Roadha Mihaaru

ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

ވާހަކަ- އަންޖަލް
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

03 ސެޕްޓެމްބަރ 2025

(އާދިއްތަ ދުވަހާ ގުޅޭ)

"އަހަރެން ބޭނުން އެއް ރޭ މަޑުކުރަން." ކާފަޔާ ހަތަރުކަޅިހަމަކޮށްފައި އަންޖަލް އެދުނެވެ.

އެއީ އަންޖަލްގެ ލޮލުގައި ބާރެއް ހުންނަކަން އެނގުނު ފަހުން، އޭގެ ތަޖުރިބާ ކޮށްލަން އަންޖަލް ބޭނުންވި ފުރަތަމަ ފަހަރެވެ.

"އެއީ ކީއްކުރަން ދަރިފުޅާ؟" ނިޒާރު އެހިއެވެ. "ފަޅުރަށްރަށުގަ މާ ގިނަ ރޭރޭ ތިބީމަ ފޫހިވާނެ."

ނިޒާރު އިންކާރެއް ނުކުރެއެވެ. އެހެނަސް އެއްބަހެއް ވެސް ނުމެވެއެވެ. އިތުރު ރެޔަކު މަޑުކުރަން އެހައި ވެސް ބޭނުން ނުވާތީއެވެ. ސައުވީސް ގަޑިއިރު އަންޖަލްއަށް ފާރަލައިގެން އުޅުމަކީ ފަސޭހަކަމެއް ނޫނެވެ.

"ދެން ކާފާ!" އަންޖަލް ބޮޑާހާކައިލިއެވެ. "އަހަރެން ބޭނުން."

"މާމަ ގާތުގަ ވެސް ވާނެ އަހައިލަން." ނިޒާރު ބުންޏެވެ.

އަންޖަލްއަށް ހީވީ ކާފަ ވަގުތުން އެއްބަސްވާނެ ކަމަށެވެ. އެހެން ނުވުމުން ކުޑަކޮށް ހައިރާންވިއެވެ. އަންޖަލްގެ ލޮލުގައި ހުންނާނެ ކަމަށް ޖަދުވާން ބުނި ބާރާ ދޭތެރޭ ޝައްކު އުފެދުނެވެ.

"ކާފައަށް ފެންނަ ހިސާބުގަ އުޅޭތި!" ނިޒާރު އެދުނެވެ.

"ކީއްކުރަން އެއް ރޭ ތި މަޑުކުރަނީ؟" އަންޖަލްއަށް އަތީލާގެ އަޑުއިވުނެވެ. "އޭރުން ވަކި ކޮން ކަމެއް ވާނީ؟"

މުހުސިނާއަށް ގޮވަމުން ނިޒާރު ހިނގައިގަތެވެ.

"އަހަރެން ބޭނުން ދުވަސްކޮޅަކު ތި ތާ އުޅެން،" އަންޖަލް އެހެން ބުނީ ހިތުންނެވެ. "މި ތާ މިހާރު އުޅެވިއްޖެ! މީހުންގެ ގޮތް އެނގިއްޖެ! އާއިލާ އެންމެން ދެކެ އަހަރެން ލޯބިވޭ އެކަމަކު އަނެއް ކަހަލަ ލޯބިވާ މީހަކު ނެތް. ރީތި މީހަކު ވެސް ނުފެނޭ! ތި ތަނުން ރީތި މީހަކު ފެނިއްޖެއްޔާ، އޭނަ ދެކެ އަހަރެން ލޯބިވެއްޖެއްޔާ ދެން އިންނާނީ. އަހަންނަށް ފެންނާނީ އިންސާނެއްނު!"

"ތީ އެހާ ރަނގަޅު ގޮތެއްހެނެއް ހިޔެއްނުވޭ!" އަތީލާ ބުންޏެވެ. "މީހެއްހެން އަންޖަލްއަށް ފެނުނަސް، އަންޖަލްގެ އާއިލާއަކަށް އޭނައެއް ނުފެންނާނެ. އޭގެ މާނައަކީ އަންޖަލް ތިހިރީ ކައިވެނި ނުކޮށޭ! އެކަމަކު ދެން ކާފަމެން އަންޖަލް މީހަކާ ދެވަން އުޅެފިއްޔާ އެ މީހާ ވާނީ މޮޔަ އެހެން ނޫނީ މަރު."

އަންޖަލް ވިސްނައިލިއެވެ. ހިތަށް އެރިއެވެ. މިހައި ދުވަސްވީ އިރު ވެސް މީހެއް ދެކެއެއް ލޯތްބެއް ނުވެވުނެވެ. އެ ފަދަ މީހެއް ނުފެނުނެވެ. ނުވެސް ފެންނާނެއެވެ.

"ތީ ހަމަ ހީވާ ގޮތް،" އަތީލާގެ ވިސްނުން ތަފާތެވެ. "ބައެއް ފަހަރު ލޯބި ހޯދާކަށް ނުޖެހޭނެ. އަންޖަލް ހުރި ތާކަށް ލޯބި އަންނާނެ."

ރާއިފު މޫދަށް ފުންމައިލިއެވެ. އޭނައަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރާ ޒުވާނެކެވެ. އާދައިގެ އިސްކޮޅެއްގެ ވެރި، ހަމުގެ ކުލަ އޮޅަލި، އަބަޔަ މީހެކެވެ. ބިރު ގަތުމާއި ޖެހިލުން ވުމަކީ ރާއިފު ދަންނަ ކަންކަމެއް ނޫނެވެ. ކަނދުރާއާ ހަމައަށް އޮންނަ ދިގު، ފަން، ކަޅު އިސްތަށިގަނޑު އަބަދު ވެސް އޮންނަނީ ނީކުނޑިކުލައިގައެވެ. ގިނައިން ހުންނަނީ ފަހަތަށް އައްސައިފައެވެ.

މާފިލާފުށީގެ ފަޅަށް ދޯނި ވަން އިރު ވެސް ފަޅުވެރިއަކު ހަނދާން ކޮށްދިނެވެ. މޫދުގެ އެ ދިމާގައި ޅަމިޔަރާއި މަޑި އުޅޭނެއެވެ. އެހެން ބުނުމުން ރާއިފުއަަކަށް ދެނެއް ދޯންޏަކު ނުހުރެވުނެވެ. މޫދަށް ފުންމައިލުމާ އެކު ރާއިފަށް މަޑިތައް ފެނުނެވެ. މިޔަރެއް ނުދެކެއެވެ. ރާއިފު ފެނިގެން މަޑިތައް ރާއިފުގެ ފަހަތަކުން ނާދެއެވެ. އެއީ ރާއިފު އުންމީދުކުރި ގޮތެވެ. ފީނުމަކީ ރާއިފުގެ އެއް ހޮބީ ވެސް މެއެވެ. ފަތާފައި ގޮސް މާފިލާފުށްޓަށް އެރި އިރު ވެސް ރާއިފު ވަރުބައްޔެއް ނުވެއެވެ. ލައިގެން ހުރި، ހުދުކުލައިގެ ޓީޝާޓު ބާލައި، ސޯޓު މަތިން އަނދެލައިގެން ރަށުތެރެއަށް އެރިއެވެ. ފަޅުރަށެއް ކަމުން މީހަކު ނުފެނެއެވެ.

"މަންމާ!" ރާއިފު ނިކަން ބާރަށް ގޮވިއެވެ.

ކޮންމެ މީހަކާ ވެސް ސަމާސާ ކުރުމަކީ، އުމުރުން ބާވީސް އަހަރުގެ ރާއިފުގެ ކަށީގައި ހިފައިފައި ހުންނަ ކަމެކެވެ. އޭނަ ދެކެ މީހުން ލޯބިވާ ސިފައެކެވެ. އެ ކަމުގައި މީހާގެ ކުލައަކަށް، ނަސްލަކަށް، ޖިންސަކަށް، އުމުރަކަށް ވެސް ރާއިފު ނުބަލައެވެ. ރާއިފު ހިތަށް އެރިއެވެ. އަތުގައި ފޯނު އޮތް ނަމައެވެ.

މާމަޔާ މަޝްވަރާ ކުރަން ކާފަ ދިޔުމުން އަންޖަލް ޖޯލީގައި އޮށޯތެވެ. އެ ޖޯލި ހުރީ އެލުވައިފައެވެ. އެލުވާފައިވާލެއް އުސްކަމުން، އަންޖަލްގެ ފައި ބިންމަތީގައި ޖެހެނީ ކިރިޔާއެވެ. އެ ވަރުން ވެސް، ހެއްލުނު ގޮތަކަށް އަންޖަލް ޖޯލި ހެއްލިއެވެ. އެއް ފަހަރު ބިމުގައި ފައި ޖެހުނިއްޔާ، އަނެއް ފަހަރަކު ނުޖެހެއެވެ.

"ހާދަ ވަރަކަށް ތި ގޮވަނީ؟" ދަބަހެއް ކޮނޑުގައި އަޅުވަމުން އައި މުހުސިނާ ބުންޏެވެ.

"އާނ މަ އެބަ ޖެހޭ އެ މަންޖެއަށް ގޮވައިލީމަ އަޑުއިވޭ ހިސާބުގަ ހުންނަން،" ނިޒާރު ބުންޏެވެ. "ތީ ކޮން ދަބަހެއް؟"

"ބަލަ ފުރަންވީނު؟" މުހުސިނާ ބުންޏެވެ. "އަހަރުމެން އަންހެންވެރިން ފޮށިތައް ތައްޔާރު ކޮށްފަ އެހެރީ. ފިރިހެނުންނަށް ގޮވާ! މިހާރު ވެސް މާ ލަސްވެއްޖެ!"

މުހުސިނާ ފުރަން ތައްޔާރުވީ ނިޒާރު ބުނެގެންނެވެ. އެހެންކަމުން، ފުރުން ކެންސަލު ކުރަން ބުނަން ނިޒާރަކަށް އެހައި ފަސޭހައެއް ނުވިއެވެ. ފުރަތަމަ ކަމަކަށް، މުހުސިނާގެ ކޮނޑުން ދަބަސް ނަގައި ބިންމަތީގައި ބެހެއްޓިއެވެ. އެ ތަނުގައި ހުރި ގަސްގަނޑެއް މަތީ މުހުސިނާ ބައިންދައި، ގާތުގައި ނިޒާރު އިށީނެވެ.

"މިހާރު ކޮން ކަމެއް ލައިގަތީ؟" މުހުސިނާ އެހިއެވެ.

"އެ މަންޖެ އެބަ ބުނޭ އެއް ރޭ މަޑުކޮށްލަން. އެހެންވެ އަހަރެން..." ނިޒާރަށް ބުނެވުނީ އެ ހިސާބަށެވެ.

"ނުވާނެ ނުވާނެ. ދެނެއް ނުވާނެ،" މުހުސިނާ ތެދުވަމުން ބުންޏެވެ. "ހާދަހާ މަސައްކަތަކުންނޭ ފޮށިތައް.."

އެ ހިސާބުން މުހުސިނާގެ އަތުގައި ހިފައި އަލުން ބައިންދައި، ވިސްނައިދިނުމުގެ މަސައްކަތް ނިޒާރު ފެށިއެވެ.

"ތި ކަން އެނގެޔޭ މުހުސިނާ!" ނިޒާރު ބުންޏެވެ. "އެކަމަކު ދެން އަންޖޫ ބުނީމަ.."

"ދިމްނާ ކުޑަކޮށް ހުން ވައްތަރުވެފައޭ ހުރީ،" މުހުސިނާ އުޒުރު ދެއްކިއެވެ. "ނިޒާރު ކައިރީގަ އެ ވަރަށް ބުނީމަ ވެސް ބޭހެއް ނުގެނޭ! ފޮށްޓަށް އެއްޗެހި އަޅަން އުޅެނިކޮށް މި އުޅޭ ރުގިއްޔާ އަތުން ކުކިންއޮއިލް ފުޅި ބަންޑުންވެއްޖެ! އަނެއް ކޮޅުން މަދިރި ނުލާހިކު ގިނަ. މަ ހީކުރީ މަދިރިފުޅިގަނޑު ދަބަހަށް ލެވުނު ކަމަށް. އެ ވެސް ނުގެނެވޭ!"[

ފަޅުރަށުގައި އިތުރު ދުވަހަކު މަޑުކުރުމަކީ މުހުސިނާ ކުރާނެ ކަމެއް ނޫނެވެ. ނިޒާރު ބެލީ މުހުސިނާ ރުއްސޭތޯއެވެ. ރާއިފު މަންމައަށް ގޮވަމުން، ދެފަޔަށް ބާރުލައިފައި އައެވެ.

"ވިންދުވަނީ ގެއްލިފައޭ.. ލޯބިވާގެ ހަނދާންވެފާ.." އަންޖަލް އޮތީ، އެ ވަގުތު ބޮލުތެރޭގައި އެނބުރުނު ލަވައެއް ކިޔާށެވެ.

އެ ހިސާބަށް ކިޔާފައި، ނޭނގޭ ބައި ހޫނހޫނއަކަށް ބަދަލުކޮށްލީއެވެ.

"މީ ކޮން ޕަރީއެއް؟" ފަހަތުން ރާއިފު ބުނި އަޑުއިވުނެވެ.

އަންޖަލް ވަގުތުން ލަވަ ހުއްޓައިލާފައި ޖޯލި އަނބުރައިލިއެވެ. ކުރިމަތީގައި ހުރީ ނުދަންނަ ޒުވާނެކެވެ. އޭނާގެ ހަށިގަނޑު، ކުޅަދާނަ މާވަޑިއަކު ލަކުޑީން ހަދައިފައިވާ ކިއްސަރެއް ކަހަލައެވެ. އޭރު ވެސް ރާއިފު ގައިން ލޮނު ނުހިކެއެވެ.

"ހުއްޓައިލީ؟ ކިޔާބަލަ!" ޗޮކެއް ކަނޑައިފައި ރާއިފު އެދުނެވެ. "ތީ ދޮންކަމަނަގެ ލަވައެކޭ! ސްޓާފް ނައިޓްގަ ވަރަށް ގިނައިން ތި ލަވަ ޖަހަން. އަނެއްބައިގަ ކިޔާނީ، ނިންޖެއް ނެތް ލޯ މި ވަނީ.. ކަރުނައިން ތެމިފޯވެފާ.."

ރާގުގައި ރާއިފު ލަވަ ކިޔައިލިއެވެ. ކިއިލެއް އެހައި ގޯހެއް ނޫނެވެ. ރާއިފު ހުރީ ނިކަން ހިނި އައިސްފައެވެ. އެހެނަސް އަންޖަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަލަށް ފެނުނު މީހަކު އެހައި ރައްޓެހިކޮށް ވާހަކަ ދައްކާތީއެވެ.

"ރާއިފު!" ސަލާން ކޮށްލަން އަތް ދިއްކޮށްލަމުން ރާއިފު ބުންޏެވެ. "އިބްރާހީމް ރާއިފު ވެސް ކިޔާ! ރާއި ވެސް ކިޔާ! ޕަރީ ބޭނުން ނަމަކުން ގޮވަންވީ."

ދެން ވެސް އަންޖަލް ހަރަކާތެއް ނުކުރިއެވެ. ބަލަހައްޓައިގެން އިނީއެވެ.

"މީހަކު ނަން ބުނީމަ ޖެހޭނެ ނަން ބުނެލަން،" ރައްޓެހި ރާގެއްގައި ރާއިފު ބުންޏެވެ. "ނަން ބުނެލާ، ސަލާން ކޮށްލާ، ހަލޯ ހައި ބުނެލާ.."

"ރާއިފު؟ ދަރިފުޅާ؟" މީހަކު ބުނި އަޑުއިވުނެވެ.

ރާއިފު އާއި އަންޖަލް އެ ދިމާއަށް ބަލައިލިއެވެ. އޭރު ރުގިއްޔާ ދެ އުކުޅުގައި އަތްވިއްދައިގެން، ބަލަހައްޓައިގެން ހުއްޓެވެ.

"މަންމަ ހޯދާހޯދާ!" އެ ދިމާއަށް ހިނގައިގަންނަމުން ރާއިފު ބުންޏެވެ. "މިއަދު ހަމަ ކުއްލިއަކަށް ރަށަށް ޖައްސައިލަން ޗާންސެއް ލިބުނީ. ގެއަށް ދިޔަ އިރު މަންމައެއް ނެތް. ބުނީ މި ރަށުގަޔޯ! އެހެންވެ ހަމަ މަންމަ ދެކިލަން މި އައީ."

ރާއިފު އައި ގޮތަށް އައިސް ރުގިއްޔާ ގައިގައި އޮޅުލައިގަތެވެ.

"ހޫނހޫނ!" ރުގިއްޔާ ބުންޏެވެ. "މަންމަ ފޯކޮށްލަންތަ ތި އުޅެނީ؟ މިހާރު މި ދަނީ ފުރަން. ގުޅައިލާފަ އައި ނަމަ."

"ފުރަނީއޭ! އަޅެ ނޫން!" އަންޖަލްއަށް ބުނެވުނެވެ. "ކާފާ! ކާފާ!"

ނިޒާރު އެ ތަނަށް އައެވެ. ގާތުގައި މުހުސިނާ ވެސް ހުއްޓެވެ.

"އާނ ދަރިފުޅާ!" މުހުސިނާ ބުންޏެވެ. "ނެތޭ ތިބެވޭކަށް. ދޯ ނިޒާރު؟"

ނިޒާރު ބޭނުންވަނީ މުހުސިނާއާ އެއްބަސްވާށެވެ. އެކަމަކު ދޫ އެ ކަމަށް ރުހުންނުދޭ ކަހަލައެވެ.

"ދެން މި ރޭ މަޑުކޮށްލާނީ ދޯ؟" ނިޒާރަށް ބުނެވުނީ އެހެންނެވެ. "އެކަމަކު އެބަ ޖެހޭ ބައެއް އެއްޗެހި ގެންނަން."

"ގެނޭ ލިސްޓު!" ރާއިފު ވަގުތުން ބުންޏެވެ. "ސާމާނު މި ކޮޅަށް ވައްޓާލަފާނަން. މައްސަލައެއް ނޯންނާނެ."

ނިޒާރު ބަލައިލީ މުހުސިނާއަށެވެ. މުހުސިނާ ބަލައިލީ ރުގިއްޔާއަށެވެ. ރުގިއްޔާ ބަލައިލީ ރާއިފަށެވެ. ރާއިފު އެއް ފަހަރު މަންމައަށް، އަނެއް ފަހަރު އަންޖަލްއަށް ބަލައިލިއެވެ.

"އެ ހަމަޖެހުނީނު!" އަންޖަލް ބުންޏެވެ. "ހިނގާ ލިސްޓު ލިޔަން."

"ތެދެއް؟" ނިޒާރު ސުވާލު ރައްދުކުރީ މުހުސިނާއަށެވެ.

"އަހަންނަކަށް ނޭނގެ!" މުހުސިނާ އައި ކޮޅަށް ހިނގައިގަންނަމުން ބުންޏެވެ. "އަންޖޫއާ ނިޒާރަށް ފެންނަ ގޮތެއް ހަދާ! ރުގިއްޔާ ހިނގާ ކައްކަން އުޅެމާ!"

މުހުސިނާގެ ފަހަތުން ރުގިއްޔާ ހިނގައިގަތެވެ.

"ލިސްޓު ލިޔާ ވަރަކަށް ނެތޭ!" ނިޒާރު ބުންޏެވެ. "ކުކިންއޮއިލް ފުޅިއަކާ، ޕެނަޑޯލު ކާޑަކާ ދެން ކޯޗެއްތަ؟ އާނ.. މަދިރިހަފާތީ ހާކާ ފުޅި ހުރެއެއްނު! އޭގެ ފުޅިއެއް ގެނޭ! ގޭގަ އޮންނާނެ. އެކަނި ގޮސްގެން ފެންނާނެތަ އެ ކޮއި؟ އަހަރެން ދާންވީތަ؟"

"ކާފަ ކީއްކުރަން ދަނީ؟" ރާއިފު ވަގުތުން ބުންޏެވެ. "ދޯ އަންޖޫ! އަންޖޫ ހިނގައިދާނޭ!"

"އުހުނ އަހަރެން ދާނީ." ނިޒާރު ބުންޏެވެ.

"އަހަރެން ދާނީ." ނިޒާރުގެ ލޮލަށް ބަލައިލަމުން އަންޖަލް ބުންޏެވެ.

"ދޭބަލަދޭބަލަ!" ނިޒާރު ވަގުތުން އެއްބަސްވިއެވެ.

ރާއިފު އައި ދޯނި ފާލަން ކައިރީގައި އޮތެވެ. އަންޖަލް ދޯންޏަށް އަރަން އަތުގައި ހިފީ ރާއިފުއެވެ. އެއީ މުޅީން އާ އިއުސާސެއް އަންޖަލްއަށް ކުރެވުނު ފަހަރެކެވެ. އެއީ އާ ފެށުމެކެވެ. (ނުނިމޭ)