Roadha Mihaaru
3ޕަސެންޓް މީހުން ލޭ ދޭ ނަމަ ބޭނުންވާ ވަރަށް ހުންނާނެ

ރާއްޖޭގެ އާބާދީގެ ތިން ޕަސެންޓް މީހުން ލޭ ހަދިޔާކުރާނަމަ ބޭނުންވާ ވަރަށް ލޭ ލިބޭނެ: މިނިސްޓްރީ

14 ޖޫން 2024

ރާއްޖޭގެ އާބާދީގެ ތިން ޕަސެންޓް މީހުން ގަވައިދުން ލޭ ހަދިޔާކުރާނަމަ މި ގައުމަށް ބޭނުންވާ ވަރަށް ލޭ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އާބާދީގެ ތިން ޕަސެންޓް މީހުން ގަވައިދުން ލޭ ހަދިޔާކުރާނަމަ މި ގައުމަށް ބޭނުންވާ ވަރަށް ލޭ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަކީ ތެލަސީމިއާ ޕޭޝަންޓުން ނިސްބަތުން ގިނަ ގައުމަކަށްވާތީ، ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ، ހެލްތުން ބުނީ އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ އެއް ޕަސެންޓް މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށެވެ.

ނަމަވެސް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެ ނިސްބަތް ވަނީ ތިން ޕަސެންޓަށް މަތިކޮށްފަ އެވެ.

ރާއްޖޭގައި ބްލަޑް ބޭންކުން، ލޭގެ ގާތްގަނޑަކަށް 70 ޕަސެންޓް އަޅަނީ ތެލެސީމިއާ ޕޭޝަންޓުންނަށެވެ.

މިނިސްޓްރީން ބުނީ 2022 ވަނަ އަހަރުގެ ތެރޭގައި 53 ބްލަޑް ކޭމްޕް ބޭއްވި ކަމަށެވެ. މިދިޔަ އަހަރު އެ އަދަދު ވަނީ 62 އަށް އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 27 ބްލަޑް ކޭމްޕެއް ބޭއްވި އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބާއްވާފައިވަނީ 22 ކޭމްޕެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ހދ. ކުޅުދުއްފުށި އަދި ރ. އުނގޫފާރުގައި މި އަހަރު ނިމުމުގެ ކުރިން ބްލަޑް ބޭންކް ގާއިމްކުރަން ވަނީ އަމާޒު ހިފައިފަ އެވެ. އޭގެ އިތުރުން ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރަން ހުޅުމާލޭގައި ވަކި ހޮސްޕިޓަލެއް އަޅަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ލޭ ހަދިޔާ ކުރާ މީހުންގެ މި އަހަރުގެ ޝިއާރަކީ “Share life Give blood” ނުވަތަ ދިރިއުޅުން ހިއްސާކުރާށެވެ. ލޭ ދޭށެވެ!