Roadha Mihaaru
ޖެންޑާ އިން މީޑިއާ އަށް ފިޔަވަޅު އެޅޭނެ: ޝަމީމް

ޝަމީމް ވިދާޅުވީ، ޖެންޑާ މިނިސްޓްރީން މީޑިއާ އަށް ފިޔަވަޅު އެޅޭނެ ކަމަށް

28 ޖޫން 2021

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ މައުލޫމާތުތައް ޝާއިއު ކުރުމާ ގުޅޭ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީން މީޑިއާ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ މައުލޫމާތުތައް ޝާއިއު ކުރުމާ ގުޅޭ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީން މީޑިއާ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު މިދިޔަ ހަފުތާގައި ރަހީނުކޮށް، މަރާލަފައި އޮއްވައި ފެނުނު މައްސަލައިގައި އެ މަރު ރިޕޯޓުކުރި އިރު ބައެއް މީޑިއާތަކުން ވަނީ އެ ކުއްޖާގެ ވަނަވަރާއި ދިމާވެފައިވާ އާއިލީ މައްސަލަތަކުގެ އިތުރުން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ހުރި ގޮތުގެ ތަފްސީލުތައް ލިޔެފަ އެވެ. އެއީ ކޮން ކުއްޖެއްކަން އެނގޭ ވަރަށް ވަނަވަރު ތިލަކުރިއިރު، އެ ކުއްޖާއާ މަސްތުވާތަކެއްޗާ ވެސް ބައެއް މީޑިއާތަކުން ގުޅުވައި ރިޕޯޓު ކޮށްފައި ވެ އެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ ތިން މީޑިއާއަކަށް ނަސޭހަތްދީ އެއް މީޑީއާ ޖޫރިމަނާކޮށްފަ އެވެ. އެ މައްސަލައިގައި "އަވަސް" އޮންލައިން 2،000ރ. އިން ޖޫރިމަނާކުރިއިރު، އެ މިނިސްޓްރީން ނަސޭހަތްތެރިވީ "ވަގުތު" އާއި "ވަން އޮންލައިން" އަދި "އަދަދު" އޮންލައިނަށެވެ.

އެ ނިންމުމާ ގުޅިގެން ސަރުކާރަށް ފާޑުކީ މީހުން ބުނެފައި ވަނީ، މީޑިއާ އަށް ފިޔަވަޅު އަޅަން ޖެހޭނީ އެ ތަންތަން ރެގިއުލޭޓު ކުރަން ހަދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކޮމުން ކަމަށާއި ސަރުކާރުން އެކަން ކުރުމަކީ ނުބައި ސަގާފަތެއް ކަމަށެވެ.

ޖެންޑާ މިނިސްޓްރީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށް، ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި މިއަދު އާންމު ކުރެއްވި އޯޑިއޯއެއްގައި ވިދާޅުވީ، ކުރިން އެގޮތަށް [ކުއްޖާ އަކީ ކާކުކަން އެނގޭ ގޮތަށް] ނޫސްތަކުގައި ކުޑަކުދިންގެ މައުލޫމާތު ޝާއިއު ކުރެވެނީ، އޭރު އެކަމަށް ހާއްސަ ގާނޫނެއް ނޯންނާތީ ކަމަށެވެ. ނަމަވެސް، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިހާރު އަމަލު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ، ގާނޫނާ ހިލާފުވާ ކުޑަކުދިންގެ ޚަބަރު ޝާއިރު ކުރާއިރު، ކުއްޖާގެ މަސްލަހަތަށް އިސްކަންދީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރަން ވާނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 15 ވަނަ މާއްދާގައި އޮންނަ ކަމެވެ.

ޝަމީމް ވިދާޅުވިގޮތުގައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާ ކަމެކެވެ. ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މައުލޫމާތު ހާމަކުރާއިރު އެއްވެސް މީޑިއާއަކުން އެ ކުދިންގެ ވަނަވަރު އެނގޭނެ ގޮތަށް އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް ޝާއިއުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ

އެމްއެމްސީން ނެރެފައިވާ ކުޑަކުދިންގެ މައްސަލަތައް ރިޕޯޓު ކުރުމުގައި އަމަލު ކުރަންޖެހޭ ގައިޑްލައިންގައި ވެސް ކުޑަކުއްޖެއްގެ ކަރާމާތަށް އަސަރު ކުރާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ހުސެއިން ޝަމީމް: އޭނާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނެ ކަމަށް -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕީޖީ ހުސެއިން ޝަމީމް: އޭނާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނެ ކަމަށް -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭނާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީން ހާއްސަ ގާނޫނަކަށް އަމަލު ކުރަން ޖެހޭތީ ހާއްސަ ހާލަތުގައި، އެ މިނިސްޓްރީން މީޑިއާ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ކުރެވޭ ސަބަބުތައް އެބަހުރި ކަމަށެވެ.

"ގާނޫނީ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ޖެންޑާ މިނިސްޓްރީއާ ދެމެދުގައި ދެބަސްވުމެއް އެބަ އޮތް، އަޅުގަނޑަށް އެކަން އެބަ ފެނޭ. އެހެން ނަމަވެސް، އަޅުގަނޑަށް ފެނުނު ތަނުގައި ޖެންޑާ މިނިސްޓްރީ އަށް އަމަލު ކުރަން މި ޖެހެނީ ހާއްސަ ގާނޫނަކަށް. އެ ހާއްސަ ހާލަތުގައި ޖެންޑާ މިނިސްޓްރީ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުރި،" ޝަމީމް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އަދަބު ދިނުމުގެ ބަދަލުގައި މި ކަންކަން ހައްލު ކުރެވޭނީ ހޭލުންތެރިކަން ފަތުރައިގެން ކަމަށާއި މިހާރަށް ވުރެ ބޮޑަށް ނޫސްވެރިން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ޝަމީމް ފާހަގަ ކުރެއްވިގޮތުގައި، ގާނޫނުތަކުގައި އޮތް ގޮތް ބަޔާންކޮށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަމެއް ނުކުރުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އެޖެންސީން މި އަހަރު ފަސް ނޫސް ބަޔާނެއް ނެރެފައިވެ އެވެ. މިއީ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ދިމާވި މައްސަލައެއް ނޫން ކަމަށާއި މިއީ ކުރިން ވެސް އޮތް މައްސަަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.