Roadha Mihaaru
ބިދޭސީންގެ ފީތައް ނުދައްކާ މީހުން ސަސްޕެންޑު ކުރަނީ!

ބިދޭސީންގެ ފީތަކުގެ ގޮތުގައި ލިބެންޖެހޭ އަދަދު ބިލިއަނަކަށް ވުރެ މަތި، އެންމެން ސަސްޕެންޑުކުރަނީ!

04 ޖޫން 2024

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ އެކި ކަހަލަ ފީތަކާއި ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށާއި އެ ފައިސާ އަންނަ މަހުގެ 18 ގެ ކުރިން ނުދައްކައިފި ނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ އެކި ކަހަލަ ފީތަކާއި ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށާއި އެ ފައިސާ އަންނަ މަހުގެ 18 ގެ ކުރިން ނުދައްކައިފި ނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ބިދޭސީންނާ ގުޅިގެން ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް އަންނަ މަހުގެ 18 ގެ ކުރިން ދައްކަން އަންގައިފަ އެވެ.

އެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ މީހުންގެ ނަންތައް އާންމުކޮށް އިއުލާންކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ މީހުން ސަސްޕެންޑް ކުރުމުގެ އިތުރުން ބިދޭސީންނާ ގުޅޭ އާ ހުއްދަތައް އެ މީހުންނަށް ދޫކުރުން މެދުކަނޑާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ބިދޭސީންނާ ގުޅޭ އެކިއެކި ފީތަކާއި ޖޫރިމަނާތައް ދައްކަންޖެހޭ ފަރާތްތަކުގެ އަދަދަކީ 10،619 އެވެ. އެ އެންމެންގެ ނަންމަތީގައި 102،807 ބިދޭސީން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

ބިދޭސީންގެ ފައިސާ އާއި ޖޫރިމަނާ ނުދައްކާ ތިބި ފަރާތްތަކުން އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 1500 އަށް ގުޅުމަށް ވެސް ހޯމް މިނިސްޓްރީން އެދުނެވެ. އަދި xpat@1500help.mv އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ސާފުވާނެ ކަމަށް ބުންޏެވެ.

ރާއްޖޭގައި ތިބި ބިދޭސީންނާ ގުޅޭ ކަންކަން ހަމަޔަކަށް އަޅުވަން މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފެށުމާއި އެ މީހުން ގަވާއިދުތަކަށް ފެއްތުން ހިމެނެ އެވެ. ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ވެސް އެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދެ އެވެ.