Roadha Mihaaru
ބިންމާގެ ކުޑަކުދިންގެ "100 ކުދި ވާހަކަ" ފޮތް ނެރެފި

ބިންމާގެ ކުޑަކުދިންގެ "100 ކުދި ވާހަކަ" ފޮތް ނެރެފި

27 ޖޫން 2024

ކުޑަކުދިންނަށް ހާއްސަކޮށްގެން، ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ލިޔުނު ކުޑަކުދިންގެ "100 ކުދި ވާހަކަ" ފޮތް ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންނަށް ހާއްސަކޮށްގެން، ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ލިޔުނު ކުޑަކުދިންގެ "100 ކުދި ވާހަކަ" ފޮތް ނެރެފި އެވެ.

ބިންމާ ބުނީ، ޖުލައި 3، 2020 ގައި ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓަށް ލިބުނު އާއްމުންގެ އެތައް ހިޔާލަކާ އެކު، ތައްޔާރުކުރި ފޮތުގައި، ކުޑަކުދިންނަށް ތަފާތު ނަސޭހަތްތަކާއި އިބުރަތްތެރި ކުރު ވާހަކަތައް ހުންނާނެ ކަމަށެވެ.

ހާޑް ކަވަރުގެ 324 ސޮފްހާގެ ފޮތަށް ބިންމާގެ އޮންލައިން ޕޯޓަލް އިން އޯޑަރު ކުރުމުން އަންނަ ހޯމަ ދުވަހުން ފެށިގެން ފޮތް ޑެލިވަރީ ކޮށްދޭނެ އެވެ.

އެ ފޮތަށް އޯޑަރު ދޭނީ inkwellbybinma.com އިންނެވެ. ފޮތުގެ އަގަކީ 329ރ. އެވެ.

ބިންމާގެ ކުޑަކުދިންގެ ފޮތުގައި ލިޔެފައިވާ ވާހަކައެއްގެ ބައެއް.

ބިންމާގެ ކުޑަކުދިންގެ ފޮތުގައި ލިޔެފައިވާ ވާހަކައެއްގެ ބައެއް.

"މި ފޮތުގެ ހާއްސަ ކަމަކީ އެއީ އެވެ. ކޮންމެ ވާހަކައެއްގައި ގައި ވެސް ކުރެހުމަކާއި ކުޑަކުދިންގެ އުމުރާ ގުޅޭ އިބުރަތްތެރި މެސެޖެއް އޮންނާނެ އެވެ. ކުޑަކުދިންނަށް ބައެއް މެސެޖު ފޯރުކޮށްދިނުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާނެ އެވެ. މިއީ 100 ވާހަކައިން 100 ފިލާވަޅު ދަސްވާނެ ވާހަކަ ފޮތެކެވެ." އެ ފޮތުގައި ވެ އެވެ.

"ކުޑަކުދިންނަށް ފަސޭހައިން އޮޅުން ފިލާ ބަހުރުވައަކުން ވާހަކަ ލިޔުމަކީ ވަރަށް އުނދަގޫ، ވަރަށް ވަގުތު ނަގާ ކަމެކެވެ. ފޮތް ނިންމަން ލަސްވީ އެހެންވެ އެވެ."

ކޮންމެ ވާހަކައެއް ވެސް ނިންމާފައިވަނީ ދެ ސޮފްހާއިންނެވެ.

ބިންމާ ވާހަކަ ލިޔަން ފެށީ "ހަވީރު" ނޫހުން، ޖެނުއަރީ 31، 1994 ގަ އެވެ. މިހާތަނަށް ޖުމްލަ 1،063 ވާހަކަ ލިޔެ ޝާއިއު ކޮށްފައިވާއިރު، އޭނާ މެދުނުކެނޑި ވާހަކަ ލިޔާތާ 30 އަހަރު ވެއްޖެ އެވެ.