Roadha Mihaaru
މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރަނީ!

މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރަނީ!

07 ޖުލައި 2024

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުވުމަށް ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މާދަމާގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމައިފި އެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުވުމަށް ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މާދަމާގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމައިފި އެވެ.

ހެނދުނު 11:00 ގައި ބާއްވާ އެ ކޮމިޓީ އަށް އަލީ ހާޝިމް ހާޒިރު ކުރަނީ ރާއްޖޭގެ މާލީ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައިވާއިރު، ހާލަތު އޮޅުން ފިލުވަން މެމްބަރުން ބޭނުންވާތީ އެވެ.

ގަވަރުނަރާ އެކު، ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން ވެސް އެ ބައްދަލުވުމަށް ވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފިނޭންސް މިނިސްޓްރީން ލަފާދީފައިވީ ނަަމަވެސް އެ ވެރިކަން ބަދަލުވުމާ ހަމައަށް އެފަދަ ފިޔަވަޅުތައް ނޭޅުމުން ދައުލަތުގެ ހަރަދު އިންތިހާ އަށް ބޮޑުވެ، ދަރަނި މައްޗަށް ގޮސްފައިވާ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިހާރު ފަށައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ މަގާމުތައް މަދުކުރުމާއި ދައުލަތުން ބާއްވާ ހަފުލާތައް ފަސްކުރުމާއި ބާއްވާ ހަފުލާތަކަށް ކުރާ ހޭދަ ކުޑަކުރުމާއި ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމެވެ.

ނާޒިމް ފާހަގަކުރެއްވި ބައެއް ކަންކަން:

1- ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވާފައި.

2- އެހެންވެ އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުން.

3- ސަރުކާރުން މިހާރު ވެސް ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ވެސް ނުކުރޭ.

4- ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަ ކޮށްފައިވުން.

ގަވަރުނަރު އަލީ ހާޝިމް މާލިއްޔަތު ކޮމިޓީ އަށް މާދަމާ ހާޒިރުކުރާއިރު، އޭނާ މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާ އެރުވުމުގެ މައްސަލަ ފަށަން މާލިއްޔަތު ކޮމިޓީ އަށް މި މަހުގެ ދެ ވަނަ ދުވަހު ވަނީ ފޮނުވައިފަ އެވެ. އެކަމަކު، އަދި އެ މައްސަލަ އެޖެންޑާއެއް ނުކުރެ އެވެ. އޭނާ މާދަމާ ކޮމިޓީ އަށް ހާޒިރުކުރަނީ ވެސް އެ މައްސަލައާ ގުޅުވައިގެނެއް ނޫނެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އެ މާއްދާގެ ދަށުން އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާ ދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށެވެ.

"އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ،" ނާޒިމް ވިދާޅުވި އެވެ.