Roadha Mihaaru

ޒަކިއްޔާގެ މަރު: ފުލުހުންނަށް ދައުވާކޮށްދޭން އެދުނީ ތަހުގީގުގައި ސުވާލުނުކޮށް

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފުލުހުންނަށް ދައުވާކުރަން ބޭނުންވެގެން ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށް ހުށަހެޅި އޮފިސަރުންނާ، އެ ކޮމިޝަންގެ ތަހުގީގުގެ ތެރެއިން ސުވާލުނުކުރާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފުލުހުންނަށް ދައުވާކުރަން އެދުނީ ތަހުގީގަށް ސުވާލުނުކޮށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 އޯގަސްޓް 2025

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފުލުހުންނަށް ދައުވާކުރަން ބޭނުންވެގެން ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށް ހުށަހެޅި އޮފިސަރުންނާ، އެ ކޮމިޝަންގެ ތަހުގީގުގެ ތެރެއިން ސުވާލުނުކުރާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އެންއައިސީން ގަބޫލުކުރާތީ ހަތް ފުލުހެއްގެ މައްޗަށް ދައުވާކުރަން ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާކުރުމާ މެދު މަޝްވަރާއަށް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެންއައިސީން ދައުވާ ކުރަން ބޭނުންވެގެން ޕީޖީއަށް ނަން ފޮނުވި ބޭފުޅުންގެ ތެރޭގައި، އެ ހާދިސާ ހިނގިއިރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ކޮމިޝަނަރު އިސްމާއިލް ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަދި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ހިމެނިވަޑައިގަންނަވަ އެވެ.

އެ ބޭފުޅުންނަށް ދައުވާކޮށްދޭން އެދި އެންއައިސީން ޕީޖީ އޮފީހަށް ފޮނުވިޔަސް އެ މައްސަލާގައި ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އެއިން އެއްވެސް ބޭފުޅަކާ ސުވާލުކޮށް ކަން ހިނގާފައިވާ ގޮތް ސާފުކޮށްފައި ނުވާ ކަން އެނގިފައިވެ އެވެ.

އެކަމާ ގުޅިގެން އެންއައިސީގެ ރައީސް ގާސިމް އަބްދުލްކަރީމްއާ "މިހާރު"ން ސުވާލުކުރުމުން ޖަވާބެއް ނުދެއްވައި ވިދާޅުވީ މީޑިއާ އޮފިސަރަށް ގުޅުމަށެވެ. އެކަމަކު މީޑިއާ އޮފިސަރުގެ ނަމްބަރުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ފަދަ ސީރިއަސް ތުހުމަތުތައް ހިމެނެ އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ނ. ހޮޅުދޫގައި އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ކަރު ކަށިގަނޑާ ވަކިނުވެ އޮތީ ކިރިޔާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ނަފްސާނީ މައްސަލަތަކަކަށް ވެސް ފަރުވާ ހޯދަމުން އައި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއްކަމަށް ތުހުމަތުކޮށް އޭނާގެ އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ގިނަ ބަޔަކު އެ މައްސަލާގައި ނުރުހުން ފާޅުކުރީ އޮޓޮޕްސީ ނުހަދައި ޒަކިއްޔާގެ ހަށިގަނޑު ވަޅުލުމުންނެވެ. އެކަމަކު ފަހުން ފުލުހުން ވަނީ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފަ އެވެ. އެ ރިޕޯޓުން، ދެއްކީ އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.