Roadha Mihaaru
ފުވައްމުލަކަށް ހިދުމަތްތެރި އަބްދުﷲ ރަފީގް ނިޔާވެއްޖެ

ފުވައްމުލަކަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ރަފީގު ނިޔާވެއްޖެ

26 މެއި 2024

ފުވައްމުލަކަށް އެކި ދާއިރާތަކުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަބްދުﷲ ރަފީގް މިއަދު ނިޔާވެއްޖެ އެވެ.

ފުވައްމުލަކަށް އެކި ދާއިރާތަކުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަބްދުﷲ ރަފީގް މިއަދު ނިޔާވެއްޖެ އެވެ.

އުމުރުން 93 އަހަރުގައި ރަފީގު ނިޔާވީ އިންޑިއާގެ ކޮޗިންގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އޭނާ ނިޔާވިއިރު ހަތް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. ކުރީގެ މިނިސްޓަރު އަދި މިހާރު ރެއިންބޯ ކުންފުނީގެ ވެރިޔާ އިބްރާހިމް ރަފީގާއި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގުގެ އިތުރުން "ހަވީރު" ނޫހުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގުގެ ބައްޕާފުޅަކީ ވެސް އަބްދުﷲ ރަފީގެވެ.

ރަފީގަކީ ހަވީރުގެ ކުރީގެ ޗެއާމަން، ޑރ. މުހަންމަދު ޒާހިރު ހުސައިންގެ ބޭބޭފުޅެވެ.

އަބްދުﷲ ރަފީގް އަނބިކަނބަލުންނާ އެކު.

އަބްދުﷲ ރަފީގް އަނބިކަނބަލުންނާ އެކު.

ފުވައްމުލަކުގެ ކުރީގެ ބޮޑުކަތީބު މުހައްމަދު ވަހީދު އަހުމަދު ވިދާޅުވީ މަޖީދިއްޔާ ސްކޫލްގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު 1952 ވަނަ އަހަރު އެނބުރި ފުވައްމުލަކަށް ވަޑައިގެން އަތޮޅު އޮފީހުގައި މަސައްކަތް ކުރެއްވުމަށް ފަހު ރަފީގް އެކި ދާއިރާތަކުން ފުވައްމުލަކަށް ހިދުމަތް ކޮށްދެއްވި ކަމަށެވެ.

މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލްކުރައްވައި ރަށުގައި ހިދުމަތް ފެއްޓެވީ ޓީޗަރެއްގެ ގޮތުގަ އެވެ. އެގޮތުން ކުޑަކުދިންނަށް ކުޅިވަރު ދަސްކޮށް ދެއްވި އެވެ. އޭނާ އަކީ ފުވައްމުލަކު ސްކޫލްގެ ފުރަތަމަ ފުޓްބޯޅަ ކޯޗެވެ. އޭގެ ފަހުން ދަނޑުވެރިކަން ފަދަ ދާއިރާތަކުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ރަފީގްއަކީ ރަށުގެ އެންމެންގެ ވެސް ވަރަށް އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެންމެން ވެސް ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް އެއީ. އަމިއްލަ މަސައްކަތުން ދިރިއުޅުއްވި. ދޭތެރެއަކުން ދަނޑުވެރިކަމުގެ މަސައްކަތް ވެސް ކުރައްވާނެ." އޭނާ ވިދާޅުވި އެވެ.

ރަފީގް: ފުވައްމުލަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި.

ރަފީގް: ފުވައްމުލަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި.

ހިދުމަތުން ދުރަށް ވަޑައިގެން ފުވައްމުލަކުގެ ހިތްފަސޭހަ މާހައުލުގައި ދިރިއުޅެއްވި އިރު "ދި އެޑިޝަން"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވަނީ ރަފީގްގެ ދިރިއުޅުމުން ބައެއް ވާހަކަތައް ހިއްސާކުރައްވައިފަ އެވެ. މާލޭގައި ދިރިއުޅުއްވި އިރު އަނބިކަނބަލުންނާ ދިމާވެ 60 އަހަރު އެކުގައި ހޭދަކުރެއްވި ގޮތާއި ހަތް ދަރިންނާއި ކާފަ ދަރިން ދެކެ ވާ ލޯބި ކިޔައިދެއްވި އެވެ.

އޮޅު ހެއްދުމާއި ދަނޑު ގޮވާންކުރުން ފަދަ އަމިއްލަ މަސައްކަތުން އާދައިގެ ގޮތަށް ފުވައްމުލަކުގައި ދިރިއުޅުން ފެއްޓެވި ނަމަވެސް ކުރެއްވުނު ބުރަ މަސައްކަތާ އެކު ރަށަށް ކޮށްދެއްވުނު ހިދުމަތާ މެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކުގެ ރީތި ކަމާއި ހިތްފަސޭހަ ކަމުގައި ދަރިންނާއި ކާފަ ދަރިންނާ އެކު ދިރިއުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެ އިންޓަވިއުގައި ވިދާޅުވި އެވެ.