Roadha Mihaaru
ބިދޭސީންގެ ކަންކަން ބޮއްސުންލިޔަ ނުދޭން ފިޔަވަޅުތަކެއް!

ނުފޫޒު ފޯރުވައިގެން، ގާނޫނާ ހިލާފަށް ބިދޭސީން އެތެރެވިޔަ ނުދޭނަން: އިހުސާން

21 ޑިސެމްބަރ 2023

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެންނަން ހަތަރު އަހަރަށް ފަހު އަލުން ހުއްދަ ދިނީ އެކަމަށް މަޖުބޫރުވެގެން ކަމަށާއި ނަމަވެސް ގަވައިދާ ހިލާފަށް މީހުން އެތެރެވިޔަ ނުދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއްގެ ތެރެއިން ހަރުކަށި އުސޫލަކުން ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެންނަން ހަތަރު އަހަރަށް ފަހު އަލުން ހުއްދަ ދިނީ އެކަމަށް މަޖުބޫރުވެގެން ކަމަށާއި ނަމަވެސް ގަވައިދާ ހިލާފަށް މީހުން އެތެރެވިޔަ ނުދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއްގެ ތެރެއިން ހަރުކަށި އުސޫލަކުން ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ވަރަށް ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ކުރިއަށް ގެންދާއިރު، އެ މަޝްރޫއުތަކަށް ބޭނުންވާ މަސައްކަތްތެރިން ރާއްޖެ ނުލިބޭތީ، ގައުމުތަކުން މަސައްކަތްތެރިން ގެންނަން މަޖުބޫރުވެފައިވާ ކަމަށެވެ. ބަންގްލަދޭޝް އާއި އިންޑިއާ އަދި ނޭޕާލުން ވެސް މަސައްކަތްތެރިން ގެންނަން ހުޅުވާލީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ބިދޭސީންގެ މައްސަލަ ބޮއްސުން ނުލާނެ ކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ. ހާއްސަކޮށް ގައުމުތަކުގެ އެމްބަސީތަކާ އެކު މަސައްކަތް ކުރާ ކަން އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެ ގެނެވޭ ފަރުދުންނަކީ ގާނޫނީ އިމުގެ ތެރެއިން އެ ބޭފުޅުން [އެމްބަސީތަކުން] ހުއްދަ ދެވިފައިވާ އެޖެންސީތަކަކުން ސޯސް ކުރެވިގެން ގެނެވޭ މަސައްކަތްތެރިންކަން އަޅުގަނޑުމެން އެބަ ޔަގީން ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެއާ އެކު، ހިއުމަން ޓްރެފިކިންގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކާއި ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، އެކި ގޮތްގޮތުން ނުފޫޒުން މަސައްކަތް ކުރަމުންދާ ކުންފުނިތަކަށް ޖާގައެއް ނުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވުޒާރާގެ ތެރެއިން ވެސް ލޯ އެންފޯސްމެންޓް އިދާރާތަކުގެ ތެރެއިން ވެސް ދެން މި ފުރުސަތެއް ނުލިބޭނެ. އަޅުގަނޑަށް އޮތް ޔަގީންކަމަކީ މިހާރު މިއޮތް ވުޒާރާގެ ތެރެއަށް ނުފޫޒު ފޯރުކޮށްގެން ގާނޫނާ ހިލާފަށް މީހަކު އެތެރެވިޔަ އަޅުގަނޑުމެން ނުދޭނަން،" އިހްސާން ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހްސާން ވާހަކަ ދައްކަވަނީ: ގަވައިދާ ހިލާފަށް ބިދޭސީން އެތެރެވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހްސާން ވާހަކަ ދައްކަވަނީ: ގަވައިދާ ހިލާފަށް ބިދޭސީން އެތެރެވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގަވައިދުގެ ތެެރެއަށް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮންމެ ބިދޭސީއަކީ ވެސް ފިންގަޕްރިންޓް ނަގައި، އައިޑެންޓްވިފައި އަދި އެކައުންޓް ކޮށްފައިވާ މީހެއްކަން ކަށަވަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އޭގެ ތެރެއިން ފާހަގަކުރެވޭ ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ވަގުތުން ވަގުތަށް ރާއްޖޭން ބޭރު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ ފުލުހުންނާ އެކު ކުރާ މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ރާއްޖޭން ފޮނުވާލާފައިވާ ކަމަށެވެ. މިހާރު ވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސައިޓްތަކަށް ދާއިރު އެބަ ތިބޭ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން އެހެން ސައިޓްތަކުގައި މަސައްކަތް ކުރާ މީހުން. އެ މީހުންނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މި މަސައްކަތް ކުރަނީ. އެކަމަކު ވޯކް ޕާމިޓް ފީ ވެސް ދައްކައިގެން މި ތިބެނީ،" ޝަމްއާން ވިދާޅުވި އެވެ.

"އެކަމަކު ހުއްދައިގެ ބޭރުން އެހެން ކޮންމެ ތަނަކު މަސައްކަތް ކުރިޔަސް ގަވައިދާ ހިލާފު އެ ވަނީ. ހިސާބުން އަޅުގަނޑުމެންނަށް މަޖުބޫރުވޭ އެ މީހާ ބެލުމުގެ ދަށަށް ގެންނަން."

އިހުސާން ވިދާޅުވި ގޮތުގައި އިމިގްރޭޝަންގެ ބޯޑަ ކޮންޓްރޯލް ސިސްޓަމުން ދައްކާ ގޮތުން ރާއްޖޭގައި މި ވަގުތު ބަންގްލަދޭޝްގެ 90،624 ބިދޭސީން އެބަތިއްބެވެ. ބިދޭސީންނަށް 139،000 އެކްޓިވް ވޯކްޕާމިޓު ދޫކޮށްފައިވާކަން ބިދޭސީންގެ އެކްސްޕެޓް ސިސްޓަމުން ދައްކާ ކަމަށާއި އޭގެ ތެރެއިން ފާއިތުވި އެއް އަހަރުގެ ތެރޭގައި ބަރާބަރަށް ފައިސާ ދައްކާފައިވަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މި ވަގުތު 90،624 ބިދޭސީން ތިބި ކަމަށް އާ ސަރުކާރުން ބުންޏަސް، އޭގެ ތެރެއިން ގާނޫނާ ހިލާފަށް ތިބި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ. މިނިސްޓަރު ވިދާޅުވީ ބިދޭސީއަކު ރާއްޖޭގައި ގަވައިދާ ހިލާފުވުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި ނޭޝަނަލް ސެކިއުރިޓީ މިންގަނޑުން ބަލާ ނަމަ ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައުލޫމާތު ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.