Roadha Mihaaru
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން

މައްސަލައަކީ ގަވަރުނަރެއް ނޫން، އިގްތިސާދު މެނޭޖްކުރަން ނޭނގުން: އެމްޑީޕީ މެމްބަރުން

22 ޖުލައި 2024

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައި ވަނީ މި ސަރުކާރަށް މާލީ ކަންކަން މެނޭޖް ނުކުރެވުމުން ކަމަށާއި ގަވަރުނަރު އަލީ ހާޝިމް ވަކި ކުރަނީ އެ މައްސަލަ އޭނާގެ ބޮލުގައި އެޅުވުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައި ވަނީ މި ސަރުކާރަށް މާލީ ކަންކަން މެނޭޖް ނުކުރެވުމުން ކަމަށާއި ގަވަރުނަރު އަލީ ހާޝިމް ވަކި ކުރަނީ އެ މައްސަލަ އޭނާގެ ބޮލުގައި އެޅުވުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކި ކުރަން ރައީސަށް ލަފާ ދިނުމާ ގުޅޭ މައްސަލާގައި މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިޔަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ގަވަރުނަރު ވަކި ކުރުމަކީ ފެހި ގާނޫނުއަސާސީގެ ތާރީހުގައި ކަޅު ދުވަހެއް ކަމަށެވެ.

ގަވަރުނަރު ވަކިކޮށް އަދި "އިތުރު ތިން ގަވަރުނަރުން" މަގާމަށް އައްޔަން ކުރެއްވިޔަސް މި ސަރުކާރަށް އިގްތިސާދު މެނޭޖް ނުކުރެވޭނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.

"ބަޖެޓެއް ފާސްކޮށްގެން، އަލަށް އައި ސަރުކާރާ އެ ހަވާލު ކުރުމުން މެނޭޖް ކުރާކަށް ނޭނގުނު. ނޭނގުނީމަ ކޮންމެވެސް މީހެއްގެ ބޮލަށް މި ކަނޑާލަނީ،" ނާޒިލް ވިދާޅުވި އެވެ.

ގަވަރުނަރު ވަކި ކުރުމުގެ މަސައްކަތް، މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ސިފަ ކުރެއްވީ މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ބާރު ފޯރުވަން ކުރާ ސިލްސިލާ މަސައްކަތްތަކުގެ ފެށުމެއް ގޮތުގަ އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު ދޭ ލަފަޔަށް ފިނޭންސް މިނިސްޓްރީން އަމަލު ކުރުމުގެ ބަދަލުގައި އެ މިނިސްޓްރީން އަންގަވާ ގޮތަށް ގަވަރުނަރު އަމަލު ނުކުރާތީ އެ ހިތްހަމަ ނުޖެހުން ސަރުކާރުގެ އޮތް ކަމަށެވެ.

"މިއަދު ހެނދުނު ބައެއް މެންބަރުން ވިދާޅުވި މިނިވަން މުއައްސަސާތަކަށް މިިނިވަންކަން ދޫކޮށްލަން ރައީސް ބާރު އަޅުއްވާ ކަމަށް. އެ ވާހަކަތަކާ ތައާރަޒުވާ ފަދަ ކަމެއް މި ކުރަނީ." އަހުމަދު ދީދީ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ކުރީ ސަރުކާރުން ފައިސާ ޗާޕް ކޮށްފައިވާ ކަމަށާއި އެއީ ގައުމު ސަލާމަތް ކުރަން ކުރި ކަމެއް ކަމަށެވެ. އެކަމަކީ މަޖިލީހުން ފާސް ކުރުމުން ގަވަރުނަރު އަމަލު ކުރަން މަޖުބޫރުވާ ކަމެއް ކަމަށާއި އެކަމަކީ ގަވަރުނަރު އަމިއްލަ އަށް ކޮށްގެން އުޅޭ ކަމެއް ނޫން ކަމަށް ގަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދަށް މިއަދު އައިސްގެން އުޅޭ ބަދަލަކީ ވެސް ކުރީ ސަރުކާރުން ޒިންމާވާން ޖެހޭ ކަމެއް ނޫނެވެ. ކުރީ ސަރުކާރު ނިމުނު އިރު ޓޫރިޒަމް ދާއިރާ އިން މީގެ ކުރިން ދުވަހަކު ވެސް ނުވަންނަ ވަރަށް އާމްދަނީ ވަންނަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އުޅެނީ ކުރެވޭ ހަރަދު ބޮޑުވެގެން. ރިކަރަންޓު ހަރަދު ބޮޑުވުމުން ވާ ގޮތް މިއީ. އެކަން ކުރަން ޖެހެނީ މި ސަރުކާރުން." ގަފޫރު ވިދާޅުވި އެވެ.

މި ބަހުސަށް ފަހު މަޖިލީހުން މިއަދު ވަނީ އަލީ ހާޝިމް ވަކި ކުރަން ރައީސަށް ލަފާ އެރުވުމަށް ފާސް ކޮށްފަ އެވެ. އެކަމަށް ދެކޮޅު ހައްދަވައި ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުން އެކަންޏެވެ.