Roadha Mihaaru
މިސްކިތަކުން ތިން ރޭ މަތިން 7 ފަންކާ ވަގަށް ނަގައިފި

މާލޭގެ މިސްކިތަކުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ނަގައިފި

31 މާޗް 2024

މާލޭގެ މިސްކިތަކުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މިސްކިތަކުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ، ކަޅުހުރާ މަގުން އެތެރޭގެ ގޯޅިއެއްގައި ހުންނަ ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން އެއް ފަންކާ ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިއަދު އާންމުކޮށްފަ އެވެ.

އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މީހަކު ވަގަށް ގެންދަނީ އެ މިސްކިތުގައި ބަހައްޓާފައި ހުރި ފަންކަލެކެވެ.

މި ވީޑިއޯ ފުޓޭޖު މިހާރު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް މިދިޔަ ހަފުތާގައި ވަނީ ވަގަށް ގެންގޮސްފަ އެވެ.

މި ރޯދަމަހު ވަނީ މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ވެސް ބަޔަކު ގެއްލުން ދީފަ އެވެ. ގެއްލުން ދީފައި ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައި ވެ އެވެ. ނަމަވެސް އެ މައްސަލަތަކުގައި މީހަކަށް ފިޔަވަޅު ކަމަށް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެ ސަރަހައްދުން ވަނީ 110 ވައްކަން ކޮށްފަ އެވެ.