Roadha Mihaaru
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި

މާލީ މައުލޫމާތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރުން އެޖެންޑާ އިން ނަގައިފި

08 ޖުލައި 2024

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމާ އެކު މިއަދު ބާއްވަން ތާވަލްކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމާ އެކު މިއަދު ބާއްވަން ތާވަލްކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

އެ ކޮމިޓީގައި ކުރިން އެޖެންޑާ ކޮށްފައި އޮތީ ހެނދުނު 11:00 ގަވަރުނަރު އަލީ ހާޝިމް ހާޒިރު ކުރުމަށެވެ. އެ ބައްދަލުވުމަށް ގަވަރުނަރާ އެކު، ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން ވެސް ހާޒިރު ކުރަން އޮތީ ނިންމައިފަ އެވެ.

ނަމަވެސް މިހާރު ވަނީ އެ މައްސަލަ އެޖެންޑާ އިން ނަގައިފަ އެވެ.

މާލިއްޔަތު ކޮމިޓީގެ އެޖެންޑާގައި މިހާރު އޮތީ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލުގެ މަސައްކަތް ކުރިޔަށް ގެންދިޔުމެވެ.

ގަވަރުނަރު އަލީ ހާޝިމް ހާޒިރު ކުރަން މާލިއްޔަތު ކޮމިޓީން ކުރިން ނިންމީ އޭނާ މަގާމުން ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމުގެ މަސައްކަތް ފަށަން އެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އެ މާއްދާގެ ދަށުން އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްއެމްއޭގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާ ދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށެވެ.