Roadha Mihaaru
ގޯނާތަކަށް ކުދިން ހޭލުންތެރި ކުރުވަން ހާއްސަ ފޮތެއް

ގޯނާތަކަށް ކުދިން ހޭލުންތެރި ކުރުވަން ހާއްސަ ފޮތެއް ނެރެފި

29 އެޕްރީލް 2018

ކުޑަކުދިންނަށް ކުރާ އެކިއެކި ގޯނާތަކަށް ހޭލުންތެރިކޮށް، އެކަންކަމަށް ނޫނެކޭ ބުނަން ދަސްކޮށްދިނުމަށް ހާއްސަކޮށްގެން ފޮތެއް ނެރެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުޑަކުދިންނަށް ކުރާ އެކިއެކި ގޯނާތަކަށް ހޭލުންތެރިކޮށް، އެކަންކަމަށް ނޫނެކޭ ބުނަން ދަސްކޮށްދިނުމަށް ހާއްސަކޮށްގެން ފޮތެއް ނެރެފި އެވެ.

"ނޫން! ބޭނުމެއް ނޫން!" ނަމުގައި ނެރުނު ފޮތް ލިޔުއްވާފައި ވަނީ ތައުލީމީ ދާއިރާގައި 24 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ، ލީލާ އަހުމަދެވެ. ފޮތުގެ ކުރެހުންތައް ކުރެހީ ލީލާގެ ކޮއްކޮ، އަދި ފިލްމުތަކުގެ ސްކްރިޕްޓް ރައިޓާ މަހުދީ އަހުމަދެވެ. އެ ފޮތުގެ އަގަކީ 100 ރުފިޔާ އެވެ.

"ނޫން ބޭނުމެއް ނޫން" ފޮތް ލޯންޗުކުރުމުގެ ހަފުލާގައި ބައެއް ކުޑަކުދިން ބައިވެރިވަނީ.

"ނޫން ބޭނުމެއް ނޫން" ފޮތް ލޯންޗުކުރުމުގެ ހަފުލާގައި ބައެއް ކުޑަކުދިން ބައިވެރިވަނީ.

ފޮތް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިން ކިޔާ ހިތްވާނެހެން ކޮންމެ ލިޔުމަކާ ގުޅޭ ކުރެހުމެއް ހިމަނައިގެންނެވެ. ކުދިންނަށް ގޯނާ ކުރާ މީހުންގެ އަމަލުތައް ހުންނާނެ ގޮތް، 20 ސޮފުހާގެ އެ ފޮތުގައި ވަނީ ބުނެދީފައިވެ އެވެ. އަދި ކުދިންގެ ހަށިގަނޑުގައި އަތް ލެވޭނީ ކޮންކޮން ބަޔަކަށް ކަމާއި ކުއްޖަކަށް ގޯނާކުރަން އުޅޭ ނަމަ ދެން ހަދަންވީ ކިހިނެއްކަން ވެސް ބުނެދީފައިވެ އެވެ.

"ނޫން ބޭނުމެއް ނޫން" ފޮތް ލިޔުއްވި ލީލާ ފޮތުގެ ތަފްސީލް ދެއްވަނީ.

"ނޫން ބޭނުމެއް ނޫން" ފޮތް ލިޔުއްވި ލީލާ ފޮތުގެ ތަފްސީލް ދެއްވަނީ.

ކުއްޖަކަށް ގޯނާއެއް ކުރަން މަސައްކަތް ކޮށްފި ނަމަ އެ ވާހަކައެއް އަވަހަށް ބެލެނިވެރިޔާ އަށް އެންގުމަަށާއި އެކަންކަމަށް ނޫނެކޭ ބުނާނީ ކިހިނެއްކަން ވެސް ފޮތުގައި ތަފްސީލްކޮށް ކިޔާދީފައިވެ އެވެ.

ފޮތް ލިޔުއްވި ލީލާ ވިދާޅުވީ ހަ މަސް ދުވަހުގެ އެ މަސައްކަތަކުގެ މަގުސަދަކީ ކުދިންނަށް ކުރާ ގޯނާތަކުން ސަލާމަތް ކުރުމަށް އެ ކުދިން ހޭލުންތެރި ކުރުވުން ކަމަށެވެ. އެހެންވެ، ބެލެނިވެރިންނާއި ކުދިންނަށް މުހިންމު ފޮތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫން ބޭނުމެއް ނޫން" ފޮތް ލޯންޗުކުރުމުގެ ހަފުލާގެ ތެރެއިން.

"ނޫން ބޭނުމެއް ނޫން" ފޮތް ލޯންޗުކުރުމުގެ ހަފުލާގެ ތެރެއިން.

"އަޅުގަނޑު ވަރަށް ރިސާޗް ހެދުމަށް ފަހު ނެރުނު ފޮތެއް މިއީ. ބޭނުން ވަނީ ކުދިންނަށް ނޫނެކޭ ބުނަން ދަސްކޮށްދޭން،" އާލީ ޗައިލްޑް ހުޑުން މާސްޓާސް ހައްދަވާފައިވާ ލީލާ ވިދާޅުވި އެވެ.

އެ ފޮތުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން އިތުރު ފޮތްތަކެއް ނެރުމަށް އޭނާ ވަނީ ނިންމަވައިފަ އެވެ. ލީލާމެންގެ ޕްރޮޑަކްޝަނަށް ދީފައިވާ ނަމަކީ "ފޮތް އަލަމާރި" އެވެ. އެއީ އޭނާގެ މަންމަ އަދި މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު ނަޖުމާ ހުސައިން ދިވެހިރާއްޖޭގެ އަޑުގައި ހުށަހެޅުއްވި ޕްރޮގުރާމެއްގެ ނަމެވެ.