Roadha Mihaaru
އީދު މިސްކިތުން އަނެއްކާވެސް ވައްކަންކޮށްފި

އީދު މިސްކިތް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ވެސް ވައްކަން ކޮށްފި

28 އޯގަސްޓް 2024

މާލޭގެ އީދު މިސްކިތުން އަނެއްކާ ވެސް ވައްކަން ކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގެ އީދު މިސްކިތުން އަނެއްކާ ވެސް ވައްކަން ކޮށްފި އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވައްކަން ކޮށްފައިވާ އީދު މިސްކިތުން ރޭގެ ވަގުތެއްގައި ވައްކަން ކުރީ މަރާމާތަށް މިސްކިތް ބަންދުކޮށްފައިވަނިކޮށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މިސްކިތް ބަންދު ކޮށްފައިވަނިކޮށް ވައްކަން ކޮށްފައިވަނީ ރޭ އިރުއޮއްސި 06:00 އާއި 10:00 އާ ދޭތެރޭގައި ކަމަށެވެ.

މި ފަހަރު ވަގަށް ނެގި ތަކެތީގެ ތެރޭގައި 13 ބޮތްކާއި އަށް ފަންކާގެ ނަރުތައް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ މި މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އީދު މިސްކިތު ބޮކިތައް ވަގަށް ނަގާފައި. -- ފޮޓޯ: ސިޓީ ކައުންސިލް

އީދު މިސްކިތު ބޮކިތައް ވަގަށް ނަގާފައި. -- ފޮޓޯ: ސިޓީ ކައުންސިލް

"މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އީދު މިސްކިތުން ވައްކަން ކުރި މައްސަލަ ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އެ މިސްކިތުން 10 ފަންކާ ވަގަށް ނަގާފައިވެ އެވެ.

އީދު މިސްކިތުން ވައްކަން ކޮށްފައި: މި ފަހަރު ވަގަށް ނަގާފައިވަނީ ފަންކާ ނަރުތަކާއި ބޮކިތައް -- ފޮޓޯ: ސިޓީ ކައުންިސލް

އީދު މިސްކިތުން ވައްކަން ކޮށްފައި: މި ފަހަރު ވަގަށް ނަގާފައިވަނީ ފަންކާ ނަރުތަކާއި ބޮކިތައް -- ފޮޓޯ: ސިޓީ ކައުންިސލް

މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން، އެ ތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ވައްކަންތަކާ ގުޅިގެން ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި އެކި ފަހަރު މަތިން ޕޯސްޓުތައް ކޮށްފައި ވެސް ވެ އެވެ.

މީގެ ކުރިން ފުލުހުން ވަނީ މިސްކިތްތަކުން ވައްކަން ކުރި ބައެއް މީހުންގެ ވީޑިއޯ އާންމުކޮށްފަ އެވެ.