Roadha Mihaaru

ނޫސްވެރިޔާއަށް އަނިޔާކުރި ކަމަށް ބެލެވޭތީ ދެ ފުލުހެއްގެ މައްސަލަ އެންއައިސީއަށް ހުށަހަޅަނީ

ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ކަމަށް ބުނެ ހުއްޓުވި ނޫސްވެރިޔާއަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލާގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

ދެ ފުލުުހެެއްގެ މައްސަލަ އެމްޖޭއޭއިން އެންއައިސީއަށް!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

25 މެއި 2025

ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ކަމަށް ބުނެ ހުއްޓުވި ނޫސްވެރިޔާއަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލާގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވައި، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް ތުހުމަތުތަކެއް ކުރީ ވަން އޮންލައިންގައި ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދާން އަހުމަދެވެ.

އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު، އެމްޖޭއޭއިން މިއަދު އާންމުކުރި އިންސިޑެންޓް ރިޕޯޓުގައި ބުނީ އެ މައްސަލާގައި މިވަގުތަށް ފެންނަން ހުރި މެޑިކަލް ރިޕޯޓުތަކާއި ނޫސްވެރިޔާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާއަށް ބަލާއިރު ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާވާނެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އެމްޖޭއޭއިން ބުނެފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމުގެ ތެރޭގައި ގަދަކަމުން ކާރަށް އަރުވަން އުޅެފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށާއި އެކަމުގެ ތެރޭގައި އޭނާގެ ނިތްކުރި ކާރުގައި ޖެހި ދުޅަވެފައި ހުރި ކަމަށެވެ.

ފުލުހުން އޭނާ ހުއްޓުވި ވީޑިއޯ ޑިލިޓު ކުރަން އިންކާރު ކުރުމުން ފޭސް 2 ގެ ޕޮލިސް ސްޓޭޝަންގެ ތެރޭގައި އޭނާއަށް އެކި ގޮތްގޮތުން ބިރު ދައްކައި، މޫނުމަތީގައި ޖަހާ އަނިޔާ ކޮށްފައިވާ ކަމަށް ވެސް އެމްޖޭއޭގެ އިންސިޑެންޓް ރިޕޯޓުގައިވެ އެވެ.

އޭނާގެ މެޑިކަލް ލިޔުންތަކުން ކޯމަތިން ދުޅަވެ، ކަނާއަތް ހަރުވެ ނޫފައިގެންފައި ހުރި ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

އެ ކަންކަމާ ގުޅިގެން އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށާއި ސީނަށް ގޮސް ހުއްޓުވަން އުޅުނު ދެ ފުލުހުންގެ މައްސަލަ ތަހުގީގުކުރުމަށް އެންއައިސީއަށް ހުށަހެޅުމަށް އެމްޖޭއޭއިން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެ މައްސަލާގައި ހަމްދާންގެ ހާލަތުން ގާތުން ބަލައި ފޯރުކޮށްދެވެން އޮތް ގާނޫނީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވެސް އެމްޖޭއޭއިން ވަނީ ނިންމާފައިވެ އެވެ.

އެ ނޫސްވެރިޔާ ފުލުހުންނާ ކުރިމަތިލުމުގެ ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ނޫސްވެރިޔާ ވެސް އެއްބަސްވާތީ، އެމްޖޭއޭއިން ވަނީ އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް ބާރު އަޅައިފަ އެވެ. އަދި ޑްރޯން އެރުވުމުގައި ވެސް ހުއްދަ ނަގައިގެން އުޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އެ މައްސަލަ މެދުވެރިވީ ހުޅުމާލޭ ފޭސް 2 ގެ ނިގަކަސް މަގުގައި މޫދާ ދިމާލުން މަގުގެ އެއްފަޅީގައި ޑްރޯން އަރުވައިގެން ހުއްޓައި ދެ ފުލުހަކު އައިސް ޑްރޯން އެރުވުމުގެ ހުއްދަ އޮތްތޯ ސުވާލުކުރުމުގެ ތެރޭގަ އެވެ. އެ ނޫސްވެރިޔާ ބުނި ގޮތުގައި ހުއްދަ ނެތް ކަމަށް ބުނުމުން އޭނައާ ބެހޭ މައުލޫމާތު ދިނުމަށް އެދުމުން އައިޑީކާޑް ދެއްކުމުން އެއީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން ފުލުހުން ވަނީ ވާހަކަ ދައްކައިފަ އެވެ. ފުލުހުން އޭނާއާ މުއާމާލާތުކުރަމުން ދިޔަ ވަގުތުކޮޅު އޭނާ ހުރީ ފޭސްބުކް ލައިވް ޖައްސައިގެންނެވެ.

ހަމްދާން ބުނިގޮތުގައި ފުލުހުން އޭނާއަށް ޑިމާންޑު ކުރީ އެ ވީޑީއޯ ޑިލިޓް ކުރުމަށެވެ. އަދި އޭނާ ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ވީޑިއޯ ޑިލީޓުނުކޮށް އެތަނުން ދާން އުޅުމުގެ ތެރޭގައި އޭނާގެ ފަހަތުން ގޮސް ގަދަކަމުންނެވެ.

ހަމްދާންގެ ތުހުމަތާ ގުޅޭގޮތުން ފުލުހުން ބުނީ ޑްރޯން އެރުވުމުގެ ހުއްދަ އޮތްތޯ ޔަގީންކޮށްދޭން އޭނާ އިންކާރު ކުރި ކަމަށެވެ.

"މައުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭ ކަމަށް ބުނެ ހަޑިހުތުރު ބަހުން ފުލުހުންނާއި މުއާމަލާތްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭނާ ހުޅުމާލެެ ފޭސް 2ގެ ޕޮލިސް ސްޓޭޝަކަށް ގެނެސް ސުވާލު ކޮށްފައިވޭ،" ފުލުހުން ބުންޏެވެ.

ނަމަވެސް އަނިޔާކުރި ކަމުގެ ތުހުމަތުތަކަށް ފުލުހުން ވަނީ އިންކާރުކޮށްފަ އެވެ.