Roadha Mihaaru
ޔޫރޯ 2024: ޓީމު - ހަންގޭރީ

ޔޫރޯ 2024: ޓީމު - ހަންގޭރީ

16 ޖޫން 2024

ހަންގޭރީއަކީ ފުޓްބޯޅައިގައި އިހްތިރާމް ލިބިފައިވާ ގައުމެކެވެ. ފުޓްބޯޅަ އަށް ހަންގޭރީ އިން ރަން ޖީލެއް ނެރުނީ 1950 ގެ އަހަރުތަކުގަ އެވެ. އެދުވަސްވަރު އެއީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޓީމެކެވެ. އެޓީމަކީ މިޒަމާނުގެ ޓޯޓަލް ފުޓްބޯޅައިގެ އީޖާދީ ވިސްނުން ފެށި ޓީމެވެ. އެޓީމުން އުފެދިގެން އަދި ފްރެންސް ޕުސްކަސް އަކީ 20 ވަނަ ގަރުނު ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. އަހަރުގެ އެންމެ މޮޅަށް ގޯލަށް "ޕުސްކަސް އެވޯޑް" ކީ އެހެންވެގެންނެވެ. ހަންގޭރީ ފުޓްބޯޅައިގައި ކުރި ރަނގަޅު ވާދައާއި އެގައުމުގެ ފުޓްބޯޅައިގެ ފިލޯސޮފީއަކީ ބޮޑު ތައްޓެއް ނުލިބުނަސް އެގައުމުގެ ނަން ފާހަގަކުރެވޭ އެއް ސަބަބެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހަންގޭރީއަކީ ފުޓްބޯޅައިގައި އިހްތިރާމް ލިބިފައިވާ ގައުމެކެވެ. ފުޓްބޯޅަ އަށް ހަންގޭރީ އިން ރަން ޖީލެއް ނެރުނީ 1950 ގެ އަހަރުތަކުގަ އެވެ. އެދުވަސްވަރު އެއީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޓީމެކެވެ. އެޓީމަކީ މިޒަމާނުގެ ޓޯޓަލް ފުޓްބޯޅައިގެ އީޖާދީ ވިސްނުން ފެށި ޓީމެވެ. އެޓީމުން އުފެދިގެން އަދި ފްރެންސް ޕުސްކަސް އަކީ 20 ވަނަ ގަރުނު ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. އަހަރުގެ އެންމެ މޮޅަށް ގޯލަށް "ޕުސްކަސް އެވޯޑް" ކީ އެހެންވެގެންނެވެ. ހަންގޭރީ ފުޓްބޯޅައިގައި ކުރި ރަނގަޅު ވާދައާއި އެގައުމުގެ ފުޓްބޯޅައިގެ ފިލޯސޮފީއަކީ ބޮޑު ތައްޓެއް ނުލިބުނަސް އެގައުމުގެ ނަން ފާހަގަކުރެވޭ އެއް ސަބަބެވެ.

ހަންގޭރީ ވަނީ މީގެކުރިން ނުވަ ވޯލްޑް ކަޕާއި ހަތަރު ޔޫރޯގައި ކުޅެފަ އެވެ. ވޯލްޑް ކަޕްގެ ދެ ވަނަ 1938 އަދި 1954 ވަނަ އަހަރު ހޯދި އެވެ. ގަވައިދުން ވޯލްޑް ކަޕަށް ކޮލިފައިވަމުން އައި ޓީމަށް ވެއްޓުމެއް އައީ 1986 ވަނަ އަހަރު އެވެ. އޭގެފަހުން އެޓީމު ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ފެނިފައެއްނުވެ އެވެ. ޔޫރޯގައި ކުޅުނު ހަތަރު މުބާރާތުގެ ތެރެއިން 1964 އަދި 1972 ވަނަ އަހަރު ސެމީގައި ކުޅެ ބަލިވި އެވެ. އެގައުމުގެ ރަން ޖީލު އޮއްސުމާއެކު ޔޫރޯގައި އެޓީމަށް ދެން އައީ ހުސްކަމެކެވެ. އެކަމަކު މަޑުމަޑުން ކުރިއެރުން ހޯދައި އެޓީމު 2016 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވި އެވެ. އެއީ 30 އަހަރަށް ފަހު އެގައުމު ބައިނަލްއަގްވާމީ ބޮޑު މުބާރާތަކުން ފެނުނު ފުރަތަމަ ފަހަރެވެ. އެ މުބާރާތުގެ ގަދަ 16 އިން ކެޓިއިރު އޭގެފަހުން 2020 ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓި އެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ފަހަރަކު ހަރުފަތެއް އުހަށް އަރަމުން ގޮސް، އެގައުމު މިހާރު ވާދަކުރީ ޔޫރަޕްގެ މަތީ ފަންތީގެ ޓީމުތައް ވާދަކުރާ ލީގު "އޭ" ގަ އެވެ.

މިފަހަރުގެ މުބާރާތަކީ ހަންގޭރީ ޖެހިޖެހިގެން ކޮލިފައިވި ތިން ވަނަ ޔޫރޯ އެވެ. އެގައުމުގައި މިހާރު އޮތީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެ އުއްމީދެއް އޮތް ޓީމެކެވެ. ކާމިޔާބީ އަށް އަމާޒުހިފައި ޔޫރޯގައި ހަންގޭރީ ނުކުންނާނީ ޖަރުމަނު، ސްކޮޓްލެންޑް އަދި ސްވިޒަލެންޑާ ދެކޮޅަށެވެ.

ކޮލިފައިވީ ގޮތް؟

ހަންގޭރީ ޔޫރޯ އަށް ކޮލިފައިވީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ ސާބިއާ، މޮންޓެނީގްރޯ، ލިތުއޭނިއާ އަދި ބަލްގޭރިއާ އެވެ. ކޮލިފައިންގެ އެއްވެސް މެޗަކުން އެޓީމު ބައްޔެއްނުވެ އެވެ. ފަސް މެޗުން މޮޅުވިއިރު ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. ކޮލިފައިންގައި 16 ގޯލު ޖެހިއިރު ހަތް ގޯލު ބައިކޮޅަށް ވަނެވެ.

މުހިއްމު ކުޅުންތެރިން:

ހަންގޭރީގައި މިހާރު އޮތީ ޔޫރަޕްގެ ވަރުގަދަ ޓީމުތަކާ ވާދަކޮށްލެވޭނެ ޓީމެކެވެ. އެޓީމުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ލިވަޕޫލަށް ކުޅޭ އެގައުމުގެ ކެޕްޓަން ޑޮމިނިކް ސޮބޮސްލާއީ އެވެ. މިހާރު 23 އަހަރުގެ ސޮބޮސްލާއީ އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ގައުމު ތަމްސީލުކުރަމުންނެވެ. އެގައުމަށް މިހާތަނަށް ކުޅުނު 40 މެޗުގައި 12 ގޯލު ޖަހާފައިވެ އެވެ. މިފަހަރުގެ ކޮލިފައިންގައި ސޮބޮސްލާއީ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

ކޮލިފައިންގައި ހަންގޭރީގެ ޓީމުން އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިއަކީ 29 އަހަރުގެ ބާނަބަސް ވާގާ އެވެ. ސޮބޮސްލާއީއާ އެކު ކޮލިފައިންގައި އެޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނީ ވާގާ އެވެ. ވާގާ އަށް ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ ވެސް މިދިޔަ އަހަރު އެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި ކޮލިފައިންގައި ލިތުއޭނިއާ ކޮޅަށް ދެ މެޗުގައި އަދި ސާބިއާ ކޮޅަށް ގޯލު ޖެހި އެވެ.

ވާގާގެ އިތުރުން އެޓީމުގެ އެޓޭކިން މިޑްފީލްޑަރު ރޮލާންޑް ސަލާއީ އަކީ ވެސް މުހިއްމު ކުޅުންތެރިއެކެވެ. ޖަރުމަނުގެ ފްރެއިބާގަށް ކުޅެމުން އަންނަ ސަލާއީ، 26، ވަނީ ހަންގޭރީގެ ގައުމީ ޓީމަށް 47 މެޗު ކުޅެ 12 ގޯލު ޖަހައިފަ އެވެ. ކޮލިފައިންގައި ސަލާއީ ވަނީ ލިތުއޭނިއާ އަދި ސާބިއާ ކޮޅަށް ގޯލު ޖަހައިފަ އެވެ. ހަންގޭރީގެ ގޯލު މިފަހަރު ވެސް ބަލަހައްޓާނީ 34 އަހަރުގެ ތަޖުރިބާކާރު ޕީޓަ ގުލަކްސީ އެވެ. ޖަރުމަނުގެ އާރުބީ ލައިޕްޒިގް ކީޕަރު ވަނީ 2014 ވަނަ އަހަރުން ފެށިގެން ހަންގޭރީ އަށް 54 މެޗު ކުޅެފަ އެވެ. މިދިޔަ އަހަރުތަކުގައި ހަންގޭރީ އިން ކުޅުނު ކާމިޔާބު ޑިފެންސިވް ގޭމުގައި ކީޕަރު ގުލަކްސީ އަކީ ފާހަގަކޮށްލެވޭ ނަމެކެވެ.

ކޯޗު : މާކޯ ރޮސީ

އިޓަލީ އަށް އުފަން މާކޯ ރޮސީ، 59، ގައުމީ ޓީމެއްގައި ކުރާ ފުރަތަމަ ތަޖުރިބާއަކީ ހަންގޭރީ އެވެ. ރޮސީ ކޯޗިން ފެށީ 2004 ވަނަ އަހަރު އެވެ. އޭގެފަހުން މެދުފަންތީގެ ކްލަބްތަކުން ރޮސީ ވަނީ ފެނިފަ އެވެ. އޭގެތެރޭގައި ހަންގޭރީގެ ތިން ކްލަބެއް ހިމެނެ އެވެ. ހަންގޭރީގެ ކޯޗުކަމާ ރޮސީ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އޭގެފަހުން ކުޅުނު 62 މެޗުގެ ތެރެއިން 32 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. 14 މެޗު އެއްވަރުވިއިރު ބަލިވީ 16 މެޗުންނެވެ.