Roadha Mihaaru
މިސްކިތްތައް ސާފުކުރަން އިތުރު ދިވެހިން ހޯދަނީ

މިސްކިތްތައް ސާފުކުރަން އިތުރު ދިވެހިން ހޯދަނީ

28 މެއި 2024

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.

އެ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް 13 ދިވެހި ފިރިހެނުން ހޯދަން އިއުލާން ކޮށްފަ އެވެ.

މުސާރައިގެ ގޮތުގައި 5000ރ. ހުށަހަޅާފައި ވާއިރު ސާވިސް އެލަވެންސްގެ ގޮތުގައި 1500ރ. ހުށަހަޅާފައިވެ އެވެ. އަދި އިތުރު ގަޑީގެ އެލަވެލްސް ގޮތުގައި 3500ރ. އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވެލްސްގެ ގޮތުގައި 75ރ. ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކުރަން ޖެހޭ މަސައްކަތް:

- މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން

- މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން

- ކައުންސިލް އިދާރާގެ މަސައްކަތްތައް

އެ ވަޒީފާ ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ކައުންސިލްގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގެ މިސްކިތްތައް ކުރިން ސާފުކުރަމުން އައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރަން ކައުންސިލުން ނިންމައި މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި އެވެ.

އެންމެ ފުރަތަމަ އެކަމަށް އިއުލާނު ކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ. ފުރަތަމަ ފަހަރު އެކަމަށް 114 ދިވެހިން ހޯދަން އިއުލާން ކުރުމުން ކުރިމަތިލީ އެންމެ 14 މީހުންނެވެ. އެކަމަކު ދެވަނަ ފަހަރަށް އިއުލާނު ކުރުމުން ހޯދަން އިއުލާނުކުރި 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

މިދިޔަ ހޯމަ ދުވަހު ސިޓީ ކައުންސިލުން ބުނެފައި ވަނީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ދެން ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިން ކަމަށެވެ.