Roadha Mihaaru
ބިދޭސީންނާ ގުޅޭ ހިދުމަތްތައް ލަސްވެދާނެ: މިނިސްޓްރީ

ބިދޭސީން ގެނައުމާ ގުޅޭ ކަންކަން މުރާޖައާ ކުރާތީ ހިދުމަތް ދިނުން ލަސްވެދާނެ: މިނިސްޓްރީ

05 ޖޫން 2024

ރާއްޖެ އަށް ބިދޭސީން ގެނައުމާ ގުޅޭ އުސޫލު މުރާޖައާކޮށް، ކަންކަން ދަނެގަނެ އިސްލާ ކުރުމުގެ މަސައްކަތް ފަށާފައިވާތީ ބިދޭސީންނާ ގުޅުން ހުރި ބައެއް ހިދުމަތްތައް ދިނުން މި ދުވަސްވަރު ކުރިއަށް ވުރެ ލަސްވެދާނެ ކަަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނެފި އެވެ.

ރާއްޖެ އަށް ބިދޭސީން ގެނައުމާ ގުޅޭ އުސޫލު މުރާޖައާކޮށް، ކަންކަން ދަނެގަނެ އިސްލާ ކުރުމުގެ މަސައްކަތް ފަށާފައިވާތީ ބިދޭސީންނާ ގުޅުން ހުރި ބައެއް ހިދުމަތްތައް ދިނުން މި ދުވަސްވަރު ކުރިއަށް ވުރެ ލަސްވެދާނެ ކަަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، ބިދޭސީންގެ ކޯޓާ އާއި ވޯކްޕާމިޓާއި ޑިޕޮޒިޓް ފައިސާ ދޫކުރުން ފަދަ ހިދުމަތްތައް އާންމުކޮށް ދޭ ވަރަށް ވުރެ މި ދުވަސްވަރު ލަސްވުން އެކަށީގެން ވެ އެވެ.

އެއީ ހޯމް މިނިސްޓްރީން ބުނިގޮތުގައި، ބިދޭސީން ގެނައުމާ ގުޅޭ އުސޫލު މުރާޖައާ ކުރުމުގެ އިތުރުން މިހާރު އަމަލުކުރާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާ ގާތުން ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރާތީ އެވެ. އޭގެ އެއް ބޭނުމަކީ ބިދޭސީންނާ ގުޅޭ ހިދުމަތް ލިބިގަންނަ މީހުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ބިދޭސީންނާ ގުޅޭ އެކިއެކި ހިދުމަތްތައް ދިނުމުގައި މި ދުވަސްވަރު ލަސްވެދާނެތީ އެ ކަމަށް މާފަށް އެދެމުން ހޯމް މިނިސްޓްރީން ބުނީ، މިހާރު ފަށާފައިވާ ކަންކަން އަވަހަށް ނިންމަން މަސައްކަތް ކުރާ ކަމަށެވެ.

އެ ކަމާ ގުޅޭ އިތުރުން މައުލޫމާތު 1500 އަށް ގުޅައިގެން ނުވަތަ xpat@1500help.mv އަށް އީމެެއިލް ކުރުމުން ލިބޭނެ އިންތިޒާމު އެ މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖެ އަށް މިހާތަނަށް ބިދޭސީން އެތެރެކުރި 10،000 އަށް ވުރެ ގިނަ ފަރާތްތަކުން ފީ އާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ފައިސާ ދައުލަތަށް ދައްކަން ޖެހިފައި އެބަހުރި ކަމަށް ހޯމް މިނިސްޓްރީން ރޭ ކުރި އެހެނެ އިއުލާނެއްގައި ބުންޏެވެ. އެ އެންމެންގެ ނަންމަތީގައި 102،807 ބިދޭސީން ރަޖިސްޓަރީ ކޮށްފައިވާ ކަން ވެސް ހޯމް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކަ އެވެ.

އެހެންވެ، އެ ހުރިހާ ފައިސާއެއް އަންނަ މަހުގެ 18 ގެ ކުރިން ދައްކަން އެ މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ. އެ މުއްދަތުގެ ނިޔަލަށް ފައިސާ ނުދައްކާ އެންމެން ސަސްޕެންޑުކޮށް، ނަންތައް ވެސް އާންމު ކުރަން ހޯމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ފައިސާ ނުދައްކައިފި ބިދޭސީންނާ ގުޅޭ ހިދުމަތްތައް އެ ފަރާތްތަކަށް ދިނުން މެދުކަނޑާލަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ތިބި ބިދޭސީންނާ ގުޅޭ ކަންކަން ހަމަޔަކަށް އަޅުވަން މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފެށުމާއި އެ މީހުން ގަވާއިދުތަކަށް ފެއްތުން ހިމެނެ އެވެ. ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ވެސް އެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދެ އެވެ.