Roadha Mihaaru
ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން

ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ޝަމީމް

20 ޖޫން 2024

ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން ކަމަށާއި ކުރަންވީ ކަމަކީ އެ ކުދިން އުޅޭ މާހައުލު ބަދަލުކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން ކަމަށާއި ކުރަންވީ ކަމަކީ އެ ކުދިން އުޅޭ މާހައުލު ބަދަލުކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާގެ ބްލޮގުގައި "ކުށްކުރާ ކުޑަކުދިން–ހައްލަކީ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލުކުރުން" މައުލޫއު އަށް ލިޔުއްވި ލިޔުމުގައި ވިދާޅުވީ، ފުލުހުންގެ ތަހުގީގީ އިދާރާ އަދި ސަރުކާރުގެ ބައެއް ބޭފުޅުން ގަބޫލު ކުރައްވަނީ ކުށްކުރާ ކުޑަކުދިން ހުއްޓުވުމުގެ ހައްލަކީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ނުވަތަ 10 އަހަރަށް ހަގު ކުރުމަށް ފަހު، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ގޮތް ހެދުން ކަމަށެވެ.

ނަމަވެސް، ޝަމީމް ވިދާޅުވީ ރާއްޖޭގައި ކުޑަކުދިން ކުށްކުރަނީ އެ ކުދިންގެ މާހައުލުން އެ ކަމަށް ހިތްވަރު ލިބޭތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ކުށަށް ހިތްވަރު ލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާތީ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއް ކަމަކީ، ޕީޖީގެ ބްލޮގްގައިވާ ގޮތުން ކުށުގެ ނުރައްކަލަށް ހުށަހެޅިފައި ތިބި ކުދިންގެ މާހައުލު ބަދަލުކުރެވޭތޯ ބެލުމެވެ.

"އެ ކަން ކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ މީހުންނަށް އެބައޮތެވެ. ނަމަވެސް، މާހައުލު ބަދަލުކުރުމާއި އެ ބަދަލާ އެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ ސްވިޗަކަށް ފިތާލުން ކަހަލަ ކަމެއް ނޫނެވެ. ވަގުތަކުން ނަތީޖާއެއް ނުފެންނާނެ އެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެ އެވެ. ދައުލަތުގެ ވަސީލަތްތައް ވެސް އެ ކަމަށް ހޭދަކޮށްގެން، އެ ކުއްޖާ އާއި އެ ކުއްޖާގެ ވަށައިގެންވާ މާހައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންޖެހެ އެވެ،" ޝަމީމް ވިދާޅުވި އެވެ.

"އެ ކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތް ނަމަ، ވަޒީފާއެއް ހޯދައިދޭންވީ އެވެ. ތައުލީމީ ދާއިރާ އިން އެ ކުދިންނަށް އިތުރު ހާއްސަ ފުރުސަތުތައް ވެސް ލިބޭނޭ ގޮތް ހަދަންވީ އެވެ. ޔުނިވާސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކޮށް، ނުރަނގަޅު ރަހުމަތްތެރިންނާ އެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީ އެވެ. އެއާ އެކު، އެ ކުއްޖާއާ އެއްކޮށް އުޅޭ އެހެން ކުދިން ވެސް، މަޑުމަޑުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަންވީ އެވެ. އެ ކުއްޖާގެ ވަށައިގެންވާ މާހައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންވީ އެވެ."

ޝަމީމް ވިދާޅުވީ ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތުވާނެ ކަމަށެވެ. ކުޑަކުދިން ކުށްކުރަނީ ކުށެއް ކުރަން ވެގެން ނޫން ކަމަށާއި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ހެނދުނު ހޭލައިގެން މިއަދު ކުށެއް ކުރާނަމޭ ހިތަށް އަރާނެ ކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ގަބޫލު ކޮށްފާނެ ކަމަށް އޭނާގެ ހިތެއް ނުބުނާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަ އުޅެ އެވެ. ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1،500-2،000 އާ ދެމެދު ކަމަށް ބަލައިގެން ހިސާބު ޖަހައިފި ނަމަ އަދި އެ 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެ ނަމަ، މިއީ ގައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ޖަލުގައި ތިބި 70 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ. ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާ ނަމަ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނޯންނާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖުތަމައު އަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ހިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވެ އެވެ. ހޮސްޕިޓަލަށް މީހުން ދަނީ ފަރުވާ ހޯދާށެވެ. ބަލިން ރައްކާތެރިވާން ކުރަންޖެހޭ ކަންކަން ކުރުމަކީ ހޮސްޕިޓަލެއް ހޮސްޕިޓަލަކަށްވާ އެއް ސަބަބެވެ. ނަމަވެސް، އެ ތަނުންވެސް އިތުރު ބަލި ޖެހޭކަން ތަފާސް ހިސާބުން ފެންނަން އޮތީ މާ ސާފުކޮށެވެ." ބްލޮގުގައި ލިޔުއްވާފައިވެ އެވެ.

"ވީމާ، އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހާ ރައްކާތެރި ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެ އެވެ. މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ."

ޕީޖީ ވިދާޅުވީ ކުށްކުރާ ކުދިންނާއި ކުށަށް ހުށަހެޅިފައިވާ ކުދިންނަށް ފިޔަވަޅު އަޅައި ފަރުވާދެވޭނެ ނިޒާމުތައް މިހާރު ވެސް ގާނޫނުގައި ލިޔެފައި އެބައޮތް ކަމަށެވެ. ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ނެތީ ނޫން ކަމަށާއި ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ލާޒިމު ކުރެވޭނެ ގޮތަކާއި އިދާރާތަކުގެ ދައުރު މިހާރަށް ވުރެ ސާފުވާނޭ ގޮތެއް އޮތުމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިހާރު ގާނޫނު އޮތް ގޮތުން ވެސް އެއްވެސް ކަމެއް ނުވެގެން އުޅެ ންޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށާއި ކަންކަން ކުރާނެ ގޮތާއި ކުރެވޭނެ ގޮތް ހޯދޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިއީ ކުޑަ ނޫން މަސައްކަތެކެވެ. އަޅުގަނޑުމެންގެ އަމިއްލަ ދަރިން ތަރުބިއްޔަތު ކުރުމަށް ކެތްތެރިކަން ބޭނުންވާ ފަދައިން، އެ ކުދިން އިސްލާހު ކުރުމަށް ވެސް ކެތްތެރިކަން ބޭނުންވާނެ އެވެ. އަޅުގަނޑުމެންގެ ދަރިން ވެސް އަޅުގަނޑުމެން ބޭނުންނުވާ ގޮތަކަށް ކަންތައް ކުރީމާ، އެ ކުދިން ދުލެއް ނުކޮށްލަމު ނޫންތޯ އެވެ. އެ ކުދިންނަށް ރަނގަޅު ގޮތް ވިސްނައިދެވޭތޯ ކެތްތެރިކަމާއި ސާބިތުކަމާއެކު އެ ކުދިންނާއެކު މަސައްކަތް ކުރަނީ ނޫންތޯ؟ މިއީވެސް ހަމަ އެ ކަހަލަ ކުދިންނެވެ."

ޝަމީމް ވިދާޅުވީ އެ ފަދަ އާއިލާތަކަށް ބައެއް ފަހަރު ބޭނުންވަނީ މަގު ދައްކައިދީ، ކަންކަމާ މަޝްވަރާކުރާނެ ހަރުދަނާ މެންޓަރެއް ކަމަށެވެ. އިސްރަށްވެހިންގެ ކްލަބުގައި އެ ކަމަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ބައިވަރު މީހުން ތިބޭނެކަން ކަށަވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ މަސައްކަތަކުން އެންމެ ކުއްޖަކާއި އެ ކުއްޖާގެ އާއިލާ އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނެވުނަސް، މިކަމަށް ކުރި ހަރަދުގެ އަގު ލިބުނީ އެވެ. މާހައުލު ބަދަލުކުރުމަށް ކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ހަރަދަށް ވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއްކަމަށް އަޅުގަނޑަށް ފެނެ އެވެ،" ޕީޖީ ވިދާޅުވި އެވެ.