Roadha Mihaaru
ބިދޭސީންގެ މައުލޫމާތު އެއްކުރުން ކައުންސިލްތަކަށް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ދެނެގަތުން ކައުންސިލްތަކަށް ވެސް ދޫކޮށްލަނީ

20 ޖުލައި 2024

ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ފިންގްޕްރިންޓް ނެގުމުގެ ކަންކަން ސީދާ ލޯކަލް ކައުންސިލްތަކަށް ދޫކޮށްލެވޭނެ ހާއްސަ ނިޒާމެއް މިރޭ ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ފިންގްޕްރިންޓް ނެގުމުގެ ކަންކަން ސީދާ ލޯކަލް ކައުންސިލްތަކަށް ދޫކޮށްލެވޭނެ ހާއްސަ ނިޒާމެއް މިރޭ ތައާރަފުކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހު ކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ފިންގަޕްރިންޓް މެޝިންތަކުގެ އެހީގައި، އެ ރަށެއްގައި ތިބޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގާނެ ކަމަށެވެ. އޭގެ ނަތީޖާއަކީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ފަސޭހަކަމާ އެކު، ދަނެގަނެވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، އެ ބިދޭސީންގެ މައުލޫމާތުތައް ހޯމް މިނިސްޓްރީގެ ސެންޓްރަލް ޑޭޓާ ސެންޓަރަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ އަށް ފަހު ކައުންސިލް އަށް އޮޓޯ އިން ސިސްޓަމްގެ ޒަރީއާ އިން ލިބިދޭނެ އެ ރަށުގައި ތިބި ބިދޭސީންގެ ދަފްތަރު،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރަށްރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު އެކުވާލައި ބެލެހެއްޓުމަކީ ކައުންސިލްތަކަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ކަމަކަށް ވިޔަސް އެއީ މިހާތަނަށް އުނދަގޫ މަސައްކަތެކެވެ. ބައެއް ކައުންސިލްތަކުން މިހާރު ވެސް ބިދޭސީންގެ ދަފްތަރު ބަލަހައްޓާ ކަމަށާއި އެ ކަމަކު އެއީ 100 ނުވަތަ 200 ވަރަކަށް ބިދޭސީން ތިބޭ ރަށްރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް ހާހުން، ދެ ހާހުން ބިދޭސީން ތިބި ރަށްރަށުގައި މިކަން ކުރަން ފަސޭހަ ކަމަކަށް ނުވާނެ. އެކަން އަޅުގަނޑުމެން ގަބޫލުކުރާ ހާލު އޮޕަރޭޝަން ކުރަނގީގެ ދެ ވަނަ ފޭސް މި ދަނީ މި ކަމަށް މަގުފަހި ކުރަމުން،" އިހުސާން ވިދާޅުވި އެވެ.

ﷲ ގެ އިރާދަފުޅާ އެކު، ރައީސްގެ އިންސްޓްރަކްޝަނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަނީ ތިން އަހަރު ތެރޭގައި، ރާއްޖޭގައި މި އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް އެއްކޮށް ދާއިމީ ހައްލެއް ގެނައުމަށް،"--- އިހުސާން

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އަށް ބޮޑު ހައްލެއް ގެންނަން މި ސަރުކާރުން އަމާޒު ހިފައި، އޮޕަރޭޝަން "ކުރަނގި" ގެ ފޭސް 1 ހާއްސަކުރީ ސިޔާސަތުތައް އެކުލަވާލުމަށާއި ރަށްރަށުގެ ހާލަތު ދެނެގަނެ އެޕްލިކޭޝަންތައް ތައްޔާރު ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ފަހުން އެކުލަވައިލި "ކުރަނގި 2" ގެ އެކްސެސް ކައުންސިލްތަކަށް ސަރުކާރުން ދޭނެ ކަމަށެވެ.

"އޭރަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ނުވަތަ ޝައްކު ކުރެވޭ ބިދޭސީއެއް ނަމަ ކައުންސިލް މެމްބަރަކު ގޮސް އެ މީހާގެ ފޮޓީ ނަގާލާ ހިސާބުން އެ އެޕްލިކޭޝަންގެ ޒަރީއާ އިން އެއީ ކާކުކަން، ކީއްކުރާ މީހެއްކަން، ކޮން ކުންފުންޏެއްގެ ނަމުގައި އައިސްފައިވާ މީހެއްކަން، އެންމެ ފަހުން ވިސާ ދެއްކީ ކޮން އިރަކު ކަން އެނގިގެން ދާނެ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި އުޅޭ ފުލުހުންނަށް ވެސް ހަމަ އެ ފުރުސަތު އޮންނާނެ ކަމަށާއި ބިދޭސީއެއްގެ ފޮޓޯ ނަގައި ސިސްޓަމަށް އެޅުމާ އެކު، އެ ބިދޭސީމީހާގެ ހުރިހާ މައުލޫމާތެއް ފުލުހުންނަށް އެނގޭނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން އަދި ހޯމް މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން އަދި ހޯމް މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ފޭސް 2 ގައި ކައުންސިލްތަކަށް މި ބާރުވެރިކަން ދިނުމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް މީހުން އުޅެމުންދާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ފުރަތަމަ ބައި ނިމުނީ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުން ނުވަތަ އައިޑެންޓިފައި ކުރަން ސަރުކާރުން ކަނޑައަޅާފައި ވަނީ ތިން އަހަރެވެ. އަދި ދެ ވަނަ އަހަރާއި ތިން ވަނަ އަހަރު ކުރާނެ ކަމަކީ އައިޑެންޓިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ﷲ ގެ އިރާދަފުޅާ އެކު، ރައީސްގެ އިންސްޓްރަކްޝަނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަނީ ތިން އަހަރު ތެރޭގައި، ރާއްޖޭގައި މި އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް އެއްކޮށް ދާއިމީ ހައްލެއް ގެނައުމަށް،" އިހުސާން ވިދާޅުވި އެވެ.