Roadha Mihaaru
އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. ޒޭބާ

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް ޑރ. ޒޭބާ

03 ޖުލައި 2024

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް، އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު އާމިނަތު ޒޭބާ އަހުމަދު މިއަދު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރަކަށް، އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު އާމިނަތު ޒޭބާ އަހުމަދު މިއަދު ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ، އިމަޖެންސީ ރޫމްގެ އެންމެ އިސްވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ޒޭބާ، މެޑިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ ތިން އަހަރުގެ މުއްދަތަށް ކަމަށެވެ.

އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރޭޑިއޮލޮޖިސްޓް ޑރ. އާމިނަތު ނަޒީރެވެ. އޭނާގެ ދައުރު ހަމަވުމުން، މެޑިކަލް ޑިރެކްޓަރަކު ހޯދަން ހޮސްޕިޓަލްގެ އެތެރޭގައި އިއުލާންކޮށް، އިންޓަވިއު އިން އެންމެ މަތިން މާކްސް ލިބުނީ ޒޭބާއަށެވެ.

މެޑިކަލް ޑިރެކްޓަރުގެ ޒިންމާތަކުގެ ތެރޭގައި ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ފަރުވާގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ބަލި މީހުންނާއި މުވައްޒަފުންނަށް ވެސް ކުރިއެރުން ލިބޭނެ ފަދަ އެކުވެރި މާހައުލެއް ގާއިމު ކޮށްދިނުން ހިމެނެ އެވެ.

ނޭޝަނަލް ޕޭ ކޮމިޝަން އިން އާއްމުކޮށްފައިވާ ޖޮބް މެޓްރިކްސްގައިވާ ގޮތުން، މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރައަކީ 41،344ރ. އެވެ. އެކަމަކު، މަގާމުގެ އެލަވަންސަށް ކަނޑައަަޅާފައިވާ 30،782ރ. އާ އެކު މަހަކު 72،125ރ. ލިބިވަޑައިގަންނަވާނެ އެވެ.

މެޑިކަލް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ޒޭބާ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ އާންމުންގެ ތެރެއަށް ކުރިން ބޮޑަށް މަޝްހޫރު ވެފައި ވަނީ ޓީވީއެމްގެ ޕްރެޒެންޓަރެއް އަދި ޚަބަރު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ.