Roadha Mihaaru
4،000 ފްލެޓް ނިމޭނީ އަންނަ އަހަރު: ހައުސިން

4،000 ފްލެޓްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު މެދުތެރެއަށް: ހައުސިން

27 ޖޫން 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހައިދަރު މިއަދު ހަވީރު ވަނީ މި 4،000 ފްލެޓްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ނޫސްވެރިންނާ އެކު ސައިޓަށް ވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ މާލީ ގޮތުން ސަރުކާރަށް މި ވަގުތު ހުރި ގޮންޖެހުންތަކާ އެކު ވެސް މި 4،000 ފްލެޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ. ބައެއް ޓަވަރުތަކުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި މި ސްޕީޑުގައި ގޮސް އަންނަ އަހަރުގެ މެދުތެރެއަށް ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމް ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތުގައި ލޭބަރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގެދޮރުވެރިޔާ ސްކީމް ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތުގައި ލޭބަރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހައިދަރު ވިދާޅުވި ގޮތުގައި، މި ފްލެޓްތަކުގެ މައްސަލާގައި އޭސީސީން އަންގާފައިވާ ގޮތުގެ މަތިން ފްލެޓް ކޮމެޓީން ފްލެޓް ލިސްޓު ރިވިއުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

"އިރާދަކުރެއްވިއްޔާ ފްލެޓްގެ ހައްގުވެރިންނަށް، އަޅުގަނޑު ޔަގީންކަން ދެން ތިބޭފުޅުންނަށް ހައްގުވެރިންނަށް ނޫން ބަޔަކަށް ފްލެޓްތައް ލިބޭ ގޮތަށް ނޫނީ ނުނިންމާނަން،" ހައިދަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ހަމަވިއިރު އެ ފްލެޓުތައް ލިބޭ މީހުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، މި ސަރުކާރުން ވަނީ އެ ލިސްޓު އަލުން ރިވިއުކުރަން ނިންމައިފަ އެވެ. އެކަމުގައި ލަފާ ދޭނެ ކޮމިޓީއެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހައުސިން މިނިސްޓަރު ހައިދަރު ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހައުސިން މިނިސްޓަރު ހައިދަރު ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ، މިހާރު ކުންފުނީގެ ނަން ބަދަލުކޮށްފައި) އާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.

މި ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމަން މި އަހަރު ވަނީ އިތުރު ލޭބަރުން ވެސް ގެނެސްފަ އެވެ.

އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަޝްރޫއުގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް ކުރިން ހިމަނާފައެއް ނުވެ އެވެ.

އެހެންވެ، އެ މަސައްކަތްތައް ނިންމުމަށް 454.5 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާތީ ސަރުކާރާ ގުޅިގެން އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އެފްޑީސީން ކުރިން ބުނެފައިވެ އެވެ.