11 ނޮވެމްބަރ 2022
ދައުލަތުހެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން މަރުކަޒީ ބޭންކުން ދީފައިވާ ލަފާގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފި އެވެ.
ދައުލަތުހެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން މަރުކަޒީ ބޭންކުން ދީފައިވާ ލަފާގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ފޮނުވި އެމްއެމްއޭގެ ލަފާގައިވާ ގޮތުން، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް 5.4 ޕަސެންޓަށް އިތުރުވާނެ އެވެ. އޭގެ ތެރެއިން 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނަ އިތުރުވުމެކެވެ.
އެމްއެމްއޭއިން ބުނީ، ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ފައިދާ އިތުރު ކުރުމަށް ވިޔަފާރިވެރިން މިހާރަށް ވުރެ ވެސް އަގުތައް ބޮޑުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ތަކެތީގެ އަގު 2.2 ޕަސެންޓަށް ވުރެ ވެސް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ ހަ ޕަސެންޓުން އަށް ފަސެންޓަށް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އެމްއެމްއޭ އިން ބުނިގޮތުގައި، ޓެކްސް ބޮޑު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ހަރަދުތައް ހަމަޖައްސައި، ޑެފިސިޓް ކުޑަކުރުން ކަމަށް ވާއިރު އެކަން އަންނަ އަހަރުގެ ބަޖެޓުން ހާސިލެއް ނުވާ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ކުރަން ކަނޑައަޅާފައިވާ ހަރަދުތައް އިންތިހާއަށް އިތުރުވުމެވެ.
އެމްއެމްއޭއިން ބުނީ ޓީޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް އަންނާނެ ބަދަލުތައް ކުރިއާލައި ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ޓީޖީއެސްޓީ ބޮޑު ކުރުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ހަމައެކަނި ކުރާ ކަމަކަށް ނުހެދުމަށް ވެސް މަރުކަޒީ ބޭންކުން އެދުނެވެ.
އެމްއެމްއޭއިން ބުނީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު 2020 ވަނަ އަހަރު ނުހިމަނައި ވޭތުވެދިޔަ ހަ އަހަރު ވެސް ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ޖެހި އަދަދު އަންދާޒާ ކުރާ މިންވަރަށް ވުރެ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ މަދު ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ލިބޭނެ ގޮތެއް ކަނޑައަޅާފައި ނެތް ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.
އެ އިދާރާ އިން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާ އިރު ބަޖެޓުގައި 2.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް އޮތް ނަަމވެސް، އަންނަ އަހަރު ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ. އެއާއެކު އަނެއްކާ ވެސް ދައުލަތުގެ ޑެފިސިޓް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެމްއެމްއޭއިން ބުނިގޮތުގައި، ރާއްޖޭގެ މިހާރުގެ ފިސްކަލް ހާލަތު އޮތް ގޮތުން އިންތިހާ އަށް ދަރަނި އޮތީ މަތީގަ އެވެ. މި ދަނޑިވަޅުގައި ލިބޭ އާމްދަނީން ރިކަރަންޓް ހަރަދު ހަމަޖެއްސޭނެ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރަސްމީ ރިޒާވުން ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުން ކުރާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ވެސް ދަތިވެފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ އިދާރާ އިން ވަނީ ޑޮމެސްޓިކް ބަޖެޓުން މަޝްރޫއުތައް ހިންގުމުގެ ކުރިން، އެ މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ސެކިއޯ ނުކުރެވޭ ނަމަ މަޝްރޫއުތައް ކުރިއަށް ގެންދުން ލަސްކުރުމަށް އެދިފަ އެވެ. އަދި އިގްތިސާދީ މަންފާ އެންމެ ބޮޑަށް ލިބޭނެ މަޝްރޫއުތައް ދެނެގަނެ އެފަދަ މަޝްރޫއުތައް ހިންގަން އިސްކަން ދޭން އެމްއެމްއޭއިން އެދިފައިވެ އެވެ.
އެމްއެމްއެއިން ބުނީ، ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހޭދަ ވެސް ކުޑަކުރަން ޖެހޭ ކަމަށެވެ. ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.4 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
އެ އިދާރާއިން ބުނީ، ބަޖެޓުގެ ހަރަދުތައް އިތުރުކޮށްފައިވާ އިރު ހަރަދު ހަމަޖެއްސުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ހަރަދުތައް މިހާރަށް ވުރެ އިތުރު ނުކޮށް، ފައިނޭންސިން ހޯދައިގެން އިތުރު ހަރަދު ކުރުން ކުޑަ ކުރުމަށް އެދުނެވެ.
އަންނަ އަހަރު ބޭރުގެ ފައިނޭންސިންގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ އަދި ޑޮމެސްޓިކް މާކެޓުން 4.7 ބިލިއަން ރުފިޔާ ހޯދުމަށް އަންދާޒާކޮށްފައިވެ އެވެ. އެކަމަކު، މި ބޭރުގެ މާކެޓުން ހޯދަން ކަނޑައަޅާފައިވާ އަދަދު ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކުރެ އެވެ.
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"
"ލޯނާއި ބޮންޑުގެ ސަބަބުން ރިޒާވަށް އަސަރު ކުރާނެ"
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން
ރަނގަޅު ގޮތަކީ ގަވަރުނަރު އިސްތިއުފާ ދެއްވުން: ތޯރިގު
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި
މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރަނީ!