުގައި ރައީސް ކަމަށް އައްޔައާ ވާދަ ކުރީ ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ތޯހާ ސަލީމެވެ.