Roadha Mihaaru
ކޯޓުގެ ނިންމުމުން ކާމިޔާބު ލިބުނީ ކުޅިވަރަށް: އައްޔަ

ކޯޓުގެ ނިންމުމުން ކާމިޔާބު ލިބުނީ ކުޅިވަރަށް: އައްޔަ

09 ސެޕްޓެމްބަރ 2020

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އިންތިހާބު ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުނެރެން ނިންމުމަކީ ކުޅިވަރަށް ލިބިގެންދިޔަ ތާރީހީ ކާމިޔާބެއް ކަމަށް ޓީޓީގެ ރައީސަކަށް ދެ ވަނަ ދައުރަކަށް އިއްޔެ އިންތިހާބުވެވަޑައިގަތް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އިންތިހާބު ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުނެރެން ނިންމުމަކީ ކުޅިވަރަށް ލިބިގެންދިޔަ ތާރީހީ ކާމިޔާބެއް ކަމަށް ޓީޓީގެ ރައީސަކަށް ދެ ވަނަ ދައުރަކަށް އިއްޔެ އިންތިހާބުވެވަޑައިގަތް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

ޓީޓީ އިންތިހާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އައްޔައާ ވާދަކުރި ޓީމުގެ މެމްބަރު އަދި ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އެވެ. ކޯޓުގައި މައްސަލަ ކުރިއަށްދާނަމަ ރާއްޖެ ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ވަނީ ދުނިޔޭގެ މައި ޓީޓީ އިދާރާ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދީފަ އެވެ. ކޯޓުން އަމުރު ނުނެރެދިނީ ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހު އެވެ. އޭގެ ތެރޭގައި އެސޯސިއޭޝަނުގެ އެންމެހައި މެންބަރުންގެ ހައްގުތައް ގެއްލޭނެ ފަދަ ގޮތަކަށް ކޯޓުން ގޮތެއް ނުނިންމުން ހިމެނެ އެވެ.

"އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާނީ އިއްޔެ (ހޯމަ) އަކީ ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ތާރީހީ ކާމިޔާބެކޭ. އެއީ ކުޅިވަރަކީ އަސްލު ކޯޓަށް ގޮސްގެން ނިންމަންޖެހޭ އެއްޗެއް ނޫނޭ. މިއަދު (އިއްޔެ) އަސްލު މި ކަންތައް އެއޮތީ ފެނިފައި. އަސްލު މެމްބަރުން ނިކުމެ އެވަނީ މެމްބަރުންނަށް ފެންނަ ރަނގަޅު ޓީމަށް ވޯޓު ލައިގެން ހޮވާދީފަ،" އައްޔަ ވިދާޅުވި އެވެ.

އިއްޔެގެ އިންތިހާބުގައި ހުރިހާ މަގާމަކަށް ހޮވުނީ ވެސް އައްޔަގެ ޓީމުގެ މެމްބަރުންނެވެ. އައްޔަ 155 ވޯޓް ކާމިޔާބުކުރެއްވިއިރު، ދެން ރައީސަކަށް ވާދަކުރެއްވި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ އަށް ލިބުނީ 80 ވޯޓެވެ. އައްޔަ ވިދާޅުވީ މި ތަފާތު އަންނާނެކަން ކުރިން ވެސް ބެލެވުނު ކަމަށާއި އެކަަމަކު މީޑިއާ އާއި އެހެނިހެން ގޮތްގޮތުން ދިމާވި ޕްރެޝަރުތަކެއްގެ ސަބަބުން އުނދަގޫތަކަކާ ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުމެން އައީ މި އަށް ތައްޔާރުވަމުން ދެ އަހަރު ކުރިން. އެހެންވީމަ އެނގޭ އިރާދަކުރެއްވިއްޔާ މީތި ކާމިޔާބުވާނެކަން. އެސޯސިއޭޝަންގެ މެމްބަރުން އައިސް ވޯޓު ލައިގެން އަޅުގަނޑުމެން ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތް ކުރީގައި ވެސް،" އައްޔަ ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަންގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފަހަތުގައި އަލިބެ ހުރިއިރު، އައްޔަ ވިދާޅުވީ ޓީޓީ އާއިލާގެ ގިނަ ބަޔަކު ކޯޓަށް މައްސަލަ ގެންގޮސްގެން ކުރިއަށްދާން ބޭނުމެއް ނުވެ އެވެ. އަދި ޓީޓީ މީގެ ދެ އަހަރު ކުރިން ކުޅޭނެ ތަނެއް ނެތިގެން ވެސް ދަތި އުނދަގޫތަކާ ކުރިމަތިލިއިރު މިކަމާ އުޅޭނެ އެހެން ބައެއް ނުފެނި ކުއްލިއަކަށް އިންތިހާބު ކައިރިވީމަ މިހުރިހާ ކަމެއް ކުރިމަތިވާން ފެށުމުން ގިނަ ބަޔަކަށް މީގެ ހިނގާ ކަންތައްތައް ދެނެގަނެވުނު ކަމަށް ވިދާޅުވި އެވެ. އައްޔަ ވިދާޅުވީ ކޯޓަށް މައްސަލަ ދިޔަ ހިސާބުން ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ޓީޓީގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްތަކެއް ކޮށްދިން ކަމަށެވެ.

"އަޅުގަނޑުމެންނާ އެކު ރާއްޖޭގެ ހުރިހާ އެސޯސިއޭޝަންތައް އަޅުގަނޑުމެންނަށް ދިން ހިތްވަރު މި ފެނުނީ،" އައްޔަ ވިދާޅުވި އެވެ.

އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަން އަދި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެސޯސިއޭޝަނަށް ހިދުމަތްކުރަމުންނެވެ. އެގޮތުން 2006 އިން 2008 އަށް އިދާރީ މަސައްކަތްތައް ކުރިއިރު 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ނައިބް ރައީސެވެ. އަދި 2016 ވަނަ އަހަރު ރައީސްކަމަށް ފުރަތަމަ ފަހަރަށް އިންތިހާބުވެ އައްޔަގެ ރައީސްކަމުގައި ޓީޓީން ވަނީ 21 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޓީޓީގެ 60 އަހަރުވީ ތާރީހުގައި ލިބުނު ފުރަތަމަ ރަން މެޑަލް ވެސް ހިމެނެ އެވެ. އެ ކާމިޔާބީތަކުގެ ފަހަތުގައި، އައްޔަގެ ނައިބަކަށް ހޮވުނު އިބްރާހިމް ޝިއުރީގެ ހިއްސާ ބޮޑެވެ.

"އެންމެ ޗެލެންޖިން ކަމަކީ 2019 ވަނަ އަހަރު އެ ހޯދި ކާމިޔާބީ މެއިންޓެއިން ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެ އަށް ފޯކަސްކޮށް އަތޮޅުތަކުގައި ވެސް އެބަޖެހޭ މީތި ވަރަށް ގަދަޔަށް ޕްރޮމޯޓްކުރަން. އަދި ހަމައެކަނި މާލޭގައި ބޮޑަށް މި ކުޅިވަރު މި ކުޅެނީ. ސްކޫލުތަކުގައި ވެސް އެބަޖެހޭ ވައިޑީޕީ ކަންތައް މި އަށް ވުރެ ބޮޑަށް ކުރިއަށްގެންދަން،" އައްޔަ ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަނުގެ އެކްސްކޯ އިން ކުރިއަށް އޮތް ހަތަރު އަހަރަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެ މެނިފެސްޓޯގެ ކަންތައްތައް މީޑިއާ އަށް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް އައްޔަ ވިދާޅުވި އެވެ.