Roadha Mihaaru
އެމެރިކާގެ މަތިން ގޮތް ނޭނގޭ 4 އުޅަނދެއް ވައްޓާލައިފި

އެމެރިކާގެ މަތިން ގޮތް ނޭނގޭ 4 އުޅަނދެއް ވައްޓާލައިފި

13 ފެބުރުއަރީ 2023

އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ދަތުކުރަމުން ދިޔަ، ގޮތް ނޭނގޭ ހަތަރު އުޅަނދަކަށް ހަމަލާ ދީ ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ދަތުކުރަމުން ދިޔަ، ގޮތް ނޭނގޭ ހަތަރު އުޅަނދަކަށް ހަމަލާ ދީ ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ރޭ ބުނި ގޮތުގައި އެ ގައުމާއި ކެނެޑާ ގުޅޭ ސަރަހައްދީ އިމުގެ ކައިރީގައި އޮންނަ ލޭކް ހުރޯންގެ މަތިން ދަތުރުކުރި ގޮތް ނޭނގޭ އުޅަނދެއް އިއްޔެ މެންދުރު ފަހު ވަނީ ވައްޓާލައިފަ އެވެ. އަށްކަން ބައްޓަމަށް އޮތް ގޮތް ނޭނގޭ އެ އުޅަނދު ވައްޓައިލަން ޖެހުނީ، މަދަނީ ވައިގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މަތިންދާބޯޓުތަކަށް ނުރައްކަލެއް ކުރިމަތިވެދާ ފަދަ އުސްމިނެއްގައި އެ އުޅަނދު ހަރަކާތްތެރިވަމުން ދިއުމުން ކަމަށް ވެސް ޕެންޓަގަނުން ބުންޏެވެ.

އިއްޔެ ވައްޓައިލި މި އުޅަނދަކީ މި މަހުގެ ތެރޭގައި އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ވައްޓައިލި މިފަދަ ހަތަރު ވަނަ އުޅަނދެވެ. އިއްޔެ ވައްޓައިލި އުޅަނދު އެންމެ ފުރަތަމަ ފެނުނީ ކެނެޑާއާ އިންވެގެން އޮންނަ އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ މަތިން ދަތުރުކުރަނިކޮށް، މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޕެންޓަގަނުން ބުނި ގޮތުގައި 20000 ފޫޓު އުހުން ދަތުރުކުރި އެ އުޅަނދުން އެމެރިކާ އަށް އަސްކަރީ އެއްވެސް ނުރައްކަލެއް ނެތެވެ. ނަމަވެސް އެ އުސްމިނަކީ، އާންމު ވައިގެ ދަތުރުތަކުގައި މަތިންދާބޯތުތައް ދަތުރުކުރާ އުސްމިނަކަށް ވާތީ، ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތް ވުމުގެ ގޮތުން އެ ފިޔަވަޅު އަޅަންޖެހުނީ އެވެ.

ގޮތް ނޭނގޭ އުޅަނދު ވައްޓައިލީ، އެމެރިކާގެ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ދިން މިސައިލް ހަމަލާއެއްގަ އެވެ. ކޮން ގައުމަކުން ކޮން ބޭނުމެއްގައި އުފައްދައި ދުއްވަމުންދާ އުޅަނދުތަކެއް ކަން ކަށަވަރުނުވާ މި އުޅަނދުތައް އެމެރިކާގެ ވައިގެ ސަރަހައްދުން ފެންނަން މި ފެށީ، މޫސުން ދިރާސާކުރުމަށް ޗައިނާ އިން އަރުވާފައިވާ ބޮޑު ފުއްޕާހަމެއް، އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، މިމަހުގެ 4 ވަނަ ދުވަހު ވައްޓާލާފައިވަނިކޮށެވެ.

އެމެރިކާ އިން ބުނި ގޮތުގައި މިސައިލް ހަމަލާއެއްގައި ވައްޓައިލި، ޗައިނާގެ ފުއްޕާހަމަކީ ޖާސޫސް ކުރުމަށް ޗައިނާ އިން އެމެރިކާގެ ވައިގެ ސަރަހައްދަށް ފޮނުވި ހަމެކެވެ. ނަމަވެސް ޗައިނާ އިން ބުނި ގޮތުގައި މޫސުމީ ދިރާސާތަކުގައި ބޭނުންކުރާ އެ ހަން، އެމެރިކާގެ ވައިގެ ސަރަހައްދަށް ވަނީ، މޫސުން ގޯސްވެ ވައި ބާރުވުމުގެ ސަބަބުން، އޭގެ މިސްރާބުން ނައްޓާލައިގެންނެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޗައިނާގެ ފުއްޕާހަން ވައްޓައިލި ފަހުން، މި މަހުގެ 10 ވަނަ ދުވަހު އެމެރިކާގެ އެލަސްކާގެ އުތުރު ސަރަހައްދުގެ ތެރެއިން ވަނީ ގޮތް ނޭނގޭ ވައިގެ އުޅަނދެއް ފެނިފަ އެވެ. ބުރަފައްޗެއް ފަދަ އެއްވެސް އެއްޗެއް ބޭރު ފުށުން ފެންނަން ނެތް އެ އުޅަނދު އޭރު ދަތުރުކުރަމުން ދިޔައީ އުތުރު ޕޯލްއާ ދިމާއަށް ކަމަށް ވެސް ޕެންޓަގަނުން ބުންޏެވެ.

ކުޑަ ކާރެއްގެ ބޮޑުމިނުގައި އޮތް އެ އުޅަނދު ވައްޓައިލީ 40000 ފޫޓު އުހުން ދަތުރު ކުރަނިކޮށް، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ދިން މިސައިލް ހަމަލާއެއްގަ އެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވެސް ކެނެޑާގެ ހުޅަނގުއުތުރު ސަރަހައްދުގެ ވައިގެ ސަރަހައްދުން ގޮތް ނޭނގޭ އުޅަނދެއް ދަތުކުރަމުން ދަނިކޮށް، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯތުތަކުން ދިން ހަމަލާއެއްގައި ވަނީ ވައްޓާލައިފަ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ޑިމޮކްރެޓިކް ޕާތީ ތަމްސީލް ކުރައްވާ މެމްބަރެއް ކަމަށްވާ ޗަކް ޝޫމާ، އެ މަޖިލީހުގެ ބައްދަލުވުމެއްގައި އިއްޔެ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހާ ހަމައަށް ފެނުނު ގޮތް ނޭނގޭ ތިން އުޅަނދަކީ ވެސް އެކި ބޮޑުމިނުގެ ފުއްޕާހަންތަކެއް ކަމަށް، ސިއްރު މައުލޫމާތުތަކުން އެނގެ އެވެ.

އެހެން ނަމަވެސް ޕެންޓަގަނުން ބުނި ގޮތުގައި، މި މަހުގެ 4 ވަނަ ދުވަހު ވައްޓައިލި ފުއްޕާހަމުގެ ފަހުން ފެނުނު ގޮތް ނޭނގޭ އުޅަނދުތަކުގައި ފުއްޕާހަމަކާ އެއްގޮތް ސިފަތަކެއް ނެތެވެ. އަދި އެހާ އުހުން ދަތުރުކުރާ ފަދަ ފުއްޕާހަމަކަށް ވުރެ ބޮޑުމިނުގެ ގޮތުން ވެސް މާ ކުޑަ އެވެ.