Roadha Mihaaru
ކެނެޑާ ސިފައިންގެ ވެރިޔަކަށް އަންހެނެއް

ކެނެޑާ ސިފައިންގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނެއް

04 ޖުލައި 2024

ކެނެޑާގެ ސިފައިންގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސަން ނިންމައި އެ ގައުމުގެ ބޮޑުވަޒީރު ބުދަ ދުވަހު އެކަން އިއުލާނުކުރައްވައިފި އެވެ.

ކެނެޑާގެ ސިފައިންގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސަން ނިންމައި އެ ގައުމުގެ ބޮޑުވަޒީރު ބުދަ ދުވަހު އެކަން އިއުލާނުކުރައްވައިފި އެވެ.

ޖީ7 އަދި ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ކެނެޑާގެ އަސްކަރިއްޔާ ލީޑުކުރައްވާ ފުރަތަމަ އަންހެން ބޭފުޅަކީ ލެފްޓިނެންޓް ޖެނެރަލް ޖެނީ ކެރިގްނާން އެވެ.

އަސްކަރިއްޔާގައި ޝަރަފުވެރި އެތައް ކާމިޔާބީއެއް ހޯއްދަވާފައިވާ ކެރިގްނާން އަކީ ހަތަރު ކުދިންގެ މަޔަކަށް ވާއިރު އޭގެ ދެ ބޭފުޅުން މިހާރު ވެސް ހިދުމަތްކުރައްވަނީ އަސްކަރިއްޔާގަ އެވެ. މިހާރު ސިފައިންގެ ވެރިޔަކަށް ހުންނެވި ޖެނެރަލް ވޭން އަޔާ ރިޓަޔާކުރެއްވުމާ އެކު، ކެރިގްނާން ޖެނެރަލެއްގެ ރޭންކަށް ޕްރޮމޯޓްކޮށް، މި މަހުގެ 18 ވަނަ ދުވަހު އޮންނަ ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމަށް އައްޔަންކުރާނެ އެވެ.

"އަޅުގަނޑަށް ޔަގީން، ކެނެޑާގެ އާ ޗީފް އޮފް ޑިފެންސް ސްޓާފްގެ ހައިސިއްޔަތުން، ކެނެޑާ ވަރުގަދަ، ރައްކާތެރި އަދި ދުނިޔޭގެ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް އޮތް ގައުމަކަށް ހެދުމުގައި އެހީތެރިވެދޭނެ ކަމަށް،" ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި އެވެ.

މޮންޓްރިއަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ކެރިގްނަން އަސްކަރިއްޔާގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަނީ "އޮޅުންބޮޅުން ބޮޑު ޖިއޮޕޮލިޓިކްސްގެ މައްސަލަތަކާއި އިންޒާރުތައް އިތުރުވެފައިވާ" އުނދަގޫ ވަގުތެއްގައި ކަމަށެވެ.

ސިފައިންގެ ވެރިޔަކަށް އަންހެނަކު ހަމަޖެއްސި 2022 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ކެނެޑާގެ ސިފައިންގެ ތެރޭ "އަންހެނުންނާ ދެކޮޅުވެރި" ވިސްނުން ވަރަށް ބޮޑަށް އޮންނަ ކަމަށާއި ޖިންސީ ފުރައްސާރަ އާއި ގޯނާ އަދި އަނިޔާގެ ސީރިއަސް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ކެނެޑާ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގައި އަންހެނުންގެ ނިސްބަތަކީ 16 ޕަސެންޓެވެ.

ކެރިގްނަން އަސްކަރިއްޔާއާ ގުޅިވަޑައިގަތީ ކެނެޑާއިން އަންހެނުންނަށް ހަނގުރާމައިގެ މައިދާނުގެ ރޯލުތައް އަދާކުރުމުގެ ހުއްދަ ދިނުމުގެ ތިން އަހަރު ކުރިން 1986 ވަނަ އަހަރު އެވެ.

ބޮން ނައްތާލުމާއި ހަނގުރާމައިގެ މައިދާނުގެ ސްޓްރަކްޗާތައް ބިނާކޮށް ނައްތާލުމުގެ ދައުރެއް އޮންނަ ކޮމްބެޓް އިންޖިނިއަރެއްގެ ގޮތުގައި ތަމްރީނު ހޯއްދެވި ކެރިގްނަން ވަރަށް އަވަހަށް މަގާމުގެ ކުރިއެރުން ހޯއްދަވައި، އަންހެން ސިފައިންނާ މެދު ގޮތުން ކުރިން އޮތް ތަސައްވުރުތައް ބަދަލުކޮށްލި އެވެ.

އޭގެ ފަހުން ކެނެޑާގެ ކޮމްބަޓް ޔުނިޓެއް ލީޑްކުރި ފުރަތަމަ އަންހެނަކަށް އޭނާ ވެ ވަޑައިގަތެވެ. އަފްޣާނިސްތާނަށް ފޮނުވި ސިފައިންގެ ތެރޭގައި ވެސް ހިމެނުނު އިރު، އޭނާ ވަނީ އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލުމުގެ ހަމަލާއަކުންނާއި ދަތުރުކުރި އުޅަނދެއް އައިއީޑީއަކުން ގޮއްވާލި ހާދިސާއަކުން ވެސް ހަނި ގޮތަކަށް ސަލާމަތްވެފަ އެވެ.

ކެރިގްނާން ވަނީ ބޮސްނިއާ-ހަރްޒެގޮވިނާ އާއި ސީރިއާގައި ވެސް ޚިދުމަތް ކުރައްވައި، 2019 އިން 2020 އަށް އިރާގުގައި ނޭޓޯގެ ތަމްރީނު މިޝަން ލީޑް ކުރައްވައި، ކެނެޑާގެ ދެ ވަނަ އަށް އެންމެ ބޮޑު، 10،000 އަށްވުރެ ގިނަ ސިފައިން ހިމެނޭ ރެޖިމެންޓެއްގެ ކޮމާންޑަރުކަން ވެސް ކުރައްވައިފަ އެވެ. -- އޭއެފްޕީ