Roadha Mihaaru
ހައްޖަށް ދިޔަ މީހަކަށް ހާޓްއެޓޭކެއް ޖެހިއްޖެ

ހައްޖަށް ދިޔަ ދިވެއްސަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ

10 ޖޫން 2024

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން މައްކާ އަށް ދިޔަ ދިވެއްސަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން މައްކާ އަށް ދިޔަ ދިވެއްސަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހައްޖުގެ އަޅުކަމަށް ސައުދީ އަށް މިއަދު މެންދުރު ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ދިވެހި ހައްޖުވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.

ހާޓްއެޓޭކް ޖެހުނު މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އެ ބޭފުޅާގެ އާއިލާ އަށް ވާނީ ގުޅާފައި. އެ ބޭފުޅާގެ ހާލު އާއިލާ އަށް ވާނީ އަންގާފައި. މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަނުން ވެސް އެ ބޭފުޅާގެ ހާލަތު ވަރަށް ގާތުން އަންނަނީ ބަލަމުން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ދިވެހިންގެ ހާލު ބެލުމަށް ޑޮކްޓަރުންގެ ހާއްސަ ޓީމެއް ވެސް ތިބެ އެވެ. އަދި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް ވެސް ހުރެ އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ އެންމެ ފަހު ގްރޫޕް މިއަދު ވަނީ ފުރައިފަ އެވެ. އެއީ 150 މީހުންނެވެ. މި އަހަރު ރާއްޖެ އަށް ވަނީ 1،150 ހައްޖު ކޯޓާ ލިބިފަ އެވެ.