Roadha Mihaaru

ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

ވާހަކަ- އަންޖަލް
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

07 ސެޕްޓެމްބަރ 2025

(ބުދަ ދުވަހާ ގުޅޭ)

އެއީ މުޅީން އާ އިހުސާސެއް އަންޖަލްއަށް ކުރެވުނު ފަހަރެކެވެ. އެއީ އާ ފެށުމެކެވެ. އާ ދަތުރެކެވެ. އާ މަންޒިލަކާ ދިމާއަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. މީހަކު ދުރާލައި ރާވައިގެން ރޭވި ދަތުރެއް ނޫނެވެ. ނަމުރުވާއެކެވެ. އަންޖަލް އާއި ރާއިފު ދަތުރުކުރީ އާދައިގެ އިންޖީނު ދޯންޏެއްގައެވެ. ދޯނި ބަނދެފައި ހުރީ ލަކުޑިންނެވެ. ދުއްވީ ކަނޑުގައެވެ. ކަނޑުގައި ހުރީ ލޮނެވެ. ވީ އިރު އަންޖަލްއަށް އެ ދަތުރު ތަފާތުވީ ކިހިނެއް ހެއްޔެވެ؟ ލޮލަށް ލިބުނު ފިނިކަމާއި ހިތަށް ވެރިވި ފޮނިކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ އެއްވެސް ސުވާލެއްގެ ޖަވާބެއް އަންޖަލްއަކަށް ނޭނގެއެވެ.

ދެ މީހުން ތިބީ ދޯނީގެ ދެ ފަޅީގައެވެ. ރާއިފު އިނީ އަންޖަލްގެ ކުރިމައްޗަކު ނޫނެވެ. އެހެނަސް، ވައްކަޅިން އަބަދު ރާއިފުއަށް ބެލޭ ސަބަބެއް އަންޖަލްއަކަށް ނޭނގެއެވެ. ހިތް އެދެމުން ދިޔައީ، އެއްފަހަރު ނަމަވެސް ރާއިފުގެ ލޮލާ ހަތަރުކަޅި ހަމަކޮށްލުމަށެވެ. ހަމަ އެންމެ ފަހަރަކުއެވެ. އެ ވަރުން އަންޖަލްގެ ޖަޒުބާތީ ވެލަވަރު ތެރޭގައި ރާއިފު ހައްޔަރު ވާނެއެވެ. ހިތާމައަކީ ރާއިފުގެ ސަމާލުކަން އޭނަގެ ފޯނަށް ދެވިފައި ވުމެވެ. ފޯނުން ކޮންމެވެސް ކަމެއް ކުރުމުގައި ރާއިފު އިނީ ގެއްލިފައެވެ. ރާއިފު ނުބަލާކަން އެނގުމުން ނިކަން ގަޔާވެގެން، ހިތްފުރޭ ވަރަށް އަންޖަލް ބަލައިލިއެވެ. އެހެން އިންދައި ރާއިފު ބަލައިލިއެވެ. އަންޖަލް ދިޔައީ ސިއްސައިގެންނެވެ. ހީވީ ކަރަންޓުގައި ޖެހުނު ހެންނެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ރާއިފު ގާތަށް އައީ ލާނެތް ހިންޏެކެވެ.

"އަންޖޫ!" ރާއިފު ގޮވައިލިއެވެ.

ފުރަތަމަ ފަހަރަށް ބަލައިލާ ކަހަލަ ގޮތަކަށް އަންޖަލް ބަލައިލިއެވެ. ހީވީ ނުވެސް ދެނެހުއްޓައި އަންޖަލްއަށް މީހަކު ގޮވައިލިހެންނެވެ. ހަތަރުކަޅި ހަމަވުމާ އެކު އަންޖަލް ފުރުސަތުގެ ބޭނުންހިފިއެވެ. ރާއިފުއަށް ހީވީ ތީރެއް އައިސް ހިތަށް ހެރުނު ހެންނެވެ. ތޫނު ތަދެއް އިހުސާސް ކުރެވުނެވެ. އެ ކަމަށް ސަމާލުކަން ދިނުމެއް ނެތި ދެން ރާއިފު ބުނި އެއްޗެއް ބުނީ އަންޖަލްއަށް ނީވޭނެހައި މަޑުންނެވެ. އަންޖަލްއަށް އިވުނެވެ. ނީވުނު ކަމަށް ހެދުނީއެވެ.

"ކީކޭ؟" އަންޖަލް ސުވާލުކުރިއެވެ.

ރާއިފު އައިސް އަންޖަލް ގާތުގައި އިށީނެވެ. ހަގީގަތުގައި އެއީ ދެ މީހުން ވެސް ބޭނުންވި ގޮތެވެ.

"އަހަރެން ބުނީ ތީ ހާދަހާ ލޯބި ކުއްޖެކޭ،" އެއްވެސް ޖެހިލުމެއް ނެތި ރާއިފު ބުންޏެވެ. "ދުވާލަކު ކިތެއް މީހުން އެހެން ބުނޭ؟"

އެ ސިފަ އަންޖަލްއަށް ކަމުދިޔައެވެ. ފިރިހެނެއްގެ ވިއްޔާ ގޮތެއް ހުންނަން ޖެހޭނެއެވެ. އަންޖަލް ދެކޭ ގޮތަކީ އެއީއެވެ. އެއްޗެއް ބުނަން ބުނަން ހުރެގެން ނުވާނެއެވެ. ލޮލުގައި ދަހިވެތިކަމާއި މަކަރުވެރިކަން ހުރެގެން ނުވާނެއެވެ. ކިބުރުވެރިކަމާއި މަވުމާއި ބުސީ ވުމަކީ އަންޖަލް ނަފުރަތުކުރާ ސިފަތަކެވެ. ފޮތެއް ހެން ހިތް ހުޅުވައިލަން ޖެހޭނެއެވެ. ގައިގައި ހަކަތަ، ބަހުގައި އިތުބާރު، ހިނގުމުގައި ސާބިތުކަން ހުންނަން ޖެހޭނެއެވެ. ރާއިފުއަކީ ޝަރުތު ހަމަވާ މީހެކެވެ. އެ މީހެއްގެ ހިތް އަތުލާފައި، އަމާނާތެއް ގޮތުގައި އަންޖަލްގެ ހިތް ރަހުނު ކުރެވިދާނެ ފަދަ މީހެކެވެ. އަޖުމަ ބެލުމަށް ފަހުގައެވެ.

"ދުވާލަކު ކިތެއް ކުދިންނާ ދިމާއަށް ތިހެން ބުނަން؟" އަންޖަލް ސުވާލުކުރިއެވެ.

"ގުނޭ ވަރަށް ވުރެ މާ ގިނަ،" ރާއިފު ވިސްނައިލާފައި ބުންޏެވެ. "ކީއްކުރާނީ؟ ހާދަހާ ލޯބިލޯބި ކުދިންނޭ ފެންނަނީ. އެކަމަކު ތެދު ބުނުމަކީ ކުށެއް ނޫން ދޯ؟ އަހަންނަކީ ރިސޯޓު ޖޮބުގަ އުޅޭ މީހެއް. ދުނިޔޭގެ އެތައް މިތަނުން ގެސްޓުން އާދޭ! ހާދަ ރީތި ކުއްޖެކޭ، ހާދަ ރީތި ސްމައިލްއެކޭ ބުނަންޖެހޭ! ޖޭޑީގަ އޮންނާނެ އެހެން."

"ޖޭޑީއަކީ؟" އަންޖަލް އެހިއެވެ.

"ވަޒީފާ ބަޔާން،" ރާއިފު ވަގުތުން ބުންޏެވެ. "އެކަމަކު އެއީ ޖޮބް. މީ ހަގީގަތް. ތިހާ ރީތި ކުއްޖަކު އަހަރެން ދުވަހަކު ވެސް ނުދެކެން. ހުވަފެނުން ވެސް ނުދެކެން. ދެން ނޭނގެ އަހަރުމެން ދިމާވާނެ ކަމެއް. އަހަރެން ބޭނުމެއް ނޫން ފަހުން ހިތަށް އަރާކަށް، އަޅެ އޭނަ ކިހާ ރީތިކަން އޭނަ ގާތުގަ ބުނެވުނު ނަމައޭ! ނަސީބަކުން އެހެން ބުނެވިއްޖެ! މި ޗާންސްގަ ބުނެލަން ބޭނުން.."

އެ ވަގުތު ހީވީ ގަލެއްގައި ދޯނި ޖެހުނުހެންނެވެ. އަންޖަލް ވިއްސައިގެން ދާން އުޅުނު ވަގުތު ރާއިފަށް ބައްދައި ނުލެވުނު ނަމަ، އަންޖަލްއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވީހެވެ. ދޯނީގައި ތިބި ދެ ފަޅުވެރިންގެ ތެރެއިން ހުންގާނުގައި ހުރި މީހާ ވިއްސައިގެން އައިސް ރާއިފުގެ ފައި ކައިރިއަށް ވެއްޓުނެވެ. ނަސީބަކުން އޭނައަކަށް ވެސް ބޮޑު އަނިޔާއެއް ނުވެއެވެ. ވެއްޓުނު މީހާ ތެދުވެގެން ގޮސް އިންޖީނުގެ ގިއަރު ކަނޑައިލިއެވެ. ޖެހުނީ ކޯޗެއްގައިތޯ ބެލިއެވެ. ހަތަރު މީހުންގެ އަށް ލޮލުން ބަލައިގެން ވެސް، ޖެހުނު އެއްޗެއް ނުފެނުނެވެ. މޫސުން ރަނގަޅު ދުވަހެކެވެ. އެއިން ހިސާބަކު ވެސް ތިލަ ދިމާއެއް، ގަލެއް ނެތެވެ.

"ކޯޗެއްގަ އެ ޖެހުނީ؟" ފަޅުވެރިއަކު އެހިއެވެ.

"ހީވަނީ ގަލެއްހެން ދޯ؟" އަނެކަކު ބުންޏެވެ. "ދޯންޏަށް ކަމެއްވިބާ؟"

ދޯނީގައި ތިބި ތިން މީހުން ދިރުނބާކޮޅަށް ގޮސް، ގުދުވެގެން ބެލިއެވެ. އޭރު ވެސް އަންޖަލް އިނީ، ކުރިން ވެސް އިން ތަނުގައި ކަނޑަށް ބަލަހައްޓައިގެންނެވެ. އެ ވަގުތު ބިޔަ ނަރުސިނގެއް، ބަނޑިބަނޑިލައްވަމުން ދިޔަ ތަން އަންޖަލްއަށް ފެނުނެވެ. އަޅިކުލައަކަށް ދާ އެ ކިޔާނުގައި، ކިނބޫގައި ހުންނަ ޒާތުގެ އެކަމަކު ކޮތަރިގަނޑު ބޮޑު ނިގުލަކާއި ހަތަރެސްފަޔާއި ވާލުގައި ހުންނަ ކަހަލަ ބޮޑު ދެ ފިޔަގަނޑު ހުއްޓެވެ. އެ އެތި ފީނަނީ ނިގޫ ބޭނުންކޮށްގެންނެވެ. ކަރުން މަތި ހުންނަނީ، ހަރުފަ ކޮޅަށް ޖެހި ފުއްޕައިލުމުން ހުންނަ ގޮތަށެވެ. ތަފާތަކީ، ބޮލުން ފެށިގެން ކަނދުރާ މައްޗަށް ގުދުވެފައި އޮންނަ ދިގު، ދެ ދަޅެވެ. އެއީ އަންޖަލްއަށް ކުރިން ފެނިފައިވާ އެއްޗެކެވެ. ވަރަށް ދުރުދުރުންނެވެ. އަންޖަލް ހިތަށްއެރިއެވެ. އޭތި ކަނޑުގައި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ދޯނީގައި ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެ ކިޔާނަކީ، އިންސާނުންގެ ހަމަލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އަންޖަލްއަށް އޭތި ފެންނަނީ ކީއްވެގެން ހެއްޔެވެ؟

"އުޅެވޭ ގޮތުން." އަތީލާގެ އަޑުއިވުނެވެ.

"އުޅޭ ގޮތުންނޭ؟" އަންޖަލް ހިތުން ވާހަކަ ދެއްކިއެވެ.

"އާނ! އެނގޭތަ ތި ކުރެވެނީ ކީއްކަން؟" އަތީލާ ސުވާލުކުރިއެވެ.

"ކޮބާ؟" އަންޖަލް އެހިއެވެ. "ދޯނީގަ ރަށަށް ދިޔުން؟"

"އެހެރަ ރާއިފުގެ ވާހަކަ މި ދައްކަނީ،" އަތީލާ ތަންކޮޅެއް ބާރަށް ބުންޏެވެ. "ދައްތައަށް ހަމަ ރަނގަޅަށް އެނގޭނެ އެ ކަން. ބައްޕަ ކިހާ ރުޅި އަންނާނެކަން ވެސް އެނގޭނެ. ނަސީބެއްނު ދޯނި ބަންޑުން ޖަހާނުލިކަން."

ކަނޑުން އެއްޗެއް ނުފެނުމުން ދޯނީގެ އިންޖީނު އަލުން ގިއަރަށް ލައި، ކުރިޔަށް ދުއްވައިލިއެވެ. ރާއިފު އައިސް އަންޖަލް ގާތުގައި އިށީނެވެ. އަންޖަލް އިނީ އަތީލާއާ ވާހަކަ ދައްކާށެވެ.

"ދެން އަޅެ!" އަންޖަލް ހިތުން ބުންޏެވެ. "އެއީ ރައްޓެއްސެކޭ!"

"ދައްތާ! ދައްތަ ހިތަށް އަރާ އެއްޗިއްސަށް ދޯ އަހަރެން ޖަވާބު މި ދެނީ؟" އަތީލާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އޭނަޔާ ދިމާއަށް ދައްތަ ތި ބަލާ ގޮތާ، އެ ފަކީރަށް ތި ހެދި ގޮތް އަހަންނަށް އެބަ ފެނެއޭ!

އަހަންނަށް މައްސަލައެއް ނެތް ދައްތަ އޭނަޔާ އިނަސް. އަހަރެން ދައްތައާ އެއްބައި ވެސް ވާނަން. އެކަމަކު ބައްޕަ.. ބައްޕަ އެއްބަހެއް ނުވާނެ. ދައްތައަށް އިންޒާރު ދޭން، ބިރު ގަންނަވާލަން އެއްޗެއް އެ ފޮނުވީ. އެހެންވެ ދައްތައަށް ފެނިލާފަ އޭތި އެ ދިޔައީ."

"އާނ! ކީކޭ އަހަރުމެން ކިއީ؟" ރާއިފު އެހިއެވެ. "އަހަރެން ބުނީ..."

އަންޖަލްގެ ވިސްނުން ހުރީ އެހެން ދިމާއަކަށެވެ. ރާއިފު ދައްކާ ވާހަކަ އަންޖަލްއަށް ނީވޭ ކަހަލައެވެ.

"އޭނަޔާ އިންނަން ކީއްކުރަން، ރައްޓެހިވާން ވެސް އަދި ހިތަކަށް ނާރާ!" އަންޖަލް ބުންޏެވެ. "އާނ އޭނަ ލޯބި! ރިޒާވު ވެސް ކޮށްލައިފިން. އެކަމަކު އަހަރެން ބަލައިލަން ބޭނުން އޭނަ ކިހާ ރަނގަޅުތޯ؟ ކިހާ ވަރަކަށްތޯ އޭނައަށް އިތުބާރު ކުރެވޭނީ؟ އޭނައަށް އަހަރެން ފެންނަ ގޮތް ވެސް ބަލައިލަން ބޭނުން."

"ބަލާފަ ބަހައްޓާ!" އަތީލާ ބުންޏެވެ. "އަހަންނަށް ތި ދެ ކުދިން ވަރަށް ގުޅޭ! ބައްޕަ ބުނީ މިރޭ އަންނައްޗޯ!

ދާނަން ބަލާ! ހީވަނީ މިރޭ ވަރަށް ހޫނުވާނެހެން."

"އަންޖޫ!" ރާއިފު ބުންޏެވެ.

އަންޖަލް ބަލައިލިއެވެ. އޭރު ރާއިފު ވަރަށް ގިނަ ވާހަކަ ދައްކައިފިއެވެ. އެ އިން އެއްވެސް ވާހަކައެއް އަންޖަލްއަށް ނުވެސް އިވޭ ކަހަލައެވެ.

"ކޮން ދުނިޔެއެއްގަ؟" ރާއިފު އެހިއެވެ. "ކީކޭ ބުނަނީ؟ ކޮބާ ޖަވާބަކީ؟"

"ކޮން ކަމަކާ؟" އަންޖަލް ސުވާލުކުރިއެވެ.

އޭރު ދޯނި ރަށަށް ލަފަނީއެވެ. އެ ހިސާބުން ވާހަކަ މެދުކެނޑުނެވެ. ދެ މީހުން ދޯނިން ފައިބައިގެން ހިނގައިގަތެވެ. އަންޖަލްގެ ސަމާލުކަން ހުރީ ހަމަ އެކަނި ރާއިފުއަށެވެ. ރާއިފު ހުންނަނީ އަންޖަލްގެ ގައިގަ ޖެހޭ ހިސާބުގައެވެ. އެ ހިސާބުގައި ރާއިފު ހުންނަން އަންޖަލް ބޭނުންވެއެވެ. އަތުގައި ހިފައިލާނެ ނަމައޭ ވެސް ހިތަށް އެރިއެވެ. އިސްވެ އެ ކަން ކުރާނެ ހިތްވަރެއް އަންޖަލްއަކަށް ނުލިބުނެވެ. ރާއިފުގެ ގޮތެއް އަންޖަލްއަކަށް ނޭނގެއެވެ. ވަރަށް އަވަހަށް އެނގޭނެއެވެ. ވަގުތު އެބަ ޖެހެއެވެ. ހީކުރި ގޮތް ނުވެއްޖެ ނަމަ އަންޖަލް ވަރަށް މާޔޫސް ވާނެއެވެ.

ގިނިހަންމުށީގެ ކޮޅު، ވައިތެރޭގައި ހޫރެމުން، އަލިފާންކަނޑަމުން، ވިދަމުން އައިސް ނަރުސިނގުގެ މޫނުމަތީގައި ވިހެލިއެވެ. އޭތި ހޭރިގެންފައި އުދުހިގަންނަން ފިޔަ ޖަހައިލުމާ އެކު ހިލިހިލާގަނޑަށް ވާންވިއެވެ. ނަރުސިނގުގެ ކަރަށް މަހައިފައިވާ ބޮޅު ބޮޑު ހިލިހިލާ މަޅިގަނޑުގެ އަނެއްކޮޅު ހުރީ ބިމަށް ކަޑަޖަހައި، އޭގައި އައްސައިފައެވެ.

ހަންމުށި ހިފައިގެން ހުރީ ޖަދުވާންއެވެ. އޭނަގެ ލޮލަކު ރަހުމެއް ނެތެވެ.

"ކަލޭ ކައިރީގަ ބުނީ ކީކޭ؟ އޭނ؟ ކީކޭ މަ ބުނީ؟" އަމިއްލަ ބަހުރުވައިން ޖަދުވާން ހަޅޭއްލައިގަތެވެ.

"ބިރުގަންނަވާލާށޭ! ދޯނީގަ ޖެހިގަންނާށެކޭ ނޫން. މަގޭ ދަރިއަށް ކަމެއްވީ ނަމަ.."

އެ ހިސާބަށް ބުނެފައި ހަންމުށިން އަނެއްކާ ވެސް އެތިފަހަރެއް އެޅިއެވެ. އެ ފަހަރު ނަރުސިނގުގެ ފިޔަގަނޑު ފަޅައިގެން ދިޔައެވެ. އެ ކިޔާނު ހޭނެތިގެން ވެއްޓުނެވެ. ދެން ވެސް ޖަދުވާން ޖެހިއެވެ. މަންޒަރު ބަލަން ދުރުގައި ހުރި އަތީލާ އައިސް ބައްޕަ ގާތަށް ތިރިކޮށްލިއެވެ.

"އެ މަރުވީއޭ ބައްޕާ!" އަތީލާ ބުންޏެވެ. "ދެން އަޅާނުލާ!"

"މަރުވި ނަމަ ކިހާ ރަނގަޅު؟" ހަންމުށި ހޫރައިލަމުން ޖަދުވާން ބުންޏެވެ. "ހޭނެތިފަ އެ އޮތީ. ކީއްވެތަ ބުނާ ގޮތް ހަދަން ނޭނގެނީ؟ މިހާރު ކޮބާ އަންޖަލް؟"

އަންޖަލް ގޭގެ ދޮރު ހުޅުވައިލިއެވެ. ގެ އޮތީ ފަޅުވެފައެވެ. އެއީ ރާއިފު އުންމީދުކުރި ގޮތެވެ. ދެ މީހުން އެކުގައި ވަނެވެ. ރާއިފު ދޮރު ލައްޕައިލިއެވެ. (ނުނިމޭ)