Roadha Mihaaru
ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައިފި

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޖޭއޭ އިން ގޮވާލައިފި

02 މެއި 2021

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި މުޒާހަރާގައި ފުލުހުން ކުރި އަނިޔާ ތަހުގީގުކޮށް އަދި މިފަދަ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި މުޒާހަރާގައި ފުލުހުން ކުރި އަނިޔާ ތަހުގީގުކޮށް އަދި މިފަދަ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިންނަށް ހުރަސް އަޅާފައިވާ ކަމުގެ ރިޕޯޓުތައް އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ.

މި ބަޔާނުގައި ވަނީ ރޭގެ މުޒާހަރާގައި ނޫސްވެރިންނަށް ކުރިމަތިކުރުވި ހުރަސްތައް ތަހުގީގުކޮށްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް އެފެއާސް މިނިސްޓަަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ އިސްވެރިންނަށް ވެސް ގޮވާލައިފަ އެވެ.

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްއެޅުމުގެ ސަގާފަތެއް ދިވެހި ފުލުހުންގެ މެދުގައި އޮންނަ ކަމަށާއި މަސައްކަތަށް ހުރަސްއެޅުމުގެ އިތުރުން ހަޑިހުތުރު ބަހުން މުއާމަލާތްކުރުމާއި އަދި އަނިޔާކުރާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްނޭޅުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ފުލުހުންގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މި އަމަލުތައް ފުލުހުން ތަކުރާކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރި އެވެ.

ރޭގެ މުޒާހަރާ ރޫޅާލައިފައި ވަނީ، ގަދަ ބާރުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ މޫނަށް ޕެޕާސްޕްރޭ ޖަހައި އަނިޔާވެރިކަމާ އެކު ދުރުކުރާ ތަން ފެންނަ ވީޑިއޯއެއް ވެސް އަންނަނީ ދައުުރުވަމުންނެވެ.

މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ކުރި އަނިޔާ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.