Roadha Mihaaru
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ

ބިދޭސީންގެ ޖޫރިމަނާ ދައްކަން ޕޭމަންޓް ޕްލޭނެއް ހަދަން ފުރުސަތު ދީފި

02 ސެޕްޓެމްބަރ 2024

ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް ފައިސާ ދެއްކުމަށް ތިން ވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދީ އަދި ފައިސާ ދައްކައި ހަލާސްކުރުމަށް ޕްލޭނެއް ހެދުމުގެ ފުރުސަތު ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް ފައިސާ ދެއްކުމަށް ތިން ވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދީ އަދި ފައިސާ ދައްކައި ހަލާސްކުރުމަށް ޕްލޭނެއް ހެދުމުގެ ފުރުސަތު ދީފި އެވެ.

ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ހުރި ޖޫރިމަނާތައް ދައްކަން އެންމެ ފުރަތަމަ ފުރުސަތު ދިނީ މިދިޔަ މަހުގެ 12 ގެ ނިޔަލަށެވެ. އަދި އޭގެ ފަހުން 24 ވަނަ ދުވަހާ ހަމަޔަށް މުއްދަތު އިތުރުކޮށްދިނެވެ.

ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000ރ. އަށް ވުރެ މަދުން ދައްކަން ޖެހޭ ފަރާތްތަކުން މި މަހުގެ 16 ގެ ކުރިން ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ އެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކައި ހަލާސް ކުރުމަށް ދަތިވާކަމުގެ ޝަކުވާ ހުށަހަޅަމުންދެ އެވެ. އެހެންވެ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް އެއްބަސްވުމެއް ހެދުމުގެ ފުރުސަތު މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި 139،000 މަސައްކަތު މީހުންނަށް ހުއްދަ ދޫކޮށްފައި ވިޔަސް ބަރާބަރަށް ފައިސާ ދައްކަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ތަފާތު ވަޒީފާތަކަށް ރާއްޖެއަށް ބިދޭސީން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ، ވަޒީފާ ދޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރުމަށް ކެބިނެޓުން ވެސް ނިންމާފައިވެ އެވެ. ހޯމް މިނިސްޓްރީން ވަނީ މީގެ ކުރިން ބިދޭސީންގެ ވޯކްޕާމިޓް ފީ އާއި ޖޫރިމަނާ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ފަށައި، އަދި އެ ފަދަ މީހުންގެ މައުލޫމާތު ކޮންމެ މީހަކަށް އިމިގްރޭޝަނަށް ހުށަހެޅޭނެ ޕޯޓަލްއެއް ވެސް ތައާރަފްކޮށްފަ އެވެ.