Roadha Mihaaru

4،000 ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ އަތުލައިގެން ފިލައިފި

ޒިޔާރަތް މިސްކިތަށް ނަމާދަށް އެރި ދުވަސްވީ މީހަކަށް ޑޮލަރު ދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ރުފިޔާ ހިފައިގެން ފިލި ސިޓީ ކައުންސިލުގެ މުވައްޒަފެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ އަތުލައިގެން ފިލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 އޯގަސްޓް 2025

ޒިޔާރަތް މިސްކިތަށް ނަމާދަށް އެރި ދުވަސްވީ މީހަކަށް ޑޮލަރު ދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ރުފިޔާ ހިފައިގެން ފިލި ސިޓީ ކައުންސިލުގެ މުވައްޒަފެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ޒިޔާރާތް މިސްކިތުގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅުނު މައުރޫފް އަލީ ނަމަކަށް ކިޔާ އެ މީހާ ވަނީ މިސްކިތަށް އަރާ ދުވަސްވީ މީހަކަށް 4،000 ޑޮލަރު (ގާތްގަނޑަކަށް 61،680ރ.) ވިއްކާނެ ކަމަށް ބުނެ، އެ އަދަދަށްވާ ފައިސާ ނަގައިފަ އެވެ. އަދި އެހެން މީހަކަށް ވެސް 1000 ޑޮލަރު ވިއްކާނެ ކަމަށް ބުނެ އޭގެ ފައިސާ ނަގާފައިވާ ކަމަށްވެ އެވެ.

އެކަމަކު ފައިސާ ނެގުމަށް ފަހު އެމީހާ ވަނީ ފިލައިފަ އެވެ.

އެ މައްސަލާގައި "މިހާރު" އިން ސުވާލުކުރުމުން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ކައުންސިލަށް ހުށަހެޅިގެން އެޗްއާރުން ވެސް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ހިނގި ފަހުން އެ މުވައްޒަފު އޮފީހަކަށް ނުނުކުމެ އެވެ.

"އެކަމެއް ހިނގި ފަހުން އޭނަ އޮފީހަކަށް ނުނިކުމޭ. އޭނާގެ ސުޕަވައިޒަރަށް މެސެޖެއް ފޮނުވާފައިވޭ އަންގާރަ ދުވަހު، ވަޒީފާ އިން ކެނޑެން ބޭނުންވާ ކަމަށް ބުނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުން ވަޒީފާ ލިބިފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުގެ ވަޒީފާ އިން ވަކިވާން އެދި އެމީހާ ވަނީ ސުޕަވައިޒަރަށް މެސެޖެއް ފޮނުވާފައި ކަމަށެވެ. އެކަމަކު އޭނާ ވަޒީފާއަށް ނުނުކުތް ނަމަވެސް މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.