Roadha Mihaaru

ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

ވާހަކަ- އަންޖަލް
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

31 އޯގަސްޓް 2025

(ބުދަ ދުވަހާ ގުޅޭ)

"އަންޖަލްގެ މަންމަ މަރުވީ ކިހިނެއްކަން އެނގޭތަ؟" އޯގާވެރި އަޑަކުން ޖަދުވާން އެހިއެވެ.

އޭގެ ޖަވާބު އަންޖަލްއާ ހަމައަށް އައީ ތުންތުންމަތިންނެވެ. ސަމްރަތު މަރުވީ، މަރުވި ގޮތާ މެދު ޝައްކު އުފައްދައި، ދިރާސާކުރަން އަންޖަލް ހިތަށް ވެސް ނާރާ އުމުރެއްގައެވެ. އޭރު އޮންނަ ގޮތަކީ، އަޑު އިވުނު ގޮތަކަށް އެ ކަމެއް ގަބޫލުކުރުމެވެ. ވީމާ، ނޭނގެއޭ ބުނުމުގެ ގޮތުން އަންޖަލް ދެއަތަށް ބޯހޫރައިލިއެވެ.

"އަހަރެން އަންޖަލްއަށް ދަރިފުޅު ކިޔަސް ހެޔޮތަ؟" ޖަދުވާން އެހިއެވެ.

އަންޖަލް ހިނިތުންވެލާފައި ބޮލުން އާނއެކޭ ބުންޏެވެ.

"ދަރިފުޅު މި ރަށަށް ތި އައީ އަލަކަށް ނޫން،" އިންސާނުން ހިނގާ ގޮތަށް ހިނގައިލާފައި ގޮސް، ތަހުތެއްހެން ހީވާ ބޮޑު ގޮނޑިއެއްގައި އިށީންނަމުން ޖަދުވާން ބުންޏެވެ.

"މީ ވަރަށް ބޮޑު ތަނެއް. އެއްދުވަހުން ދެ ދުވަހުން ކީއްކުރަން، މަސް ދުވަހުން ވެސް މި ތަން އެއްކޮށެއް ނުބެލޭނެ. ދަރިފުޅަށް އެނގޭނެ މީ ދަރިފުޅުމެން އުޅޭ ދުނިޔެ ކަހަލަ ތަނެއް ނޫންކަން. މި ތާ ދިރުން ނެތް އެކައްޗެއް ވެސް ނުހުންނާނެ. ފައި ދަށުގަ ތި އޮތް ދޫލަ ވެސް ނޭވާލާނެ. ވާހަކަ ވެސް ދައްކާނެ. ދަރިފުޅަށް ނީވުނަސް އަހަންނަށް އިވޭ! އަހަރުމެންނަކީ އަޑަށް ވުރެ ބާރަށް ދަތުރުކުރާ ބައެއް. ދަރިފުޅުގެ ކާފަ ހިޔާލަކަށް ގެއްލިފަ، ޖޯއްޔެއްގަ އޮށޯވެގެން އޮތްކަން ވެސް އަހަންނަށް އެނގޭ! ވިސްނަނީ ކޯޗެއްކަން ވެސް އެނގޭ! ވެ ނިމިފަ ހުންނަ ކުރިން ނޭނގޭ ކަންތަކާ، ވަމުންދާ ކަންތައް ވެސް އަހަރުމެންނަށް ބެލޭނެ ގޮތްތައް ހުރޭ! ގަބޫލުކުރަން؟ ފުރަތަމަ އެ ސުވާލަށް ޖަވާބުދީ!"

ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތުމުން އަންޖަލް ބޯޖަހައިލިއެވެ. އަންޖަލްއަކީ ބަސްމަދު ކުއްޖެކެވެ.

"ދަރިފުޅުގެ މަންމަ މަރާލީ ޖިންނިއެއް،" ޖަދުވާން އެހެން ބުނެފައި ފުން ނޭވައެއް ބޭރުކޮށްލިއެވެ. "އެއީ ކިޔާ ގޮތް. ވީ ގޮތެއް ނޫން."

އަންޖަލް ހައިރާންކަމާ އެކުގައި ޖަދުވާންއަށް ބަލައިލިއެވެ. ޖަދުވާން އިށީނދެގެން އިން ގޮނޑީގައި އިތުރު ހަތަރު މީހުން އިށީންނާނެ ޖާގަ އޮތެވެ. ހުސްކޮށް އޮތް ތަނުގައި ޖަދުވާން އަތުން ޖަހައިލިއެވެ. މި ތަނުގައި އިށީންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އަންޖަލް ބިރެއް ނުގަނެއެވެ. މަޑުމަޑުން ގޮސް އެ ތަހުގައި އިށީނެވެ. އެހައި އަރާމު ތަނެއްގައި އަންޖަލް ދުވަހަކު ވެސް ނީށީނދެއެވެ. ނޭވާލާ އިރު ފުއްޕާމޭ ކުރާ ކަހަލަ ލަސް ހަރަކާތްތަކެއް، ގޮނޑީގެ ގޮދަޑީގައި ހުއްޓެވެ.

"ދަރިފުޅުގެ މަންމަ ވީމަ އަހަންނަކަށް ނުކެރޭނެ މާ ތަފުސީލުކޮށް ހުރިހާ އެއްޗެއް ކިޔައިދޭކަށް،" ނުހަނު ލޯތްބާއި، އޯގާތެރިކަމާ އެކުގައި ޖަދުވާން ބުންޏެވެ. "އެ ތަން ބެލެހެއްޓުމާ ހަވާލުވެގެން ތިބި ބަޔަކު، ކުރި ކަމެއް ކޮށްފަ، އެ ކަން ބޭޒާރު ވެދާނެތީ، ނޭވާ ހާސްކޮށްގެން މަންމަ މަރާލާފަ ގެންގޮސް ރާޅުޖަހާ ފަށުގަ ބޭއްވީ."

އަންޖަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތަށް އެރިއެވެ. މަންމަ ބެލެހެއްޓުމުގެ ޒިންމާ ނަގައިގެން ތިބި މީހުންނަށް ނުފެނި، މަންމައަށް އަތިރިމައްޗަށް "ދެވުނު" ގޮތަކީ އެއީތާއެވެ. އެ ފަދަ ގޮތަކަށް މަރައިލަން މަންމަގެ ކުށަކީ ކޮބައި ހެއްޔެވެ؟

"ތީ ބުނަން މި އުޅޭ ވާހަކައަކީ،" ޖަދުވާން މަޑުމަޑުން ބޯޖަހައިލަމުން ބުންޏެވެ. "އެހެރީ އިންސާނުންގެ ނުބައިކަން ހުރި ވަރު. ދެރަވޭ މިހެން ބުނަން ވެސް. އެކަމަކު، ވީ ކަމެއް އެ އޮތީ ވެފަ. އެ އިން އެކަކަށް ޝައްކެއް، ތުހުމަތެއް ވެސް ނުކުރޭ! އަދަބެއް ނުދޭ! ހުރިހާ އެންމެނަށް އަދަބު ދިނީ އަހަރެން. ކާނާ ވިހަވިއްޔޭ ކިއީ. ކާނާއަށް ވިހަލީ އަހަރުމެން. ދަރިފުޅު ތި ހިތަށް އެރީނު ކީއްވެގެންހޭ ދަރިފުޅަށް މި ހުރިހާ ވާހަކައެއް މި ކިޔައި ދެނީ؟ އެ ވާހަކަ ދައްކަން ދަރިފުޅު މި ގެނައީ."

އެ ވަގުތު ތަބަކެއް ހިފައިގެން އަންހެން ކިޔާނެއް، ހިނގައިލާފައި އައެވެ. އަންޖަލްއަށް އިހުތިރާމާ އެކު އަދަބު އަދާކުރިއެވެ. ކޮތަރުގެ ހުންނަ ކަހަލަ، އެކަމަކު އެ އަށް ވުރެ ބޮޑު ދެ ފިޔަގަނޑު އޭނަގެ ހުއްޓެވެ. އިސްކޮޅުން އާދައިގެ އިންސާނެއް ވަރު ވެފައި، މުޅި ގައިގައި ހުރީ ޅަދޫނީގެ ހުންނަ ކަހަލަ، ހުދު ފަތްތަކެކެވެ. މޫނާއި ދެއަތް ހުރީ އިންސާނެއްގެ ހުންނަހެންނެވެ. އަތުގައި ހުރީ ބިއްލޫރި ތަނޑި އާއި ރިހި ކެވެލި އަޅައިފައެވެ. މޫނުގެ ގުނަވަންތައް، މޫނާ އަޅައިބަލާ އިރު ކުއްޖެވެ. މޫނު ވަރަށް ރީއްޗެވެ. ލޮލުގެ ނިވާބޮނޑީގެ އެސްފިޔަތަށް ދިގުވެފައި، ރަވަ ރަތެވެ. ކަރުނަވަޅު ކަޅުވެފައި، ކަޅިރަވަ ތޫނެވެ. ލޮލުގެ ކޮއި ނޫވެފައި، ދެލޯ ވެސް ހުރީ ކުރަނގި ލޯ ހުންނަހެން، ކުޑަކޮޅު ހިމަވެ މައްޗަށް އުފުލިފައެވެ. ދެ ފައި ހުރީ އަހެއްގެ މޮށްގަނޑު ހުންނަހެންނެވެ. ކަންފަތް ބޮޑުވެފައި މައްޗަށް ހިމައެވެ. ބޮލުގައި ހުރީ އިސްތަށްޓަކަށް ނުވާ، ކެހެރިއަކަށް ނުވާ، ވިލުފެހިކުލައިގެ، ދިގު އެއްޗެހިތަކެކެވެ. ގައިގެ ބޮޑުބައެއް އެ އިން ނިވާވެފައިވެއެވެ. ރިހި ތަބަކުގައި ހުރި ކުރިކީލަ ދެ ތަށި، ކައިރީގައި ހުރި މޭޒެއްގައި ބަހައްޓައިފައި، އަންޖަލްއަށް ހިނިތުންވެލިއެވެ. ދެތިން ފިޔަވަޅެއް ފަހަތަށްޖެހިލައި އަދަބުއަދާކޮށްފައި، ތަބައް ހިފައިގެން އޭނަ އުދުހިފައި ނުކުތެވެ.

"އެއީ ކޯޗެއް؟" އުދުހިފައި ދިޔަ އެއްޗަށް އިޝާރާތް ކޮށްފައި އަންޖަލް ސުވާލުކުރިއެވެ. "ހާދަހާ ރީތި އެއްޗެކޭ!"

"ގޫލްގެ ވައްތަރެއް،" ޖަދުވާން ކުރު ޖަވާބެއް ދީފައި ނިންމައިލިއެވެ. "ތަށްޓެއް ނަގާބަލަ! ވަރަށް މީރުވާނެ."

އަންޖަލް އެއްވެސް ޖެހިލުމެއް ނެތި ތަށްޓެއް ނެގިއެވެ. ހީކުރި ވަރަށް ވުރެ ތަށި ބަރެވެ. ޖަދުވާން ވެސް ތަށްޓެއް ނެގިއެވެ. ތަށީގައި ހުރީ ފެން ކަހަލަ އެއްޗެކެވެ. ކުލައެއް، ވަހެއް ނެތެވެ. އަންޖަލް އެތިފޮދެއް ރަހަބަލައިލިއެވެ. އޭގައި ލަނީ ރަންބުސްތާނާއި ކަރަ އާއި އަނޯނާ އެކުވުމުން ދޭ ކަހަލަ، ރައްޓެހި ރަހައެކެވެ. މަޑުމަޑު އިނގުރު ރަހައެއް ވެސް ހުއްޓެވެ.

"މީރު." އަންޖަލް ބުންޏެވެ.

"ކާކަށް ވިޝްރާ ނުބައިވާނީ؟" އެއް ފަހަރުން ތަށި ބޮއިލުމަށް ފަހު، ތަށި ބަހައްޓަމުން ޖަދުވާން ބުންޏެވެ.

"ދަރިފުޅު އުފަންވެފަ އަތީލާ އުފަންވީ. އަތީލާއަކީ އަހަރެންގެ ދަރި. ދެބެން އެކީގަ އުފެދި ބޮޑުވީމަ، ދެބެން ވެސް ދެ ނަސްލު ހިއްސާ ކުރާނެ. އިންސާނުންގެ ބައެއް މިޒާޖު އަތީލާގެ ހުންނާނެ. އަހަރުމެންގެ ބައެއް މިޒާޖު ދަރިފުޅުގެ ހުންނާނެ. ދަރިފުޅު ހަތަރުކަޅި ހަމަކޮށްފަ މީހަކަށް ބަލައިލައިފިއްޔާ، ދަރިފުޅު އެދުނު ކޮންމެ ކަމަކަށް އޭނަ ޖެހޭނީ އެއްބަސްވާން. ހިތަށް އަރުވައިލިޔަސް މައްސަލައެއް ނެތް. ދަރިފުޅަށް ހިތުން ވާހަކަ ދެއްކޭނެ. އެ ނޫން ވެސް ކިތަންމެ ކަމެއް ދަރިފުޅަށް ކުރެވޭނެ. އެނގޭތަ ކީއްވެކަން ދަރިފުޅު މީހަކާ ނީނދެ ތި ހުންނަނީ؟"

އެ ފަހަރު އަންޖަލް އެއްވެސް ހަރަކާތެއް ނުކޮށް ބަލަހައްޓައިގެން އިނީއެވެ.

"އަހަރެން ބޭނުމެއް ނޫން ދަރިފުޅު އިންސާނަކާ އިންނާކަށް،" ޖަދުވާން ބުންޏެވެ. "އިންސާނުންނަކަށް އަހަރެން އިތުބާރެއް ނުކުރަން. އެ މީހުން ދަރިފުޅަށް ކޮންމެ ފަދަ ގޮތެއް ވެސް ހަދައިފާނެ. ދަރިފުޅު ކުޑައިރު ވަގަށް ނަގައިގެން ގެނެސް، އަހަރެން ބޭނުންވާ ގޮތަށް، މި ތަނުގަ ދަރިފުޅުގެ ކައިވެނި ކުރެވުނީސް. އެހެން ހަދާކަށް ވެސް ބޭނުމެއް ނޫން. ބޭނުންވީ ދަރިފުޅު ބޮޑުވީމަ، ހުރިހާ ވާހަކައެއް ކިޔައިދީފަ، ދަރިފުޅުގެ ރުހުމުގަ އެ ކަން ކުރަން. ބުނަން އުޅޭ ވާހަކަ އަދި ކިރިޔާ މި ބުނެވުނީ. ކޮބާ ޖަވާބަކީ؟"

"އަހަރެން ނޫނެކޭ ބުނެފިއްޔާ؟" އަންޖަލް އެހިއެވެ.

ޖަދުވާން ފުންމައިގެން ތެދުވިއެވެ. މުޅި ތަނަށް ރަތްކުލަ އަރައި، ކުލަ ފަނޑުވެގެން ދިޔައެވެ. އެ ވީ ކިހިނެއްކަން އަންޖަލްއަށް އެނގެއެވެ. ޖަދުވާން އަލުން އިށީނެވެ.

"ދަރިފުޅު ދެކެ އަހަރެން ވަރަށް ލޯބިވޭ!" އޯގާތެރިކަމާ އެކުގައި ޖަދުވާން ބުންޏެވެ. "ނޫނެކޭ ނުބުނާތި! ދަރިފުޅަށް ރަނގަޅަކަށް މި ބުނަނީ. ވިސްނާލާ!"

އަންޖަލް އާއި އަތީލާ އަޑުގެކޮޅަށް ހަޅޭއްލެވިއެވެ. ފޫޅަށް ވައި ވަންނަ ވަރުންނެވެ. އާދަޔާ ހިލާފު ގަހުގެ ދެ ގޮފިގަނޑު ހީވަނީ އިންސާނެއްގެ ދެ އަތްހެންނެވެ. އަންޖަލް އާއި އަތީލާ ތިބީ އަތު ތެރޭގައި އޮށޯވެލައިގެންނެވެ. ބުރަފައްޗެއްހެން ގޮފިގަނޑު ގަސް ވަށައި އެނބުރުނެވެ. އެއީ ކުޅިވަރަށް ކުރާ ކަމެކެވެ. ދެބެން ހީނހީނ މަރު ނުވީ ކިރިޔާއެވެ. އެތައް އިރަކު އެނބުރިފައި ގޮފިގަނޑު ހުއްޓުނެވެ.

"ހީސްލަވައިގެންފި،" މާނޭވައެއްލާފައި އަންޖަލް ބުންޏެވެ. "ހޮޑު ވެސް އެބަ ލަވާކަން ނޭނގެ."

"މަ އޭރު ވެސް ބުނީމެއްނު އެހެން ވެދާނޭ!" އަތީލާ ހަނދާން ކޮށްދިނެވެ. "ދައްތަ ބުނެފި އެއްވެސް ކަމެއް ނުވާނޭ! އެކަމު ދައްތައަށް ރަނގަޅަކަށޭ އެހެން ބުނީ."

އެހެން ބުނުމުން ޖަދުވާން ބުނި ވާހަކަ އަންޖަލް ހަނދާންވިއެވެ. އަންޖަލްގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ފަނޑުވިއެވެ. ކައިވެނި ކުރުމަކީ އަންޖަލް އެއްގޮތަކަށް ވެސް ވިސްނައިފައިވާ ކަމެއް ނޫނެވެ.

"އަތީލާއަށް ކިހިނެއް ހީވަނީ؟" އަންޖަލް ސުވާލުކުރިއެވެ. "އަހަރެން އަދި ކޮންމެހެން މީހަކާ އިންނާކަށް ބޭނުމެއް ވެސް ނޫން. އެކަމަކު، އިންނަންޏާ އިންނަންވީ އަހަރެން ބޭނުން މީހަކާތަ ނޫނީ އަތީލާގެ ބައްޕައަށް ދޫކޮށްލަންވީތަ؟"

"ދައްތަ ނިންމާނެ ގޮތަކަށް ނިންމާ!" ވަރަށް ފަސޭހައިން އަތީލާ ޖަވާބުދިނެވެ. "އަހަރެންނަށް މުހިންމީ ލޯބި. ފިރިއަކީ އިންސާނެއްތޯ ޖިންނިއެއްތޯ އަހަންނެއް ނުބަލާނަން. ބައްޕައެއް ވެސް ނުބެލިއެއްނު. އެހެންވެ، އަހަރެން ބަލާފާނެ ކަމަށް ބައްޕަ އުންމީދު ވެސް ކޮށްގެން ނުވާނެ. ދައްތަ ލޯބިވާ މީހަކާ އިނދޭ! ބައްޕައަކަށް ނުކެރޭނެ ދައްތަ ދެކެ ރުޅި އަންނާކަށް. އެ އަށް ވުރެ މާ ލޯބިވާނެ. ދައްތަ ލޯބިވަނީ ކާކު ދެކެ؟"

ފަޅު ރަށަށް އެނބުރި އައިސް، ކޮރާކުޅެން ހުރި އިރު ވެސް އަންޖަލްގެ ހިތުގައި އެ ސުވާލު ތަކުރާރުވަމުން ދިޔައެވެ. އަހަރެން ދެކެ ލޯބިވަނީ ކާކު ހެއްޔެވެ؟ އަހަރެންގެ ލޯބިވެރިޔަކު އެބަ ހުރި ހެއްޔެވެ؟ އިންސާނުންނަކީ ހާދަ ގޯސް ބައެކޭ ވެސް ހިތަށްއެރިއެވެ.

"އަންޖޫ!" ކާފަ ގޮވައިލި އަޑުއިވުނެވެ.

އަންޖަލް ދުވެފައި އައެވެ. ނިޒާރު ގަޑިއަށް ބަލަމުން ތެދުވިއެވެ.

"ފުރަމާ ދަރިފުޅާ؟" ކާފަ ބުންޏެވެ. "އިރުއޮއްސުމުގެ ކުރިން ރަށަށް ފޯރާތޯ ބަލަން ވާނެ."

ރަށަށް ވުރެ މާ ރީތި، އުފާވެރި، އުޅޭ ހިތްވާ، ހުވަފެނެއް ކަހަލަ ތަނެއް އަންޖަލްއަށް ފެނިއްޖެއެވެ. އަސްލު ބައްޕައަށް ވުރެ ލޯބިވާ ބައްޕައެއް ލިބިއްޖެއެވެ. ރާނީއަކަށް ލިބޭ ވަރުގެ އިހުތިރާމެއް ތަޖުރިބާ ކުރެވިއްޖެއެވެ. އެ ޖާދުވީ ހަވޭލިތަކުގައި ދުވަސްކޮޅަކު އުޅެލާފައި ވެސް ރަށަށް ދެވިދާނޭ އަންޖަލް ހިތަށްއެރިއެވެ. އަމިއްލަ ބާރަކާ ނުލައެވެ.

"އަހަރެން ބޭނުން އެއް ރޭ މަޑުކުރަން." ކާފަޔާ ހަތަރުކަޅިހަމަކޮށްފައި އަންޖަލް އެދުނެވެ. (ނުނިމޭ)