13 ނޮވެމްބަރ 2019
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ނަގާ ލޯނާއި ބޮންޑުގެ ސަބަބުން ދިގު މުއްދަތުގައި ދައުލަތުގެ ރިޒާވަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ނަގާ ލޯނާއި ބޮންޑުގެ ސަބަބުން ދިގު މުއްދަތުގައި ދައުލަތުގެ ރިޒާވަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ހާޝިމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ލޯނާއި ސުކޫކާއި ބޮންޑު ހިމެނޭ ކަމަށެވެ. އެހެންވެ، ބޭރުގެ ދަރަނި އެއް އަހަރުން އަހަރަށް ބޮޑު ވުމަކީ އެކަމުގެ އަސަރު އިގްތިސާދަށް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރު ދަރަނި އަހަރުން އަހަރަށް އިތުރުވެ، ދައުލަތުގެ ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ބޮޑު ބައެއް މި ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހުމަކީ ދައުލަތުގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށް ހުރި ގޮންޖެހުމެއް ކަމަށް ފާހަގަކުރަން،" މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމާ މިދިޔަ ސެޕްޓެމްބަރު 8 ގައި ހަވާލުވެވަޑައިގެންނެވި އަލީ ހާޝިމް ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އަރިހުން މައުލޫމާތު ސާފުކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ޑެފިސިޓަކީ 5.6 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ހޯދުމަށްޓަކާއި 300 މިލިއަން ޑޮލަރުގެ ޖަޕާނުގެ ސަމުރާއީ ބޮންޑެއް ވިއްކުމަށް ނިންމާފައިވާ އިރު 563 މިލިއަން ރުފިޔާގެ ޓީ-ބިލް ވެސް ވިއްކާނެ އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، ޓީ-ބިލް ވިއްކުން އިތުރުވާ ނަމަ އަމިއްލަ ވިޔަފާރިތަކަށް ބޭންކްތަކުން ދޫކުރާ ލޯނުގެ އަދަދު މަދުވާނެ އެވެ.
ސަރުކާރުގެ ޚަރަދުތައް ރޭވުމުގައި ރިކަރަންޓް ޚަރަދުތައް ކުޑަކޮށް، ޖުމްލަ ޚަރަދުތައް މަދުކުރުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދައުލަތުގެ ދަރަނި ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް ގައި ކަނޑައަޅާފައިވާ އިރު އެ މިންގަނޑުގައި މިދިޔަ އަހަރުތަކުގައި ހިފެހެއްޓިފައި ނެތް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ބަޖެޓް ކޮމިޓީ ގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މި އުސޫލުގައިވާ ގޮތުން ދައުލަތުގެ ދަރަނި ހުންނަން ވާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ. ނަމަވެސް މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނީގެ ނިސްބަތް ހުންނާނެ ކަމަށް ލަފާ ކުރެވެނީ 58 ޕަސެންޓުގަ އެވެ. އަދި މި އަހަރު ނިމޭ އިރު ގެރެންޓީއާ އެކު ދައުލަތުގެ ދަރަނީގެ ނިސްބަތް ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 75 ޕަސެންޓުގަ އެވެ.
"ކުރިއަށް އޮތް އަހަރު ތަކުގައި ބަޖެޓު ފާސްކުރުމުގެ ކުރިން ބަޖެޓަކީ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަން މަޖިލީހުން ޔަގީން ކުރުމުގެ މުހިއްމުކަން ފާހަގަކުރަން،" އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް ވިދާޅުވި އެވެ.
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި
މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރަނީ!
ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް!
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"
3 އަހަރުން 19 ބިލިއަން ރުފިޔާ ދައްކަންޖެހޭ: ޒިޔަތު
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން