Roadha Mihaaru
ހައްޔަރުކުރަން އަނިޔާވެރިކޮށް އަމަލުކުރި މައްސަލަ ބަލަނީ

މީހަކު ހައްޔަރުކުރަން އަނިޔާވެރިކޮށް އަމަލުކުރި މައްސަލަ ބަލަނީ

04 ޖުލައި 2024

ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި މީހަކު ހައްޔަރުކުރަން އަމަލުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި މީހަކު ހައްޔަރުކުރަން އަމަލުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ފުލުހަކު މީހަކު ހައްޔަރުކުރަން އޭނާ ބިންމައްޗަށް ވައްޓާލައި ފައިން ގައިމައްޗަށް އަރަ އެވެ. އެއް ފުލުހަކު ބިންމަތީގައި އޮތް މީހާގެ ކަރަށް ފައިން އަރައިގެން ހުރިއިރު، އަނެއް ފުލުސް މީހާ އޭނާގެ އަތް ލަންބުވާލާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

މި ވީޑިއޯ އާންމުވުމާ އެކު ފުލުހުން އަމަލުކުރި ގޮތާ މެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ފުލުހުންގެ ފަރާތުން މީހުންނަށް ކުރާ މިފަދަ އަނިޔާތައް ކަމާ ބެހޭ މުއައްސަސާތަކުން ތަހުގީގުކުރަން ވެސް ދަނީ ގޮވާލަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިފަދަ އެއްވެސް އަމަލަކީ ފުލުހުންގެ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. މި ހާދިސާ ތަހުގީގުކުރަން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން މިހާރު އެދިފައިވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރުނުދޭނެ ކަމުގައި ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.

ފުލުހުން ގެންދަނީ ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އޭގެ އެއް އޮޕަރޭޝަނުގައި މީހަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުން ބަޔަކު ވަނީ ފުލުހުން ކުރިމަތި ވެސް ލައިފަ އެވެ.

އެ ހަމަނުޖެހުންތަކުގައި ފުލުހަކަށް އަނިޔާ ވެސް ވެފައިވެ އެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރުކުރި އެވެ.