Roadha Mihaaru

ހުޅުމާލެ އިން ހުއްޓުވީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅުނު މީހެއް: ޕޮލިސް

ހުޅުމާލެ އިން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވުމުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ހުތުރު ބަހުން ވާހަކަ ދެެއްކި މީހެއް ކަމަށާއި އޭނާއަށް އަނިޔާކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހުއްޓުވީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅުމުން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 މެއި 2025

ހުޅުމާލެ އިން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވުމުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ހުތުރު ބަހުން ވާހަކަ ދެެއްކި މީހެއް ކަމަށާއި އޭނާއަށް އަނިޔާކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭނާ ފޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ނަސޭހަތް ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ތުހުމަތުތަކެއްކޮށް، އަނިޔާކޮށްފައިވާ ކަމަށް ބުންޏަސް މިހާތަނަށް ބެލިބެލުމުން އޭނާ ހުއްޓުވުމުގައި އެފަދަ ކަމެއް ފުލުހުން ކޮށްފައި ނުވާ ކަމަށް އެ މެސެޖުގައިވެ އެވެ.

ހުޅުމާލޭގައި ޑްރޯން އެރުވޭނީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. ހުއްދަ ނުނަގައި ޑްރޯން އަރުވާނަމަ ހުއްޓުވުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.

ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވުމުން ފުލުހުންނަށް ތުހުމަތުތަކެއްކޮށް ކުރީ ވަން އޮންލައިންގައި ނޫސްވެރިއަކަށް އުޅޭ ހަމްދާން އަހްމަދެވެ.

އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރޭ 8:40 ހާއިރު ހުޅުމާލޭ ފޭސް ދޭއްގެ ނިގަކަސް މަގުގައި މޫދާ ދިމާލުން މަގުގެ އެއްފަޅީގައި ޑްރޯން އަރުވައިގެން ހުއްޓައި ދެ ފުލުހަކު އައިސް ސުވާލު ކުރަން ފެށި ކަމަށެވެ.

ހުއްދަ ދެއްކުމަށާއި ހުއްދަ ނުނަގައި ޑްރޯން ނޭރުވޭނެ ކަމަށް ފުލުހުން ބުނި ކަމަށް އޭނާ ލިއެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ހުއްދަ ނެތް ކަމަށް ބުނުމުން އޭނައާ ބެހޭ މައުލޫމާތު ދިނުމަށް އެދުމުން އައިޑީކާޑް ދެއްކުމުން އެއީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން ފުލުހުން ވަނީ ވާހަކަ ދައްކައިފަ އެވެ.

ފުލުހުން އޭނާއާ މުއާމާލާތުކުރަމުން ދިޔަ ވަގުތުކޮޅު އޭނާ ހުރީ ފޭސްބުކް ލައިވް ޖައްސައިގެންނެވެ.

އެ ވީޑީއޯ އިން ފެންނަ ގޮތުގައި، އެ ވަގުތު އެތަނުގައި ތިބި ދެ ފުލުހަކާ އޭނާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހުތުރުބަހުންނެވެ. ފުލުހުން އޭނާ ހުއްޓުވަނީ މަޑުކުރަން ނުޖެހޭނެ ކަމަށް ބުނެ ދާން ހެދުމުންނެވެ.

ހަމްދާން ލިއެފައިވާ ގޮތުގައި އޭނާ ގެއަށް ދާން ހިނގައިގަތުމުން ކޮއްޕައި ވައްޓާލަ އެވެ. އެކަމަކު މި މަންޒަރު ވީޑިއޯއަކުން ނުފެނެ އެވެ.

އޭނާގެ ތުހުމަތާ ގުޅޭގޮތުން ފުލުހުން ބުނީ ޑްރޯން އެރުވުމުގެ ހުއްދަ އޮތްތޯ ޔަގީންކޮށްދޭން އޭނާ އިންކާރު ކުރި ކަމަށެވެ.

"މައުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭ ކަމަށް ބުނެ ހަޑިހުތުރު ބަހުން ފުލުހުންނާއި މުއާމަލާތްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭނާ ހުޅުމާލެެ ފޭސް 2ގެ ޕޮލިސް ސްޓޭޝަކަށް ގެނެސް ސުވާލު ކޮށްފައިވޭ،" ފުލުހުން ބުންޏެވެ.

އަދި ޑްރޯން އެރުމުގެ ހުއްދަ ނެތި ނޭރުވޭނެ ކަމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ބެލި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް އަނިޔާ ކުރުން ފަދަ އެއްވެސް ކަމެއް ހިންގިކަން އެނގެން ނެތް ކަމަށް ފުލުހުން ބުންޏެވެ.