Roadha Mihaaru
ޑރ. މޫސަ: ފުރަތަމަ ކްރިޓިކަލް ކެއާ ސްޕެޝަލިސްޓް

ޑރ. މޫސަ: ރާއްޖޭގެ ފުރަތަމަ ކްރިޓިކަލް ކެއާ ސްޕެޝަލިސްޓަށް ވެ، އަލުން ހިދުމަތަށް

03 ޖުލައި 2024

ކުއްލި ހާލަތުގައި ދެވޭ ފަރުވާތަކަށް ހާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރުގެ ޝަރަފާ އެކު، ޑރ. މޫސާ ހުސައިން ހިދުމަތާ ގުޅިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުއްލި ހާލަތުގައި ދެވޭ ފަރުވާތަކަށް ހާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރުގެ ޝަރަފާ އެކު، ޑރ. މޫސާ ހުސައިން ހިދުމަތާ ގުޅިވަޑައިގެންފި އެވެ.

އައިޖީއެމްއެޗުގެ ސްކޮލަޝިޕެއްގައި، ކްރިޓިކަލް ކެއާ އަށް ހާއްސަވުމަށް ފުއްޕާމޭގެ ބަލިތަކުގެ ޑޮކްޓަރު އިންޑިއާ އަށް ވަޑައިގަތީ ޖޫން 2022 ގަ އެވެ. ދެ އަހަރުގެ ކޯސް ނިންމުމަށް ފަހު، އައިޖީއެމްއެޗުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އަލުން މަސައްކަތް ކުރައްވަން އޭނާ ވަނީ ފައްޓަވައިފަ އެވެ.

އދ. ދަނގެއްޗަށް އުފަން މޫސަ "މިހާރު" އަށް ރޭ ވިދާޅުވީ ބޮޑެތި ސާޖަރީތައް ހަދާއިރު، ކްރިޓިކަލް ކެއާ އަށް ހާއްސަ ސެޓަޕެއް މުހިއްމު ކަމަށެވެ. ނަމަވެސް، ރާއްޖޭގައި އެ ފަރުވާއަށް ހާއްސަ ސެޓަޕެއް ނެތުމުން ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ހޯދާ ހޮސްޕިޓަލްގެ އައިސީޔޫގައި ކްރިޓިކަލް ކެއާ ސެޓަޕެއް ހެދުމުގެ މަސައްކަތް މޫސަ މިހާރު އަންނަނީ ކުރައްވަމުންނެވެ. އެ އަށް ފަހު، އެ ހިދުމަތް ފުޅާވާނެ އެވެ.

"ބޮޑެތި ސާޖަރީތައް ހަދާއިރު ބޭނުންވާނެ ބެކަޕެއް، ސާޖަރީ ހަދައި ނިންމާފައި ހޮސްޕިޓަލްގައި ބާއްވާފައި އޮންނަ ގަޑީގައި މެނޭޖު ކުރެވޭ ކަހަލަ ޓީމެއް އޮތުން... ބަލި މީހަކު ހޮސްޕިޓަލަށް އަންނަ ހިސާބުން އޭނާ މެނޭޖުކޮށް، މިސާލަކަށް އިތުރު މެޝިންތަކަށް ލައި އެ ކަންތައް ކުރަންޏާ ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި އަސްލު ޓްރެއިން ވެގެން ތިބި ބަޔަކު މި ކުރަނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ އެ ވިދާޅުވީ، ކްރިޓިކަލް ކެއާ ޑިޕާޓުމަންޓުތަކުގައި އެ ކަން ކުރަން ޖެހޭ ގޮތެވެ. އެންމެ ރަނގަޅަށް ބަލި މީހުން މެނޭޖު ކުރެވޭނީ އެ ކަމަށް ހާއްސަ ތަމްރީނު ހަދައިގެން ތިބޭ މީހުންނަށެވެ. އޭނާ އެ އައީ އެ ތަމްރީނު ހަދައިގެންނެވެ. ރާއްޖޭގެ ފުރަތަމަ ކްރިޓިކަލް ކެއާ ސްޕެޝަލިސްޓަށް މޫސަ ވީ އެވެ.

ކްރިޓިކަލް ކެއާއަށް އެހެން ގައުމުތަކުގައި ވެސް ޑޮކްޓަރުން ހާއްސަ ވާން ފެށީ ތަންކޮޅެއް ފަހުންނެވެ. މޫސަ ތަމްރީނު ހެއްދެވި އިންޑިއާގެ ޑީއެމް ކްރިޓިކަލް ކެއާއަކީ އެ ކަމަށް ހާއްސަ ކޮށްގެން ތަމްރީނު ދޭން ފެށި އެ ގައުމުގެ ވެސް ފުރަތަމަ ހޮސްޕިޓަލެވެ.

އެ ދާއިރާ އިން ހާއްސަ ވެގެން ބަލި މީހުން ވެންޓިލޭޓަރަށް ލުމާއި ވެންޓިލޭޓަރު މެނޭޖު ކުރުމާއި ހިއުމަ ޑައިނަމިކް އަދި ލޭގެ ޕްރެޝަރު ދަށްވެއްޖެ ނަމަ ވަކި ގޮތަކަށް މެނޭޖު ކުރުމާއި ކްރިޓިކަލް ކެއާ ޑައިލިސިސް ހެދުމާއި އިކްމޯ ކެއާ ދިނުން ހިމެނެ އެވެ.

ދިވެހި އިތުރު ޑޮކްޓަރެއް ވެސް އެ ދާއިރާ އިން ހާއްސަވުމަށް ވަރަށް އަވަހަށް ބޭރަށް ފުރާވަޑައިގަންނަވާނެ އެވެ. މޫސަ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތަމްރީނު ޕްރޮގްރާމް ފަށައި އަދި އެކަށީގެންވާ ވަރަށް ދިވެހިން ތަމްރީނު ކުރެވެންދެން ބޭރު މީހުން ގެނެސްގެން ވެސް ހިދުމަތް ފެށުމަކީ އޭނާގެ ޕްލޭނެކެވެ.

މޫސަ ވިދާޅުވީ މެޑިސިންގެ އެކި ދާއިރާތަކުން ދިވެހިން ތަމްރީނުވެގެން އަންނަ ކަމަށެވެ. އެއާ އެކު، ރަނގަޅު ޓްރެއިނިން ސިސްޓަމް އަދި ރަނގަޅު ޕްރޮޓޮކޯލެއް ހަދައިފި ނަމަ ދިވެހިންނަށް ދިމާވާ ކުއްލި ހާލަތްތައް މެނޭޖުކޮށް، ބަލިތަކުގައި މަރުވާ މީހުން ދަށް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވަ އެވެ. އޭނާގެ މަސައްކަތް ކުރިމަގުގައި ބައްޓަން ކުރައްވާނީ ވެސް އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ކްރިޓިކަލް ކެއާ އިން ހާއްސަ ވެވޭނީ އިމަޖެންސީ ފިޒީޝަން، ފުއްޕާމޭގެ ޑޮކްޓަރު، އެތެރެހަށީގެ ޑޮކްޓަރު ނުވަތަ ހޭނައްތާ ޑޮކްޓަރަކަށެވެ.

މޫސަ ވަނީ ސަބް-ސްޕެޝަލިޓީއަށް ވަޑައިގަތުމުގެ ކުރިން ވެސް އައިސީޔޫ ކެއާ މެނޭޖްމަންޓްގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ ކްރިޓިކަލް ކެއާގައި މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވީ ވެސް މޫސަ އެވެ. އެ ދުވަސްވަރު މޫސައަކީ ކޮވިޑާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތަކުގައި މައުލޫމާތު ފެތުރުމުގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ.

މިއަދު އޭނާ ހިދުމަތަށް އެ ނުކުންނެވީ ކަމާ ގުޅޭ ހުރިހާ ތަމްރީނެއް ހައްދަވައިގެންނެވެ. ކްރިޓިކަލް ކެއާގެ ސްޕެޝަލިސްޓަކަށް ވެގެންނެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި އަދި މާ ތަފާތު ވާނެ އެވެ.