Roadha Mihaaru
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް

ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން ދެވަނަ ފުރުސަތެއް، އެކްސްޕެޓް ސިސްޓަމް ސަސްޕެންޑް ކުރަނީ!

17 އޯގަސްޓް 2024

ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ހުރި ޖޫރިމަނާތައް މި މަހުގެ ނިޔަލަށް ދައްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިތުރު މުއްދަތެއް މިރޭ ދީފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ހުރި ޖޫރިމަނާތައް މި މަހުގެ ނިޔަލަށް ދައްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިތުރު މުއްދަތެއް މިރޭ ދީފި އެވެ.

ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކުގެ ވަނަވަރު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އާންމު ކުރުމާ އެކު، އެ މިނިސްޓްރީން އެ ދުވަހު އެންގީ މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދައްކައި ނިންމުމަށެވެ.

އެކަމަކު، އެ މުއްދަތު ހަމަވެ، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރީ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ 20 ކުންފުންޏަކުންނެވެ. އެކަމަކު، ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ނުކުރި ނަމަވެސް ބައެއް ކުންފުނިތަކުން ބޮޑު އަދަދަކުން ފައިސާ ދައްކަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު، ފައިސާ ދައްކައި ހަލާސް ނުކުރާތީ އަދިވެސް ގިނަ ކުންފުނިތައް ވަނީ "ބްލެކް ލިސްޓް" ކެޓަގަރީގަ އެވެ.

ލިސްޓު އާންމުކުރި ފަހުން ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރި 20 ކުންފުނި:

1- އެލިއާ ކޮންސްޓްރަކްޝަން

2- އަންގިރި ރިސޯޓްސް މެނޭޖުމަންޓް އެންޑް އޮޕަރޭޝަންސް

3- ބްރެނީނާ މޯލްޑިވްސް

4- ޗިކާނޯ އިންވެސްޓްމަންޓްސް

5- އީސްޓް ކޯސްޓް އިންވެސްޓްމަންޓު

6- ގޭޖް

7- ހެވީ ފޯސް

8- ހޮރައިޒަން ފިޝަރީޒް

9- އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ

10- މަހޮގަނީ ޕްރައިވެޓް ލިމިޓެޑް

11- ޕެސްޓް އެކްސް މޯލްޑިވްސް

12- ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމަންޓް

13- ރެޑްވޭވް

14- ރެނާޓަސް ޕްރޮޖެކްޓްސް

15- ސީގަލް ގުރޫޕް

16- އެސްކޭ މޯލްޑިވްސް

17- ދަ ހޯކްސް

18- ޔުނިވާސަލް އެންޓަޕްރައިސަސް

19 ވިލާ ހަކަތަ

20- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ

ހޯމް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައިވާ ގޮތުން، ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ކުރުމަށް މި މަހުގެ ނިޔަލަށް ދިން ދެ ވަނަ ފުރުސަތު ހަމަވުމަށް ފަހު ފައިސާ ނުދައްކާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ އެވެ. އެއީ ބިދޭސީންގެ އެކްސްޕެޓް ސިސްޓަމުން އެ ކުންފުނިތައް އަންނަ ސެޕްޓެމްބަރު 1 އިން ފެށިގެން ސަސްޕެންޑު ކުރުމެވެ. އޭގެ މާނައަކީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޭ ހުރިހާ ހިދުމަތްތައް އެ ފަރާތްތަކަށް ދިނުން މެދުކަނޑާލުމެވެ.

ބިދޭސީންގެ ވޯކްޕާމިޓާއި ވޯކް ވިސާ ދޫކުރުން ފަދަ ހުރިހާ ހިދުމަތްތަކެއް ސަރުކާރުން ދެނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.

ބިދޭސީންގެ ޖޫރިމަނާ ފައިސާތައް ނުދައްކައިގެން މިދިޔަ މަހުގެ 24 ގައި އިއުލާންކުރި ލިސްޓުގައި ހިމެނެނީ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 100،000ރ. އަށް ވުރެ އިތުރު ވެފައިވާ ކުންފުނިތަކުގެ ނަންތަކެވެ،

ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ލިސްޓު އާންމުކުރިތާ ތިން ހަފުތާ ވީ ދުވަހު ހޯމް މިނިސްޓްރީން ބުނެފައި ވަނީ 182،954،572ރ. ރިކަވާ ކޮށްފަ އެވެ.

ސަރުކާރުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ. ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަން ވެސް ލިސްޓުން އެނގެ އެވެ.

ޖޫރިމަނާތަކުގެ ތަފުސީލް

ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ.

ކޯޓާ ފީގެ ގޮތުގައި 96،550،286ރ.

ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ އަދި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމާއި ބިދޭސީންނާ ގުޅޭ ފައިސާތައް ދައުލަތަށް ހޯދުމަށް މި ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.